Roadha Mihaaru
ހަރީރީއާ ގުޅޭ ގޮތުން މުހައްމަދު ޖޯކް ޖައްސަވައިފި

ހަރީރީ ކިޑްނެޕް ނުކުރާނެ ކަމަށް ވިދާޅުވެ މުހައްމަދު ޖޯކް ޖައްސަވައިފި

26 އޮކްޓޯބަރ 2018

ރިޔާޒް (އޮކްޓޯބަރު 26) - ލުބާނުގެ ބޮޑު ވަޒީރު ކަމަށް އިޚްތިޔާރުކޮށްފައިވާ ސައުދު ހަރީރީ ސައުދީ އަށް މިހާރު ކުރައްވާ ދަތުރުގައި ކިޑްނެޕް ކުރިކަމުގެ އަޑެއް ނީވޭނެ ކަމަށް ވިދާޅުވެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ޖޯކް ޖައްސަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އޮކްޓޯބަރު 26) - ލުބާނުގެ ބޮޑު ވަޒީރު ކަމަށް އިޚްތިޔާރުކޮށްފައިވާ ސައުދު ހަރީރީ ސައުދީ އަށް މިހާރު ކުރައްވާ ދަތުރުގައި ކިޑްނެޕް ކުރިކަމުގެ އަޑެއް ނީވޭނެ ކަމަށް ވިދާޅުވެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ޖޯކް ޖައްސަވައިފި އެވެ.

"ހަރީރީ އަދި އެއް ދުވަހު ސައުދީގައި މަޑު ކުރައްވާނެ. އުއްމީދު ކުރަނީ އެމަނިކުފާން ވަގަށް ނެގިކަމުގެ އަޑެއް މިފަހަރު ނީވޭނެ ކަމަށް،" ސައުދީގައި އިއްޔެ ނިމުނު ފިއުޗާ އިންވެސްޓްމަންޓް އިނީޝިއޭޓިވް ފޯރަމްގެ ތެރޭގައި ޕްރިންސް މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު އެހެން ވިދާޅުވެ ހިނިފުޅުވެޑުވުމަށް ފަހު ވަނީ ސްޓޭޖުގައި އިންނެވި ހަރީރީއާ ސަލާމް ކުރައްވައިފަ އެވެ.

ހަރީރީއަކީ ސައުދީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސައުދީ އަށް ކުރެއްވި ދަތުރުގައި ރިޔާޒުގައި ހުންނަވައި ޓީވީ މެދުވެރި ކުރައްވައި ހަރީރީ ވަނީ ލުބުނާނުގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައިފަ އެވެ. އެ ދުވަސްވަރު އަޑު އަރާފައި ވަނީ އެއީ ސައުދީން ބިރުދައްކައިގެން މަޖްބޫރުން ކުރުވި ކަމެއް ކަމަށެވެ. ސައުދީން ބުނެފައި ވަނީ އެއްވެސް ކަމެއްގައި ހަރީރީ އަށް މަޖްބޫރުކޮށްފައި ނުވާނެ ކަމަށެވެ.

ފްރާންސް އިން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ހަރީރީ ޕެރިހަށް ގެންގޮސް، އެނބުރި ލުބުނާނަށް ވަޑައިގެން ވަނީ އިސްތިއުފާ އަނބުރާ ގެންދަވައިފަ އެވެ.

ނުވަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލުބުނާނުގައި ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރައްވައި ހަރީރީ ވަނީ ތިން ވަނަ ފަހަރަށް ބޮޑު ވަޒީރު ކަމަށް މެއި މަހު ހޮވިވަޑައިގެންފަ އެވެ. ނަމަވެސް އަދިވެސް ކެބިނެޓެއް އުފެއްދޭ ވަރެއް ނުވެ އެވެ.

ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލާގައި، ސައުދީގެ ވެސް ރަށްވެހިކަން އޮންނަ ހަރީރީ ވަނީ ސައުދީ ސަރުކާރަށް ތާއީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.