Roadha Mihaaru
އޮޅުންބޮޅުން: މައިގަނޑު އުސޫލުތައް

އޮޅުންބޮޅުން: މައިގަނޑު އުސޫލުތައް

14 ނޮވެމްބަރ 2017

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައުމަށް ރައްޔިތުންގެ ތަރުޙީބު ހޯދުމަށް ރައްޔިތުންނަށް ބަހާ ވަޢުދު ކަރުދާސް ނުވަތަ ވަޢުދުނާމާގައި، މައިގަނޑު އުޞޫލުތަކުގެ ބޮޑު ތަފާތުތަކެއް ނުފެނެ އެވެ. ހުރިހާ ޕާޓީތަކުން ވެސް ބުނަނީ ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރާނެ ކަމުގަ އެވެ. އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ. އެއްވެސް ޕާޓީއަކުން މުސްތަޤިއްލު މުއައްސަސާތައް ނައްތާލާނެ ކަމަކަށް ނުބުނެ އެވެ. ނުވަތަ ވެރިކަން ލިބިއްޖެ ނަމަ ޤާނޫނުއަސާސީން އެ ބާބުތައް އުވާލާނެ ކަމަކަށް ވެސް ނުބުނެ އެވެ. ދީނީ ޢިލްމުވެރިން ގިނަ ސިޔާސީ ޕާޓީތަކުން ވެސް ފަތުރުވެރިކަން ނައްތާލާނެ ކަމަށް ނުބުނެ އެވެ. އަދި ހުރިހާ ދިވެހިން ކުރިއެކޭ އެއްގޮތަށް މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރުވާނެ ކަމަކަށް ވެސް ނުބުނެ އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައުމަށް ރައްޔިތުންގެ ތަރުޙީބު ހޯދުމަށް ރައްޔިތުންނަށް ބަހާ ވަޢުދު ކަރުދާސް ނުވަތަ ވަޢުދުނާމާގައި، މައިގަނޑު އުޞޫލުތަކުގެ ބޮޑު ތަފާތުތަކެއް ނުފެނެ އެވެ. ހުރިހާ ޕާޓީތަކުން ވެސް ބުނަނީ ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރާނެ ކަމުގަ އެވެ. އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ. އެއްވެސް ޕާޓީއަކުން މުސްތަޤިއްލު މުއައްސަސާތައް ނައްތާލާނެ ކަމަކަށް ނުބުނެ އެވެ. ނުވަތަ ވެރިކަން ލިބިއްޖެ ނަމަ ޤާނޫނުއަސާސީން އެ ބާބުތައް އުވާލާނެ ކަމަކަށް ވެސް ނުބުނެ އެވެ. ދީނީ ޢިލްމުވެރިން ގިނަ ސިޔާސީ ޕާޓީތަކުން ވެސް ފަތުރުވެރިކަން ނައްތާލާނެ ކަމަށް ނުބުނެ އެވެ. އަދި ހުރިހާ ދިވެހިން ކުރިއެކޭ އެއްގޮތަށް މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރުވާނެ ކަމަކަށް ވެސް ނުބުނެ އެވެ.

އެއްވެސް ޕާޓީއެއްގެ ވަޢުދުނާމާގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ހުރިހާ ރަށްތައް ސަރުކާރަށް ނަގާނެ ކަމަށް ލިޔެފައެއް ވެސް ނެތެވެ. އަދި އެ ރަށްތައް ސަރުކާރުގެ ކުޑައިގެ ދަށަށް ގެނައުމުގެ ބޮޑު ރޭވުމެއްގެ ވާހަަކަ ވެސް ނުއޮވެ އެވެ. ޕާޓީތަކުގެ ވަޢުދުނާމާ ދިގުވަނީ ވެރިކަން ލިބިއްޖެ ނަމަ ކޮށްދޭނެ ކަންތައްތަކުގެ ލިސްޓު ދިގުވެގެންނެވެ.

ކުރިން ދެންނެވި މިސާލުތައް ދަންނަވާލީ ބައެއް ޤައުމުތަކުގައި ވެރިކަމަށް އާދެވިއްޖެ ނަމަ ކުރިން ދެންނެވި ފަދަ ބޮޑެތި ކަންތައް ކުރުމަށް ވަޢުދުވާތީވެ އެވެ. ތިމާވެއްޓަށް ގެއްލުން ލިބިދާނެތީވެ ތެޔޮވަޅުތަކުން ތެޔޮ ނެގުން މަނާކުރެވިފައި އޮންނަ ސަރަހައްދަކުން ތެޔޮ ނެގުމުގެ މަސައްކަތް ކުރުން ހުއްދަ ދިނުން ކަހަލަ ކަންތައްތަކެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ޕާޓީތަކުން ކުރިން ދެންނެވި ފަދަ ޤައުމު ހިންގުމުގެ މައިގަނޑު އުޞޫލުތަކަށް ބަދަލެއް ގެންނަން ވަޢުދުވެފައި އޮތްކަން އަޅުގަނޑަށް ފާހަގަކުރެވިފައެއް ނެތެވެ. އެނގިފައެއް ވެސް ނެތެވެ. މިހެންވުމާ އެކު ޕާޓީތަކުން ކިޔާ ކޮންމެ ލަވައަކަށް، ޖަހާ ކޮންމެ ބެރަކަށް، އެކީގައި ދާން ބޭނުންވާ ޕާޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި، ފައިހަމަކޮށްގެން ނަށަންވީ އެވެ.

ސިޔާސީ "ކައިވެންޏަކީ" ވަކި ލަނޑުދަނޑިއަކަށް ދިއުމަށް ކުރެވޭ ކައިވެންޏެކެވެ. އެ ކައިވެންޏަކީ ވެސް އެކީގައި ދިރިއުޅެން ބޭނުންވާ ދެމަފިރިއެއްގެ ކައިވެނި ކަހަލަ ކައިވެންޏެކެވެ. އެކީގައި އުޅެން ބޭނުންވާ ނަމަ، ޚިޔާލުގެ ތަފާތެއް އޮތް ކަމަށްވާ ނަމަ ކޮންމެ އެއްކޮޅަކުން ކޮންމެވެސް ވަރަކަށް ދޫދޭން ޖެހެ އެވެ. އެންމެ ކުޑަމިނުން އެކީގައި އުޅެވޭނެ ވަރަކަށެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ތަފާތު ޚިޔާލުގެ މީހުން އެއްބައިވެގެން މަސައްކަތް ކުރަނީ މިގޮތަށެވެ. މި އުސޫލުގެ މައްސަލައެއް ނެތެވެ. މައްސަލައެއް އޮތިއްޔާ އޮތީ ހަނި ވިސްނުން ގެންގުޅޭ މީހުންގެ ތެރޭގަ އެެވެ.

ސިޔާސީ "ދުޝްމަނުން"ނަކީ ވެސް ވަރަށް އެހެން ކަހަލަ ބައެކެވެ. އެ ދުޝްމަނު ކަމަކީ ސިޔާސަތާ އެކު ދާ އެއްޗެކެވެ. ގިނަ ފަހަރަށް ސިޔާސަތު ބަދަލުވުމާ އެކު ދުޝްމަނުކަން ވެސް ބަދަލުވެދެ އެވެ. ކުރީގެ ހަތުރުން މިތުރުންނަށް ވެދެ އެވެ. މިތުރުން ހަތުރުންނަށް ވެސް ވެދެ އެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ އިއްޔެގެ ތާރީޚުން ވެސް މިކަން ފެންނަން އެބަ ހުއްޓެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ސިޔާސީ ޕާޓީތަކުން ފަހަކަށް އައިސް މިފެންނަނީ ދުނިޔޭގެ މުއްސަނދި ފުޓްބޯޅަ ކުލަބްތަކުން ފެންނަ ކަހަލަ މަންޒަރެކެވެ. އިތުބާރު ހިފޭ މޮޅު ކުޅުންތެރިން ފައިސާވެރި ކުލަބުތަކުން ބޮޑު އަގުގައި ގަންނަނީ އެވެ. އެހެން ނަމަވެސް ފުޓްބޯޅަ ކުޅުންތެރިން ކުރިން ކުޅުނު ކުލަބާ އިދިކޮޅަށް ކުޅެ ލަނޑެއް ޖެހުމުން ގިނަ ފަހަރު އުފާ ފާޅެއް ނުކުރެ އެވެ. ކުރީގެ ޓީމަށް ފާޑެއް ވެސް ނުކިޔަ އެވެ. އަދި ކުރީގެ ކޯޗަށް އެއްޗެތި ކިޔާ ވެސް ނުހަދަ އެވެ. ފުޓުބޯޅަ ކުޅުންތެރިން ގެންގުޅޭ ސުލޫކީ މިންގަނޑު އަޅުގަނޑުމެންގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ "ތާޅަފިލިތަކަށް" ވުރެ މަތީ ކަމަށް ވެސް ވެދާނެ އެވެ.

ޑިމޮކްރަސީއެއްގައި ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން ބޭނުން ކޮންމެ ފަހަރަކު ދާން ޖެހެނީ ސުޕްރީމް ކޯޓަށްތޯ އެވެ؟ ނުވަތަ ރައްޔިތުންގެ މަޖިލީހަށްތޯ އެވެ؟ ކޯޓަކީ ޝަރީޢަތް ކުރާ ތަނެކެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ޤާނޫނު ހަދާ "ކާރުޚާނާ" އެވެ. ބޮޑެތި ސިޔާސީ ނިންމުންތައް ނިންމާނީ އެތަނުންނެވެ. ރައްޔިތުންގެ ފަރާތުންނެވެ.

ރާއްޖޭގެ މައްސަލައަކީ ކޮބައިތޯއެވެ؟ ރަނގަޅު ޤާނޫނުއަސާސީއެއް އެބަ އޮތެވެ. އެކަށީގެންވާ ޤާނޫނުތައް ވެސް އެބަ ހުއްޓެވެ. މިނިވަން މުއައްސަސާތައް ވެސް އެބަ ހުއްޓެވެ. އެ ތަންތަނަށް ޤާނޫނުން ބާރުދީފައި ވެސް އެބަ އޮތެވެ. ރާއްޖޭގެ އެންމެ ބޮޑު މައްސަލަ އަކީ ޤާނޫނަކަށް ވިޔަސް ނުވަތަ ޤަވައިދަކަށް ވިޔަސް ތަންފީޒު ކުރުމެވެ. ހުރިހާ ކަމެކެވެ. ޤާނޫނުއަސާސީން ފެށިގެން ޤާނޫނުތަކުން ލާފައި ގޮސް މަގުމަތީގެ ޓުރެފިކް ކަންޓުރޯލުކުރާ ހިސާބަށެވެ. ލިއުމުން އޮތީ ބާރު ލިބިފަ އެވެ. އެހެން ނަމަވެސް ތަންފީޒުކުރުމުގައި ބާރެއް ނެތެވެ. ޤާބިލުކަމެއް ނެތެވެ. ހިތްވަރެއް ނެތެވެ. މުރާލިކަމެއް ނެތެވެ. ކެރުމެއް ނެތެވެ. ލިބިފައި އޮންނަ ބާރުގެ ބޭނުންކުރަން ނުކެރެނީ އެވެ.

މަޢާފް ކުރައްވާށެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އިޚްލާޞްތެރިކަމެއް ނެތިގެންނެވެ. ޤައުމަށް ވުރެ ބޮޑަށް ތިމާގެ އަމިއްލަ އެދުން އިސްވެގެންނެވެ. ޤުރުބާނީއަކަށް ވުރެ ބޮޑަށް މެހެރަބާނީއެއް ބޭނުން ވެގެންނެވެ.

ރާއްޖޭގައި 1932 ވަނަ އަހަރުން ފެށިގެން، ބަދަލުވަމުން، އިޞްލާޙް ވަމުން، މިއަދާ ހަމައަށް އައިސްފައި ހުރި ހުރިހާ ޤާނޫނުއަސާސީއަކުން ރައްޔިތުންނަށް ހުރިހާ ޙައްޤުތަކަކާއި މިނިވަންކަން ދީފައި އޮވެ އެވެ. އެންމެ މިނިވަން ޑެމޮކްރެޓިކް ޤައުމުތަކެކޭ އެއްވަރަށެވެ. ވެރިކަމުގެ ބާރުން ކުރާ ކަންތައްތައް ބަލައި، ފާރަލާ ހަމަހަމަކުރުމުގެ ނިޒާމެއް ވެސް ގާއިމުކުރެވިފައި އޮވެ އެވެ. އެހެން ނަމަވެސް ޤާނޫނުގައި އޮތް މިންވަރަށް އެއްވެސް ސަރުކާރަކަށް އެކަންކަން ތަންފީޒު ކުރެވުނުތޯ އެވެ؟ މައުމޫނު ސަރުކާރަކަށް ނުކުރެވެ އެވެ. ނަޝީދު ސަރުކާރަކަށް ނުކުރެވެ އެވެ. ވަޙީދު ސަރުކާރަކަށް ނުކުރެވެެ އެވެ. މިހާރު ވެރިކަމުގައި އޮތީ ޔާމީނު ސަރުކާރަށް ވުމާ އެކު އެ ސަރުކާރުގެ ތަންފީޒީ މަސައްކަތް ދާ މިންވަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ގާތުން ފެނިވަޑައިގަންނަވާނެ އެވެ.

ޑިމޮކްރަސީއެއްގައި ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަން ބޭނުން ކޮންމެ ފަހަރަކު ދާން ޖެހެނީ ސުޕްރީމް ކޯޓަށްތޯ އެވެ؟ ނުވަތަ ރައްޔިތުންގެ މަޖިލީހަށްތޯ އެވެ؟ ކޯޓަކީ ޝަރީޢަތް ކުރާ ތަނެކެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ޤާނޫނު ހަދާ "ކާރުޚާނާ" އެވެ. ބޮޑެތި ސިޔާސީ ނިންމުންތައް ނިންމާނީ އެތަނުންނެވެ. ރައްޔިތުންގެ ފަރާތުންނެވެ. ހުރިހާ ރައްޔިތުންނަށް ކޮންމެ ކަމެއްގައި ބަސް ނުކިޔޭނެތީވެ، އެމީހުންގެ ފަރާތުން ބަސްކިޔަން ތިބެނީ އެމީހުންގެ މަންދޫބުންނެވެ. ރައްޔިތުންގެ މަޖިލީހެވެ. ޤާނޫނުގައި ކަނޑައެޅިފައި އޮންނަ ގޮތަށް، މަޖިލީހުން މީހެއްގެ އިތުބާރު ނެތްކަމަށް ނިންމައިފި ނަމަ، ޑިމޮކްރަސީގައި އެ ހިސާބުން އެކަންތައް ނިމުނީ އެެވެ. އެހެން ތާކަށް ދާކަށް ނުޖެހެ އެވެ. މަޖިލީހުން ބަލާ މިންގަނޑުން، މަޖިލީހަށް އެމީހެއްގެ އިތުބާރު ނެތީ އެވެ. އެހެން ތަނެއްގައި އެމީހެއްގެ އިތުބާރު އޮތް ކަމަށް ވެދާނެ އެވެ.

މިހާރު އަމަލުކުރާ ޤާނޫނުއަސާސީ އަށް ހިންގުމުގައި ދަތިތަކެއް ވާ ނަމަ ދަތިވަނީ ޤާނޫނުއަަސާސީގައި އޮތް ގޮތަށް ނުހިންގޭތީވެ އެވެ. ޤާނޫނުއަސާސީގައި މައްސަލައެއް އޮވެގެނެއް ނޫނެވެ. މައްސަލައެއް އޮތިއްޔާ އޮތީ ހިންގާ މީހުންގެ އެވެ. ތަރުޖަމާ ކުރާ މީހުންގެ އެވެ. ތަރުޖަމާ ކުރަން ގެންދާ މީހުންގެ އެވެ. ތަރުޖަމާ ކުރަން ގެންދަން ނަސޭހަތްތެރިވާ މީހުންގެ އެވެ.