Roadha Mihaaru

ސައުދީގައި ހުންނެވި ހަރީރީ ފްރާންސަށް ގެންދަނީ

ޕެރިސް (ނޮވެމްބަރު 16) - ސައުދީ އަރަބިއާގައި މިހާރު ހުންނެވި ލުބުނާނުގެ ބޮޑު ވަޒީރު ސައުދު އަލް ހަރީރީ ފްރާންސަށް ވަޑައިގަތުމަށް ދިން ދައުވަތު އޭނާ ގަބޫލް ކުރައްވައިފި އެވެ.

ސައުދީގައި ހުންނެވި ހަރީރީ ފްރާންސަށް ގެންދަނީ
ހަސަން އާމިރު
ހަސަން އާމިރު

16 ނޮވެމްބަރ 2017

ޕެރިސް (ނޮވެމްބަރު 16) - ސައުދީ އަރަބިއާގައި މިހާރު ހުންނެވި ލުބުނާނުގެ ބޮޑު ވަޒީރު ސައުދު އަލް ހަރީރީ ފްރާންސަށް ވަޑައިގަތުމަށް ދިން ދައުވަތު އޭނާ ގަބޫލް ކުރައްވައިފި އެވެ.

"ހަރީރީ ފްރާންސަށް ވަޑައިގެންނަވާނެ. ޕްރިންސް (ސައުދީ ވަލީ އަހުދު މުހައްމަދު) އަށް ވާނީ އެކަން އަންގާފައި،" ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ވެސް ލެ ޑްރިއަން ވިދާޅުވި އެވެ.

ސައުދީގައި ހުންނަވާ މި މަހު 4 ވަނަ ދުވަހު ހަރީރީ ވަނީ ބޮޑު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާގެ އިސްތިއުފާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ވަނީ ފެތުރިފަ އެވެ. ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވިދާޅުވެފައި ވަނީ ހަރީރީ ވަނީ ސައުދީން ބަންދުކޮށްފައި ކަމަށެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހަރީރީ ވިދާޅުވެފައި ވަނީ އޭނާ ވަރަށް އަވަހަށް ލުބުނާނަށް ވަޑައިގަންނަވާނެ ކަމަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މޭކަންގެ އޮފީހުން ބުދަ ދުވަހު ބުނެފައި ވަނީ ހަރީރީ އާއި އޭނާގެ އާއިލާ ފްރާންސަށް ވަޑައިގަތުމަށް ދައުވަތު ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ސިޔާސީ ގޮތުން ހިމާޔަތް ދިނުން ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.