Roadha Mihaaru
މެންބަރުންނަށް ފިޔަވަޅު އެޅުމާމެދު ރައީސް މަޝްވަރާކޮށްފި

ވިޕާ ހިލާފުވާ މެމްބަރުންނަށް ފިޔަވަޅު އަޅާ އުސޫލާ ބެހޭ ގޮތުން ރައީސް ޔާމީން ޕީޖީ ގްރޫޕާ މަޝްވަރާކުރައްވައިފި

21 އޯގަސްޓް 2016

ވެރިކަން ކުރާ ޕީީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ނިންމުންތަކާ ހިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމާ ބެހޭ އުސޫލާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާ މިއަދު މަޝްވަރާކުރައްވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ވެރިކަން ކުރާ ޕީީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ނިންމުންތަކާ ހިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމާ ބެހޭ އުސޫލާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާ މިއަދު މަޝްވަރާކުރައްވައިފި އެވެ.

މުލިއާގޭގައި މެންދުރުފަހު 12:30ގައި ފެށި ބައްދަލުވުމަށް ފަހު ނުކުމެވަޑައިގެން ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހަޅާ ކޮންމެ ކަމަކީ އުސޫލެއްގެ ގޮތުން ތްރީ ލައިން ވިޕެކެވެ. މުޅި ޕާލިމެންޓްރީ ގްރޫޕުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުން ދެކޮޅު ނުހައްދަވާ ކޮންމެ ކަމެއްގައި އެކަމަކާ އެއްކޮޅަށް ވޯޓު ދެއްވަން ކޮންމެ މެމްބަރަކަށް ވެސް ޖެހިވަޑައިގަންނަވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އެކަމަކު، ބައެއް ހާލަތްތަކުގައި ކަންކަން ކުރެވިދާނެ ގޮތްތަކާއި ޕާލިމެންޓްރީ ގްރޫޕުގެ ނިންމުންތަކާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ގޮތްތަކެއް މި ފަހުން އެކުލަވާލާފައިވާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެެވެ.

"އެކަން ނިންމީ އެންމެ މެމްބަރުން ތިއްބަވައިގެން. އެކަމަކު ރައީސް ވެސް އިންނަވައިގެން އެ ވާހަކަތައް ދައްކާލުން ރަނގަޅުވާނެ ކަމަށް ފެންނާތީ، މިއަދު އެކަހަލަ ބައެއް ކަންކަން އޮތް،" ތިން ގަޑިއިރަށް ވުރެ ދިގުވެގެން ދިޔަ ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވި އެވެ.

އެކަމަކު، ނިހާން ފާހަގަކުރެއްވި ގޮތުގައި މިއަދު ބޭއްވީ ހާއްސަ ބައްދަލުވުމެއް ނޫނެވެ. މި ބައްދަލުވުން ބޭއްވީ ޕާލިމެންޓްރީ ގްރޫޕުން އެދިގެން ކަމަށާއި، އެދިފައިވާތާ މިހާރު ދެ ތިން މަސްދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ތްރީ ލައިން ވިޕާ ހިލާފުވެވަޑައިގަންނަވާ މެމްބަރުންގެ ވަނީ މި ފަހުން އިތުރުވެފަ އެވެ. އޭގެ ތެރޭގައި ޖަލްސާގައި ހާޒިރުވެވަޑައިގެން ވޯޓު ނުދެއްވާ މެމްބަރުންނާއި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިއްބަވާ މެމްބަރުންގެ އިތުރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގެން ވިޕްލައިނާ ހިލާފުވެވަޑައިގަންނަވާ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ވޯޓު ދޭ ގަޑި އަށް ޖަލްސާ އިން ބޭރަށް ނުކުމެވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ ގޮތަށް ވިޕާ ހިލާފުވެވަޑައިގެންނެވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކު އަދި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފެވެ.

ވިޕާ ހިލާފުވެވަޑައިގެންނެވި މެމްބަރުން (ކ-ވ) ފާރިސް، ސަލީމް، މުސްތަފާ، ހުސެން މަނިކު، ހަލީލް، ރެޑްވޭވް ސަލީމް، އަމީތު އަދި ނާޒިމް ރަޝާދު.

ވިޕާ ހިލާފުވެވަޑައިގެންނެވި މެމްބަރުން (ކ-ވ) ފާރިސް، ސަލީމް، މުސްތަފާ، ހުސެން މަނިކު، ހަލީލް، ރެޑްވޭވް ސަލީމް، އަމީތު އަދި ނާޒިމް ރަޝާދު.

މި މެމްބަރުން ދެކޮޅު ހެއްދެވި ބިލްތަކުގެ ތެރޭގައި ހިޔާލުފާޅުކުރުން ހުއްޓުވައި މިނިވަން ނޫސްވެރިކަން ނިގުޅައިގަތުމަށް ފާސްކުރި ބިލާއި އެއްވެ އުޅުން ހަނިކުރަން ފާސްކުރި ބިލުގެ އިތުރުން ކައުންސިލްތައް ކުޑަކުރަން ފާސްކުރި ބިލް ހިމެނެ އެވެ. މިއީ ފަހަކަށް އައިސް ޕީޕީއެމްގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިގެން ދިޔަ ބިލްތަކަކެވެ.

އެ މެމްބަރުންގެ ތެރެއިން ފާރިސް ޕާޓީން ވަކިކުރަން ސުލޫކީ ކޮމިޓީން ނިންމާފައި ވާއިރު، ދެން ތިއްބެވި ގިނަ މެމްބަރުން ވަނީ ބާރުގަދަ ކޮމިޓީތަކުން އާދައިގެ ކޮމިޓީތަކަށް ބަދަލުކޮށްފަ އެވެ. އަދި މުސްތަފާ އާއި ސަލީމް ހިމެނިވަޑައިގަންނަވާ ގޮތަށް ބައެއް މެމްބަރުން ޕާލިމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕުން ބޭރުކޮށްފައި ވެސް ވެ އެވެ. މީގެ އިތުރުން، މުސްތަފާ އާއި ސަލީމަށް މިއަދުގެ ބައްދަލުވުމަށް ދައުވަތެއް ވެސް ނުދެ އެވެ.

"އެއީ ޕާޓީން ކަނޑާ ނުލާ އަޅާ ފިޔަވަޅުތަކެއް،" މުސްތަފާ އާއި ސަލީމަށް ދައުވަތު ނުދިން މައްސަލައިގައި ނިހާން ވިދާޅުވި އެވެ.

މެންދުރުގެ ކެއުމާ އެކު މިއަދު ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް، ވިޕާ ހިލާފުވެވަޑައިގެންފައިވާ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ވަޑައެއް ނުގަންނަވަ އެވެ. އެކަމަކު، ބައެއް ކަންކަމުގައި ހިޔާލު ތަފާތުވުން ހުރި ކަމަށް ވިދާޅުވެ ޕާލިމެންޓްރީ ގްރޫޕުގެ ވައިބަ ގްރޫޕުން އަމިއްލަ އަށް ނުކުމެވަޑައިގެންފައިވާ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި މައްސަލަ އުފެދިފައި ވާއިރު، ޕާޓީގެ އެތެރޭގައި ވެސް ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފަ އެވެ. އެކަން ހައްލުކުރަން ސިވިލް ކޯޓަށް ހުށަހަޅައި މިހާރު ވަނީ ޝަރީއަތް ފަށައިފަ އެވެ.