Roadha Mihaaru
ހަރީރީ ވަނީ ސައުދީން ބަންދުކޮށްފައި: ލުބުނާނުގެ ރައީސް

ހަރީރީ ވަނީ ސައުދީން ބަންދުކޮށްފައި: ލުބުނާނުގެ ރައީސް

16 ނޮވެމްބަރ 2017

ބޭރޫތު (ނޮވެމްބަރު 16) - ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީ ވަނީ ސައުދީ އަރަބިއާ އިން ބަންދުކޮށްފައި ކަމަށް ރައީސް މިޝޭލް އަޔޫން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (ނޮވެމްބަރު 16) - ލުބުނާނުގެ ބޮޑު ވަޒީރު ސައުދު ހަރީރީ ވަނީ ސައުދީ އަރަބިއާ އިން ބަންދުކޮށްފައި ކަމަށް ރައީސް މިޝޭލް އަޔޫން ވިދާޅުވެއްޖެ އެވެ.

މިއީ މި މަހު 4 ވަނަ ދުވަހު ސައުދީގައި ހުންނަވާ ހަރީރީ އިސްތިއުފާ އިއުލާން ކުރެއްވި ފަހުން އެކަމާ ގުޅިގެން ލުބުނާނުގެ ރައީސް އާއްމުކޮށް ދެއްވި ފުރަތަމަ ބަޔާނެވެ. އަޔޫން ވިދާޅުވީ ހަރީރީ ގެއްލުވާލައިގެން ނޫޅެވޭނެ ކަމަށާއި އެއީ އިންސާނީ ހައްގަކާ ޚިލާފުވުން ކަމަށެވެ. އަދި އެއީ ލުބުނާނާ ދެކޮޅަށް ސައުދީން ހިންގި އުދުވާނެއް ކަމަށް ވިދާޅުވި އެވެ.

"ގައުމު ދޫކުރައްވާ ވަޑައިގެންނެވިތާ 12 ދުވަސްވީއިރު ހަރީރީ ސައުދީގައި ހުންނަން ޖެހޭ ސަބަބެއް ސާބިތުކޮށްދެވިފައެއް ނުވޭ. އެހެންވީމާ ބެލެވޭނީ އޭނާ ބަންދުކޮށްފައި ބަހައްޓާފައި ހުރި ކަމަށް. އެއީ ވިއެނާ ކޮންވެންޝަނާއި އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ވެސް ޚިލާފު ކަމެއް،" އަޔޫން ވިދާޅުވި އެވެ. "ބޭރު ގައުމެއްގައި ހުރެގެން ބޮޑު ވަޒީރަށް އިސްތިއުފާއެއް ނުދެވޭނެ. މި ގޮތަށް މާގިނަ ދުވަހެއް ހޭދައެއް ނުކުރެވޭނެ. ގައުމު ހުއްޓިފައި ނުބޭއްވޭނެ."

ނަމަވެސް ހަރީރީ ދާދި ފަހުން ވަނީ އޭނާ ވަރަށް އަވަހަށް ލުބުނާނަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސައުދީގައި ހުރީ ބަންދެއްގައި ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އާދިއްތަ ދުވަހުގެ ރޭ ދެއްވި އިންޓަވިއުއެއްގައި ހަރީރީ ވިދާޅުވީ އޭނާ ލުބުނާން ދޫކުރައްވާ ވަޑައިގެންނެވީ އަމިއްލަ ސަލާމަތަށް ޓަކައި ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނި ގޮތުގައި ހަރީރީ އިސްތިއުފާ ދިނުމަށް ސައުދީން މަޖްބޫރުކޮށްފައި ވަނީ ލުބުނާނުގައި މިދިޔަ އަހަރު އުފެއްދި ސަރުކާރުގައި ޝިއައީ ހިޒްބުﷲ ޖަމާއަތް ހިމަނާފައިވާތީ އެވެ.