Roadha Mihaaru
2020 އަށް ދާއިރު ރާއްޖެ ބަނގުރޫޓްވާނެ

2020 އަށް ދާއިރު ރާއްޖެ ބަނގުރޫޓު ވާނެ: އިދިކޮޅު މެމްބަރުން

16 ނޮވެމްބަރ 2017

މިހާރު ރާއްޖޭގެ ދަރަނި ހުރި ގޮތަށް ބަލާއިރު، 2020 އަށް ދާއިރު ރާއްޖެ ބަނގުރޫޓްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިހާރު ރާއްޖޭގެ ދަރަނި ހުރި ގޮތަށް ބަލާއިރު، 2020 އަށް ދާއިރު ރާއްޖެ ބަނގުރޫޓްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ބަޖެޓްގައި، އަންނަ އަހަރު ދައުލަތުގެ ދަރަނި 43 ބިލިއަނަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު، އެ އަދަދު 49 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އިދިކޮޅު މެމްބަރުން ލަފާކުރެ އެވެ. އެއީ 2012 ވަނަ އަހަރު 38 ބިލިއަން ރުފިޔާގައި ހުރި ދަރަންޏެވެ.

އަނަން އަހަރަށް ހުށަހެޅި ބަޖެޓްގެ ބަހުސް މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި މިއަދުން ފެށިގެން ކުރިއަށް ދާއިރު، އިދިކޮޅު ބައެއް މެމްބަރުން އެ ޖަލްސާތަކުގައި ބައިވެރި ނުވެ، ބަޖެޓާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން ގެންދަވަނީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިއަދު ފެށި ޕެނަލް ޑިސްކަޝަންތަކެއްގެ ގޮތުގަ އެވެ.

ކުނޫޒުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ސަރުކާރުން ބޮޑު ދެ ތިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަނީ ގައުމު ވިއްކާލައިގެން ކަމަށާއި މިއަދު ދައުލަތުގެ ދަރަނި ހުރި ގޮތަށް ބަލާއިރު 2020 އަށް ދާއިރު ދިވެހި ދައުލަތް ވެގެންދާނީ ބަގުރޫޓްވެފައިވާ ދައުލަތަކަށް ކަމަށެވެ.

ލޯނު ނަގައިގެން ކުރަން ފަށާފައިވާ މަސައްކަތްތައް ވެސް މިޖެހެނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރަން ކަމަށް އަމީތު ވިދާޅުވި އެވެ. ލޯނު އަދާކުރުމަށް ރިކަރަންޓް ހަރަދުގެ 8.9 ޕަސެންޓް ބޭނުންކުރަން ނިންމާފައިވާ އިރު އެއީ މި އަހަރާ އަޅައިބަލާއިރު 13.5 ޕަސެންޓް އިތުރު އަދަދެކެވެ.

"މާނައަކީ މިނަގާ ލޯނުތަކުން ސަލާމަތްވުމަށްޓަކައި މިކުރާ ހަރަދުތަކުގެ ސަބަބުން ވެސް އަޅުގަނޑުމެންގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރޭ. މި ލޯންތަކުގެ ސަބަބުން ރިކަރަންޓް ހަރަދު ބޮޑުވެގެންދޭ. ރިކަރަންޓް ހަރަދު ބޮޑުވެގެން ދިޔައީމަ ގައުމުގެ ތަރައްގީ އަށް ކުރަންޖެހޭ ހޭދަ ކޮމްޕްރެމައިޒް ކުރަންޖެހޭ،" އަމީތު ވިދާޅުވި އެވެ.

ޕީޕީއެމްގެ ވެރިކަމުގެ ތިން އަހަރުގެ ތެރޭގައި ބަޖެޓްގެ ތިލަފަތް ހަމަކޮށް އަނެއް ދެ އަހަރަކީ ބަޖެޓް އަރަނި ކުރާނެ ދެ އަހަރު ކަމަށް ރައީސް ޔާމީން ވައުދުވެފައިވީ ނަމަވެސް، ތިން ވަނަ އަހަރު ފެށުނު އިރު ވެސް ބަޖެޓު ދަރަނިވެފައިވާ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

އާމްދަނީގެ 71 ޕަސެންޓަކީ އެކިއެކި ޓެކްސްތައް ކަމަށާއި އޭގެ މާނައަކީ ދައުލަތް ހިންގަނީ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތުން ފައިސާ ހޯދައިގެން ކަމަށް އަމީތު ވިދާޅުވި އެވެ.

"އިމްޕޯޓް ޑިއުޓީ އެބައޮތް. ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް އެބަ އޮތް. ޖީއެސްޓީ، ޓީޖީއެސްޓީ އެބައޮތް. ރިސޯޓް ކުލިން ލިބޭ ފައިސާ އެބައޮތް. މިހެން ގޮސް ހުރިހާ ދާއިރާއަކުން އާމްދަނީ ހޯދުމަށް އޮތް އިރު އަޅުގަނޑަކަށް މި ބަޖެޓަކުން ނުފެނޭ އާމްދަނީ ހޯދުމުގެ އާ ސިނާއަތެއް،" އަމީތު ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ޓްރެފިކް ޖޫރިމަނާތަކުން ބޮޑު އެއްޗެއް ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވުމުން ކޮންމެ ގޮތެއް ހަދާފައި ވެސް ބޭނުންވަނީ ދައުލަތަށް ފައިސާ ހޯދަންކަން ހާމަވާ ކަމަށާއި ނަމަވެސް ސަރުކާރަކުން ކުރަންޖެހޭނެ ކަމަކީ ޕާކްކުރާނެ ގޮތްތައް ހަމަޖައްސައި ދިނުން ކަމަށް ވިދާޅުވި އެވެ.

ބަޖެޓަށް ބަލާއިރު ފެންނަނީ ރައްޔިތުންގެ ތާއީދު ހޯދުމަށް ބިންގާ އެޅުން ފަދަ ޕްރޮޖެކްޓްތަކަށް އަމާޒު ކޮށްފައިވާތަން ކަމަށެވެ.

ރާއްޖެ އިން ބޭރަށް ކިޔަވަންދާ ސްކޮލާޝިޕް މަދު ކުރުމަށް ބަޖެޓުގައި ހިމަނާފައިވުމަކީ ކަންބޮޑުވާ ކަމެއްކަމަށް ރިޔާޒު ވިދާޅުވި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ޝާހް ވިދާޅުވީ މިދިޔަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ ކުރަންވާ ވަރަށް ދިރާސާ ނުކޮށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ.

ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒް ކުރުމުގެ 20 ޕަސެންޓް ވެސް ކުރިއަށް ނުގެންދެވޭ ކަމަށް ވިދާޅުވެ ޝާހް ވިދާޅުވީ އެސްއީޒެޑާއި ތެޔޮ ހޯދުން ފަދަ ޕްރޮޖެކްޓްތައް ހިންގަން ބަޖެޓްކޮށްފައިވާ ތަން ނުފެންނަ ކަމަށެވެ.