Roadha Mihaaru
ޓެކްސްއާ ގުޅޭ ގާނޫނުތައް ފާހެއް ނުވާނެ: ޝަރީފް

ޓެކްސްއާ ގުޅޭ ގާނޫނުތައް ފާހެއް ނުވާނެ: ޝަރީފް

21 ނޮވެމްބަރ 2017

ސަރުކާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ފާސްކުރަން ތައްޔާރުވާ ޓެކްސްއާ ގުޅޭ ގާނޫނުތައް ފާސްނުވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އިއްޔެ ޗެލެންޖު ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ފާސްކުރަން ތައްޔާރުވާ ޓެކްސްއާ ގުޅޭ ގާނޫނުތައް ފާސްނުވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އިއްޔެ ޗެލެންޖު ކުރައްވައިފި އެވެ.

ބަޖެޓު ދިރާސާ ކުރި ކޮމެޓީގެ ބައްދަލުވުން ބޮއިކޮޓް ކުރެއްވުމުގެ ކުރިން ޝަރީފަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޓެކްސްގެ ގާނޫނުތަކަށް ބަދަލު ގެނެސްގެން ފައިސާ އިތުރަށް ހޯދަން ހިމަނާފައި އޮތަސް، އެ ގާނޫނުތަކަށް ބަދަލުނުގެނެވޭނެ ކަމަށެވެ. އަދި ދިވެހި ފައިސާ ޗާޕުކޮށްގެން ނޫނީ އަންނަ އަހަރުގެ ބަޖެޓުގައި ހުރި ކަންކަން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހި ދައުލަތުން މިހާރު ފާސް ކުރަން ހުށަހަޅާފައި އޮތް އެއްވެސް ގާނޫނެއް ފާސް ކުރުމުގެ ޖާގައެއް ނުލިބޭނެ. ގާނޫނީ އަދަދެއް ހަމައެއް ނުކުރެވޭނެ. ޖީއެސްޓީއެއް ވެސް އިތުރެއް ނުކުރެވޭނެ. ތްރެޝޯލްޑް ވެސް ދަށެއް ނުކުރެވޭނެ. ބީޕީޓީއަކަށް ވެސް ބަދަލެއް ނުގެނެވޭނެ،" ޝަރީފް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުން ދޫކުރައްވައި ޝަރީފްގެ އިތުރުން އިދިކޮޅު މެމްބަރުން ވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ އަހަރުގެ ބަޖެޓް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުން ދޫކުރައްވައި ޝަރީފްގެ އިތުރުން އިދިކޮޅު މެމްބަރުން ވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމަށް ވޯޓަށް އަހަންވާނީ ދެ ބައި ކުޅަ އެއް ބައި މެމްބަރުން ތިބޭ ޖަލްސާއެއްގަ އެވެ. މިހާރު މަޖިލިހުގެ މެމްބަރުންގެ ޖުމްލަ އަދަދަށް ބަލާއިރު، އޭގެ މާނަ އަކީ، މަދުވެގެން 43 މެމްބަރުން ހާޒިރުނުވާ ޖަލްސާއެއްގައި އެކަހަލަ ބިލެއް ފާސްނުވާނެ ކަމެވެ.

ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާތީ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ހަމަކުރެވޭނީ އިދިކޮޅު މެމްބަރުންނާ އެކުގަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ޓެކްސްއާ ގުޅޭ ގާނޫނުތަކަށް ގެންނަން އުޅޭ އިސްލާހާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސް ވެރިން ކޮމެޓީއަށް ހާޒިރުކުރަން ބޭނުންވީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖަށް ކުރާނެ އަސަރުތައް ދެނެގަންނާށެވެ.

ކޮމެޓީ ބައްދަލުވުން ކުރިއަށް ދިޔަ ގޮތާ މެދު އިދިކޮޅު މެމްބަރުން ހިތްހަމަޖެހިވަޑައިނުގަތީ އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ދެއްވި ލަފަޔާ މެދު ބަހުސްކުރަން ވަގުތު ދިން ގޮތާ މެދު ހިޔާލު ތަފާތުވެގެންނެވެ. ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކަށް ބަހުސްކުރަން ވަގުތު ދޭން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވީ އެ ވަގުތު ހާޒިރުވެ ތިއްބެވި ކޮންމެ މެމްބަރަކަށް ތިން މިނެޓްގެ ފުރުސަތެއް ދިނުމަށެވެ. ނަމަވެސް އެ ކޮމިޓީން ކުރިން ނިންމާފައި އޮތީ ޕީޕީއެމަށް 30 މިނެޓް ދިނުމަށާއި އެމްޑީޕީއަށް 20 މިނެޓް އަދި ޖުމްހޫރީ ޕާޓީ އަށް 10 މިނެޓް އަދި އެމްޑީއޭއަށް ފަސް މިނެޓް ދިނުމަށެވެ.

"ގަދަ ބާރުން، ހުދުމުހުތާރު ކަމުން، ގޮށް މުށުގެ ބާރުން އަޅުގަނޑުމެންގެ އަޑު ކަނޑުވާލަން ބޭނުންވަނީ. މަޖިލީހުގެ މެމްބަރުންގެ އަޑު ކަނޑުވާލަން ބޭނުންވަނީ،" ވޭތުވެދިޔަ އަހަރުތަކުގައި މަޖިލީހަށް ހުށަހެޅި ބަޖެޓުތައް ފާސްކުރަން ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަރީފް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފޮތް. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފޮތް. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދެވޭތޯ އިދިކޮޅު މެމްބަރުން ވަރަށް ހިތްވަރާ އެކު މަސައްކަތް ކުރެއްވި އެވެ. އެކަމަކު ދައުލަތުގެ މުހިންމު ދެ މުއައްސަސާ އަދި ބަޖެޓާ އެންމެ ގުޅުން ހުރި އެމްއެމްއޭ އާއި އޮޑިޓަ ޖެނެރަލްގެ އިސް ވެރިން މަޖިލީހަށް ހާޒިރު ނުކުރާ ނަމަ، މެމްބަރުން ކޮމެޓީގައި ތިއްބަވަންވީ ކީއްވެގެންތޯ ޝަރީފް ސުވާލު ކުރެއްވި އެވެ.

ކޮމެޓީގައި އަޑުގަދަކުރެއްވުމަށް ފަހު، ޝަރީފް ކޮމިޓީ ދޫކުރައްވައި ވަޑައިގެންނެވުމުން އިދިކޮޅު އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ވަނީ ކޮމިޓީން ނުކުމެވަޑައިގެންފަ އެވެ. އޭގެ ފަހުން ކޮމިޓީ ނިންމާލީ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންނާ އެކު ބަޖެޓު ފާސްކުރުމަށް ފަހު އެވެ.

ބަޖެޓުގައި ބުނެފައި ވަނީ ބީޕީޓީ ގާނޫނަށް ގެންނަ ބަދަލާ އެކު ބީޕީޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ. ނަމަވެސް ގެންނަ ބަދަލެއް ބުނެފައެއް ނުވެ އެވެ. ހަމައެއާކު، މި އަހަރު ފާސް ކުރި ސަޕްލިމެންޓްރީ ބަޖެޓުގައި ވަނީ ޖީއެސްޓީގެ ތުރެޝޯލްޑް އުވާލުމަށް ޖީއެސްޓީގެ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން، މި އަހަރު ތެރޭގައި 29 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބުނެފަ އެވެ.