Roadha Mihaaru
ހިސާބު އަދަދެއް ބަޖެޓަކަށް ނުވާނެ: އިދިކޮޅު މެމްބަރުން

ހިސާބު އަދަދެއް ބަޖެޓަކަށް ނުވާނެ، ފޮނުވީ ބަޖެޓެއް ނޫން: އިދިކޮޅު މެމްބަރުން

14 ނޮވެމްބަރ 2017

ޖުމްލަ އަދަދެއްގެ ޖަހައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، އަންނަ އަހަރުގެ ބަޖެޓަކީ ހަމައެކަނި އަދަދުތަކެއް ކަމަށާއި، އެއީ ބަޖެޓެއް ފޮނުވުން ނޫން ކަމަށް މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްލަ އަދަދެއްގެ ޖަހައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، އަންނަ އަހަރުގެ ބަޖެޓަކީ ހަމައެކަނި އަދަދުތަކެއް ކަމަށާއި، އެއީ ބަޖެޓެއް ފޮނުވުން ނޫން ކަމަށް މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި އެއްވެސް ތަފްސީލެއް ހިމަނައިފައެއް ނެތެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ ޖުމްލަ އަދަދެއްގެ ޖަހާފައި އޮތް ސިޓީ އެކެވެ.

މީގެ ކުރިން އަމަލު ކުރަމުން އައި ގޮތަކީ ބަޖެޓް ފޮނުވާކަން އަންގައި މަޖިލީހަށް ފޮނުވާ ސިޓީއާ އެކު ބަޖެޓްގެ ހުރިހާ ތަފްސީލެއް ހިމެނޭ ގޮތަށް ބަޖެޓް ފޮތް ވެސް މަޖިލީހަށް ފޮނުވަ އެވެ. އެކަމަކު، މި ފަހަރު ބަޖެޓު ފޮތް ވެސް ފޮނުވައިފައެއް ނުވެ އެވެ.

މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ބަޖެޓު ފޮނުވަން ޖެހޭނީ މާލިއްޔަތުގެ ގާނޫނުގައި އޮންނަ ގޮތަށް ތަފްސީލާ އެކުގަ އެވެ. އަދި ތަފްސީލެއް ނެތި މަޖިލީހަށް ބަޖެޓު ފޮނުވުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވަނީ. - ފޮޓޯ: މަޖިލިސް

ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވަނީ. - ފޮޓޯ: މަޖިލިސް

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އާއި އޭގެ ކުރިން އަމަލުކުރި ގާނޫނުއަސާސީ ޑްރާފްޓްކުރުމުގެ މަސައްކަތުގައި އުޅުއްވި ޝާހިދު ވިދާޅުވީ އޭނާ މަޖިލީހުގެ ރައީސްކަން ކުރެއްވި އިރު، ކުރީގެ ސަރުކާރުތަކުން މަޖިލީހަށް ބަޖެޓު ފޮނުވީ ހުރިހާ ތަފްސީލްތަކަކާ އެކު ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ގާނޫނުގައި އޮންނަ ގޮތަށް ކަން ބަޖެޓު ފޮނުވަން ޖެހޭނީ. އެ ނޫން ގޮތަކަށް ބަޖެޓު ނުފޮނުވޭނެ،" އެމްޑީޕީގެ އިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އާންމު އުސޫލަށް ބަލާއިރު، ބަޖެޓު މަޖިލީހަށް ފޮނުވަން ވާނީ އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދާއި ހަރަދު ކުރެވޭނެ ގޮތް ފަދަ މުހިންމު މައުލޫމާތާ އެކުގައި ކަމަށެވެ. އަދި ހިސާބު އަދަދެއް ފޮނުވިޔަސް، އެއީ ބަޖެޓު ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންތަކެއް މަޖިލީހުގެ ގޯތިތެރޭގައި.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންތަކެއް މަޖިލީހުގެ ގޯތިތެރޭގައި.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އަލީ ވިދާޅުވި ގޮތުގައި ބަޖެޓްގެ އަދަދު ސިޓީއެއްގެ ޒަރީއާ އިން ފޮނުވުމުން ދޭހަކޮށްދެނީ ބަޖެޓު ހުށަހެޅުމަށް ސަރުކާރު ތައްޔާރުނުވާ ކަމެވެ. އަދި މިކަމުން ސަރުކާރުގެ ޕްލޭނެއް ނެތް ކަން ސާފު ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒަމާނުއްސުރެ ކަންކަން ކުރަމުން އަންނަ އުސޫލާ އެއްގޮތަކަށް ނޫން މި ފެންނަނީ،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ބަޖެޓު މަޖިލީހަށް ފޮނުވީ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް، ބަޖެޓުގެ އުސޫލުތަކާ މުޅިން ހިލާފަށް ކަމަށެވެ. އަދި ބަޖެޓު ފޮނުވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރަކީ ގާނޫނުތަކާ އެއްގޮތަށް ތަބާވާ ބައެއް ނޫން ކަމަށާއި ގާނޫނުގައި ކޮންމެ އެއްޗެއް އޮތަސް، ސަރުކާރުން މިހާރު އެ ކަންކަން ގަބޫލު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ސަރުކާރުން ބަޖެޓުގެ އަދަދު ޖަހާފައި ސިޓީއަކުން ބަޖެޓު ފޮނުވީ ގާނޫނުގައި ބުނެފައިވާ ތާރީހުގެ ކުރިން މަޖިލިހަށް ބަޖެޓް ހުށަހެޅިކަން ރަސްމީކޮށްލާށެވެ. ސިޓީގައި ހިމަނާފައިވާ އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަަދަދު އެނގޭ ގޮތެއް ނުވި އެވެ. އެހެންކަމުން މިއީ ހަމައެކަނި ޖުމްލަ އަދަދެއް ޖަހައި، ސިޓީއަކުން ބަޖެޓް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށްވެ އެވެ.

"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ޖަލްސާ ނުބޭއްވި ލަސް ވަނީ ފިނޭންސް މިނިސްޓްރީން ބަޖެޓުގެ ތަފްސީލްތައް ނުފޮނުވައިގެންނެވެ. ނަމަވެސް މި މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު 27.3 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. އަދި 2016 އަށް މަޖިލީހުން ފާސްކޮށްދިނީ 27.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ހުށަހަޅަންވާނެ އެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ބަޖެޓު ހުށަހަޅަން ޖެހެ އެވެ.