Roadha Mihaaru
އޮޅުން ބޮޅުން: އަނެއްކާވެސް ނިޒާމުގެ މައްސަލަ

އޮޅުން ބޮޅުން: އަނެއްކާވެސް ނިޒާމުގެ މައްސަ

29 ޖެނުއަރީ 2019

މިހާރު އަނެއްކާވެސް ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަން ފެށީ އެވެ. ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ވެއްޖެ ނަމަ ކަން ކުރަންވީ ގޮތް ޤާނޫނުއަސާސީގައި އޮންނަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރަންވާ ގޮތް ކަމަށް ބުނެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން އެއްވެސް މާއްދާއެއް ނެތެވެ. އެހެނެއް ނޫނެވެ. ޤާނޫނުއަސާސީ އިސްލާހު ކުރެވޭނެ ގޮތްތައް އޮވެ އެވެ. އަދި ބައެއް ޙާއްސަ މާއްދާތައް އިޞްލާހުކުރެވޭނެ ޚާއްސަ ގޮތްތަކާ ބެހޭ މާއްދާތައް ވެސް ޤާނޫނުއަސާސީގައި ހިމަނާފައި ވެއެވެ.

މިހާރު އަނެއްކާވެސް ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކަ ދައްކަން ފެށީ އެވެ. ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ވެއްޖެ ނަމަ ކަން ކުރަންވީ ގޮތް ޤާނޫނުއަސާސީގައި އޮންނަ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރަންވާ ގޮތް ކަމަށް ބުނެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން އެއްވެސް މާއްދާއެއް ނެތެވެ. އެހެނެއް ނޫނެވެ. ޤާނޫނުއަސާސީ އިސްލާހު ކުރެވޭނެ ގޮތްތައް އޮވެ އެވެ. އަދި ބައެއް ޙާއްސަ މާއްދާތައް އިޞްލާހުކުރެވޭނެ ޚާއްސަ ގޮތްތަކާ ބެހޭ މާއްދާތައް ވެސް ޤާނޫނުއަސާސީގައި ހިމަނާފައި ވެއެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މުޅި ޤާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭނެ އެވެ. އެއީ ބައެއް ފަރާތްތަކަށް ހީކުރެވޭހާ ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެ އެވެ. ބައެއް ފަރާތްތަކުގެ ވާހަކަ ހުންނަ ގޮތުން ހީވަނީ ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣްލަބިއްޔަތެއް ލިބުމުން، ނިޒާމް ބަދަލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމުން، ކަނޑައެޅިފައި އޮންނަ އަޣްލަބިއްޔަތަކުން، އެކަން ފާސްވުމުން، އެ ހިސާބުން އެކަން ހައްލުވީ ހެނެވެ. މިހާރު އެ ހިސާބަކުން ނުނިމޭނެ އެވެ. ނިމުނަ ދީގެން ނުވާނެ އެވެ. ރައްޔިތުންގެ މަޖިލިހަށް މެމްބަރުން، ރައްޔިތުން ހޮވަނީ، ހުރިހާ ރައްޔިތުންނަށް ގައުމީ މައްސަލަތަކުގައި އެމީހުން ބޭނުންވާ ޚިޔާލު މަޖިލީހުގެ ތެރޭގައި ނުދެވޭނެތީވެ އެވެ. އެހެންވެގެން، މަޖިލީހުގައި އެމީހުންގެ ފަރާތުން ޚިޔާލު ދޭނޭ، އެމީހުންނަށް އިތުބާރުކުރެވޭ މަންދޫބަކު ހޮވަނީ އެވެ. ވަކި ކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯދައިގެން އެއަށް އަމަލު ކުރަމުން ގޮސްފައި، އެ ނިޒާމަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އަނެއްކާވެސް ދާން ޖެހޭނީ ރައްޔިތުންގެ ކައިރި އަށެވެ. ސަބަބަކީ ވަކި ގޮތަކަށް ރައްޔިތުން ނިންމާފައި އޮތް ކަމެއް ރައްޔިތުންގެ މަންދޫބުންނަށް، ބަދަލުކުރުމުގެ އިޚްތިޔާރު ދީފައި ނުއޮންނާތީވެ އެވެ. ހަމައެކަނި މަޖިލީހުގެ ވޯޓަކުން ނިޒާމް ބަދަލުކުރުމުގެ މައްސަލަ ނިންމައިފި ނަމަ އެ އަމަލަކީ ޑިމޮކްރަސީގެ އުޞޫލުތަކާ ފުށުއަރާ އަމަލަކަށް ވާނެ އެވެ. ރައްޔިތުންގެ ނިންމުމަށް ހުރުމަތްތެރިކޮށް ނުހިތާ ބޮލާ ޖެހުމަކަށް ވާނެ އެވެ.

ސަރުކާރު ހިންގުމުގެ ނިޒާމް، ބަދަލު ކުރާ ނަމަ، އިނގިރޭސިވިލާތަށް މިހާރު ކުރިމަތިވެފައި އޮތް "ބުރެކްސިޓް" މައްސަލަ ކަހަލަ މައްސަލައެއް، ރާއްޖެ އަށް ވެސް ކުރިމަތިވާނެ އެވެ. ރައްޔިތުން ވަކި ގޮތަކަށް ނިންމާފައި އޮތް ކަމެއް އެ ނޫން ގޮތަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ ވޯޓަކަށް އަލުން ދާން ޖެހުމެވެ. މަޖިލީހުން ގޮތެއް ހޯދޭނީ ރައްޔިތުން ނިންމާފައި އޮތް މައި އުޞޫލުގެ ތެރެއިންނެވެ. ބަރުލަމާނީ ނިޒާމުގެ އެންމެ ބާރު ގަދަ މަޖިލީހަށް ވެސް މި އޮތީ މި ހުރަސް ކުރިމަތި ވެފަ އެވެ.

ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ހިނގާތާ 50 އަހަރު ވެއްޖެ އެވެ. ވެރިކަން ކުރުމުގެ ނިޒާމްގެ މައްސަލައެއް އޮވެގެން އެއްވެސް ބޭފުޅަކު ޝަކުވާކުރެއްވި ކަން އާއްމު ވެފައެއް ނުވެ އެވެ. ވެރިކަން ކުރުމުގެ ނިޒާމުގެ ދަތިކަމާ ހުރެ ސަރުކާރަށް ނުކުރެވިފައި އޮތް ކަމެއް ހާމަކޮށްދީފައެއް ނުވެ އެވެ. ރާއްޖޭގައި އޮތީ ކޮން ކަހަލަ ވެރިކަމެއް ކަން އަޅުގަނޑުމެންނަށް ސާފުވެ އެވެ. ރާއްޖޭގެ ގާނޫނުއަސާސީ އިޞްލާހު ކުރުމުގެ މަސައްކަތަށް އެހީވެ ދެއްވުމަށް ވަޑައިގެންނެވި ކެނެޑާގެ ގާނޫނުއަސާސީގެ ތަޖުރިބާކާރާއި ކޮމަންވެލްތުގެ އެހީގައި ރާއްޖެ އަށް ވަޑައިގެންނެވި ތަޖުރިބާކާރަށް ވެސް ސާފުވެވަޑައިގަންނަވަ އެވެ. ރާއްޖޭގައި ކުރިން ވެސް އޮތީ މަސްހުނި ނިޒާމެކެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ރިޔާސީ ނިޒާމުގެ ބައެއް ކަންތަކާއި ބަރުލަމާނީ ނިޒާމުގެ ބައެއް ކަންތައްތައް މަސްހުނި ކޮށްފައި އޮތް ނިޒާމެކެވެ. އެއީ އޮޅިގެން ކޮށްފައި އޮތް ކަމެއް ނޫނެވެ. އެނގިގެން ކޮށްފައި އޮތް ކަމެކެވެ. އާ ކަމެއް ވެސް ނޫނެވެ. ގައުމުތަކުން ވެރިކަން ކުރުމުގެ ނިޒާމް ކަނޑައަޅާ އިރު، އެ ނިޒާމެއްގައި އޮންނަ ބައެއް ކަންތައްތައް އެ ގައުމެއްގެ މާހައުލާއި ސަގާފަތަށް ފެތޭ ގޮތަށް ބަދަލުކުރެވެ އެވެ. މިއީ މިކަން އޮތް ގޮތް ކަން ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އެމަނިކުފާނަކީ ޤާނޫނުއަސާސީ އިސްލާހުކުރި އިރު ޑުރާފްޓިން ކޮމިޓީގައި ޝާމިލުވެވަޑައިގެންނެވި މެމްބަރެކެވެ. ޑުރާފްޓިން ކޮމިޓީގައި މަސައްކަތް ކުރެއްވި އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި، އެމަނިކުފާނަކީ ޑުރާފްޓިން ކޮމިޓީގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންނެވުމަށް ވަރަށް ފަރުވާ ބެހެއްޓެވި މެމްބަރެކެވެ.

ރިޔާސީ ނިޒާމެއް ފުރިހަމަކުރުމަށް އެގްޒެކެޓިވް އަށް ބޭނުން ވަނީ އިތުރު ކޮން ބާރެއްތޯ އެވެ؟ އަޅުގަނޑުމެންގެ އެންމެ ފަހުގެ ތަޖުރިބާ މިސާލަކަށް ނަގަމާތޯ އެވެ؟ ޕީޕީއެމްގެ ސަރުކާރެވެ. ރައްޔިތުންގެ މަޖިލީހުގައި އެބޭފުޅުންގެ ސުޕަ މެޖޯރިޓީ އޮތެވެ. ބޭނުން ކަމެއް ބޭނުން ގޮތަކަށް ބަދަލު ކުރުމުގެ ގާނޫނީ ބާރާއި ގާނޫނީ ނަންބަރު މަޖިލީހުގެ ތެރޭގައި އެބޭފުޅުންނަށް ލިބިވަޑައިގެންފައި އޮތެވެ. އެބޭފުޅުން، މި ބާރުގެ ބޭނުން ކުރައްވައިގެން، ސުޕްރީމް ކޯޓުގައި ތިއްބެވި އެންމެ އިލްމީ އަދި ތަޖުރިބާކާރު ދެ ފަނޑިޔާރުން ގެއަށް ފޮނުވާލި އެވެ. އެބޭފުޅުން ބޭނުންފުޅުވާ ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އަލުން އައްޔަނު ކުރެއްވި އެވެ. އަނެއްކާވެސް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރެއްވި އެވެ. މިފަހަރު ފުރަތަމަ ފޮނުވާލީ ޖަލަށެވެ. އެ ބޭފުޅުންނާ ބެހޭ އެހެން ކަންތައްތައް ހިންގަން ފެށީ އޭގެ މާ ފަހުންނެވެ. އެއަށް ފަހު އަނެއްކާވެސް ސަރުކާރުން ބޭނުންވާ ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަނު ކުރި އެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ބާރުގެ ބޭނުންކޮށްގެންނެވެ. ސުޕުރީމް ކޯޓުން ފަނޑިޔާރުން ބޭރުކޮށްލާ ކޮންމެ ބުރެއްގައި އެއިރަކު ހުންނަވާ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަނެ އެވެ. ރައްޔިތުން ރަނިން މޭޓެއްގެ ތެރެއިން، ހޮވާފައި ހުރި ނައިބް ރައީސް ސަރުކާރަށް ކަމުނުދިއުމުން އޭނާ ވެސް މަގާމުން ދުރުކުރުމަށް ފަހު ސަރުކާރުގެ ވައިގައި އެއިރު ހުރި ޒުވާނަކު، ނައިބު ރައީސްގެ މަގާމަށް ގެންނަން ނިންމި އެވެ. ޤާނޫނުއަސާސީގައި ބުނާ އުމުރަށް އޭނާ ނުފެތޭތީވެ، އޭނާގެ އުމުރަށް ޤާނޫނުއަސާސީ ފައްތައިގެން ޤާނޫނުއަސާސީގެ އެ މާއްދާ އިސްލާހުކުރި އެވެ. ނައިބް ރައީސް ކަމުގެ މަގާމަށް އޭނާ އައްޔަނު ކުރި އެވެ. ފަހުން އޭނާ ވެސް މަގާމުން ދުރުކުރި އެވެ. އާ ބޭފުޅަކު އެ މަގާމަށް އައްޔަނު ކުރި އެވެ. މި އޮތް ބިން ކުޑަ ރާއްޖޭގައި ބިދޭސީންނަށް ބިން ވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިޞްލާހު ކުރި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ވެސް ވެރިކަން ކުރީ މިކަހަލަ ގޮތަކަށެވެ. ކުރިމިނަލް ކޯޓުގެ އިސް ގާޒީ، އެއްވެސް ކުށެއް ނެތި ސިފައިން ގެންގޮސް ހައްޔަރުކުރި އެވެ. އެމްޑީޕީ ސަރުކާރު ބޭނުން ގޮތަށް ގައުމުގެ ކަންތައް ބަދަލު ކުރުމުގެ ހުރަހަކަށް ވީ އެ ޕާޓީން ބޭނުންވާ އަޣްލަބިއްޔަތު މަޖިލީހުގައި ނެތުމެވެ. އަދި ވެރިކަމުގެ ފަސް އަހަރު އެ ޕާޓީ އަށް ފުރިހަމަ ނުކުރެވުމެވެ. ވެރިކަމުގައި އޮތް ދުވަސްވަރު އެ ސަރުކާރުގެ ވެސް އެންމެ ބޮޑު އަމާޒަކަށް ވީ ޖޫޑިޝަރީ އެވެ. މި ހުރިހާ ކަމެއް ވެސް ހިނގާފައި މިވަނީ ރިޔާސީ ނިޒާމުގެ ތެރޭގަ އެވެ. ރިޔާސީ ނިޒާމު ފުރިހަމަ ކުރުމަށް އެގްޒެކެޓިވް އަށް އިތުރަށް، ބޭނުންވަނީ ކޮން ބާރެއް ބާވަ އެވެ؟ ބަރުލަމާނީ ނިޒާމުގައި ވެސް ކަންކަން ނިންމުމަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ އެވެ.

ރިޔާސީ ނިޒާމުގައި ވަރަށް އުނދަގޫ އެއް ކަމެއް އެބަ އޮތެވެ. ރައީސް ކަމުގެ މަގާމަށް އާދެވޭނީ އިންތިޚާބުގައި ވޯޓުލާ ރައްޔިތުންގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުންގެ ވޯޓު ލިބިގެންނެވެ. އެ އަދަދަށް ވޯޓު ލިބޭނީ ރާއްޖޭގެ ގިނަ ރައްޔިތުންގެ މެދުގައި މަޤްބޫލު މީހަކަށެވެ. އެ އަދަދަށް ވޯޓު ނުލިބޭ ނަމަ ރައީސް ކަމަށް ވާދަކުރާ އެހެން ކެންޑިޑޭޓެއްގެ ތާއީދު ހޯދަން ހާލަތު މަޖުބޫރު ކުރުވާނެ އެވެ. އެ މީހަކަށް ތާއީދު ކުރާ މީހުންގެ ވޯޓު ލިބިގަތުމަށެވެ.

ބަރުލަމާނީ ނިޒާމުގައި ވެރިކަން ކުރާނެ މީހަކު ރައްޔިތުންނަށް ދައްކާކަށް ނުޖެހެ އެވެ. ޢާއްމު އިންތިޚާބުގައި އެންމެ ގިނައިން ގޮނޑި ހޯދާ ޕާޓީއަކުން ވެރިކަން ކުރުމާ ހަވާލުވަނީ އެވެ. ބޮޑުވަޒީރަކަށް ވާނީީ އެ ޕާޓީގެ ލީޑަރެވެ. ލީޑަރު ހޮވަނީ ޕާޓީގެ މެމްބަރުން، ޕާޓީގެ ތެރެއިންނެވެ. ޕާޓީގެ އެތެރެއިން ޕާޓީގެ ލީޑަރު ބަދަލު ކުރެވިދާނެ އެވެ. އެކަން ރައީސުލްޖުމްހޫރިއްޔާ އަށް އެންގުމުން އެމީހަކު ބޮޑުވަޒީރަކަށް އިސްކުރާނެ އެވެ. ބަރުލަމާނީ ނިޒާމެއްގައި އާއްމު އިންތިޚާބުގައި ވާދަކުރި ޕާޓީތަކުގެ ތެރެއިން އެއް ޕާޓީން އެންމެ ގިނަ ގޮަނޑި ކާމިޔާބު ކުރިއަސް، ވެރިކަމާ ހަވާލުވެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަ އަދަދަށް ގޮނޑި ނުލިބިއްޖެ ނަމަ އެ ޕާޓީ އަށް ޖެހޭނީ ވެރިކަން ކުރުމަށް އެހެން ޕާޓީއަކާ ގުޅޭށެވެ. ވެރިކަން ކުރަން ބޭނުންވާ އަދަދަށް ގޮނޑި ހަމަކުރުމަށެވެ. އެ ގޮތަށް ބައިވެރިވާ ޕާޓީއަކުން ތާއީދުކުރާނީ އެ ޕާޓީ އަށް ބޭނުންވާ ކަންތައްތަކެއް ކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބަރުލަމާނީ ނިޒާމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާއެއް ހުންނަން ޖެހެ އެވެ. ނައިބް ރައީސެއް ވެސް ހުންނާނެ އެވެ.

ވެރިކަމަށް އަންނަން ބޭނުންވާ މީހަކަށް، ވޯޓު ލީ މީހުންގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މީހުންގެ މަޤްބޫލުކަން ނުހޯދޭނެ ކަމުގައި ވާ ނަމަ، ވެރިކަމަށް އަންނަން އެންމެ ފަސޭހަވާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިންނެވެ.

ރާއްޖޭގައި މައްސަލަ އަކީ ވެރިކަން ކުރުމުގެ ނިޒާމްތޯ އެވެ؟ އަޅުގަނޑަށް ޝައްކެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގެ އިސް ސަފުން އިޚްލާސްތެރިން ނުފެންނަނީ އެވެ. އަމިއްލަ އެދުމުގެ މީހުން ގިނައީ އެވެ. ވެރިކަމާއި، ބާރަށް، ދަހިވެތި ވެފައި ތިބި މީހުންގެ ބާރު ގަދައީ އެވެ. ރައްޔިތުން ހަނާވިޔަސް ވަރިހަމަ އެވެ. ގައުމު އަޅުވެތި ވިޔަސް ރަނގަޅެވެ. ބޭނުމީ ބާރެވެ. ވެރިކަމެވެ.