Roadha Mihaaru
ލީގު ނުލިބުނަސް ޓީސީގެ މަގާމު ރަނގަޅު: ނިޒާމްބެ

ލީގު ނުލިބުނަސް ޓީސީގެ މަގާމާ މެދު ނިޒާމްބެ ހިތްހަމަޖެހިފައި

20 ނޮވެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުން މި ފަހަރު އެންމެ ހަނި ގޮތަކަށް ފުރުސަތު ހޯދީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. ނަމަވެސް އެ ޓީމުން ދެއްކި ތަފާތާ އެކު ލީގު ރޭހުގައި އެ ޓީމު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޮތެވެ. އިއްޔެ ނިއު ރޭޑިއަންޓް އަތުން 3-2 އިން ބަލިވެ ޓީސީ އަށް ލީގު ގެއްލުނަސް ކޯޗު މުހައްމަދު ނިޒމް (ނިޒާމްބެ) ހުރީ ހިތްހަމަޖެހުމަކާ އެކު އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުން މި ފަހަރު އެންމެ ހަނި ގޮތަކަށް ފުރުސަތު ހޯދީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. ނަމަވެސް އެ ޓީމުން ދެއްކި ތަފާތާ އެކު ލީގު ރޭހުގައި އެ ޓީމު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޮތެވެ. އިއްޔެ ނިއު ރޭޑިއަންޓް އަތުން 3-2 އިން ބަލިވެ ޓީސީ އަށް ލީގު ގެއްލުނަސް ކޯޗު މުހައްމަދު ނިޒމް (ނިޒާމްބެ) ހުރީ ހިތްހަމަޖެހުމަކާ އެކު އެވެ.

ނިއު ޗެމްޕިއަންކަން ހޯދީ 13 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ 12 މެޗުން 29 ޕޮއިންޓެވެ. ނިއު އަށް ލީގު ކަަށަވަރުވީ ބާކީ އެއް މެޗު އޮއްވަ އެވެ. އެކަމަކު އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ޓީސީ އަށް އަރާ ހަމައެއް ނުކުރެވޭނެ އެވެ.

ޓީސީ ގޮވައިގެން 2015 ވަނަ ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ނިޒާމްބެ ވަނީ ލީގު ޗެމްޕިއަންކަމާ ވަރަށް ގާތަށް ވެސް ގޮސްފަ އެވެ. އެކަމަކު މިދިއަ ތިން ސީޒަނުގައި ވެސް އެ ޓީމު ނިންމާލަން ޖެހުނީ ދެ ވަނައިގަ އޮވެ އެވެ. މިއީ، ނިޒާމްބެ ދެކޭ ގޮތުގައި، ރަނގަޅު މަގާމެކެވެ.

"މިދިޔަ ތިން އަހަރު ވެސް އެއް ޕޮޒިޝަނެއްގައި މި ހިފަހައްޓާލެވުނީ މީގެ ތެރެއަށް މާ ބައިވަރު ލާރިތަކެއް ބަމްޕް ކޮށްގެނެއް ނޫން. އަނެއް ކޮޅުން މާ ބޮޑެތި ސްޓާ ޕްލޭޔަރުން ލައިގެނެއް ވެސް ނޫން މި ހިސާބަށް މި އަންނަނީ،" ނިޒާމްބެ ބުންޏެވެ.

"މިއަށް ވުރެ މާ ބައިވަރު ލާރި ހަރަދުކޮށްގެން އައި ބޮޑެތި ޓީމުތައް ވެސް ފެނުނީ މާ ކުރިން ފައިބައިގެން ދިޔަތަން. ވަރަށް ރަނގަޅު ޕޮޒިޝަނެއް މިއީ."

އިއްޔެގެ މެޗު ފެށިގެން ހަ މިނިޓް ތެރޭގައި ނިއު އިން ވަނީ ޓީސީ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. ޓީސީ އަށް ދެ ގޯލު ޖެހުނީ ނިއު އިން ދެ ވަނަ ހާފުގައި ތިން ވަނަ ލަނޑެއް ވެސް ޖެހި ފަހުންނެވެ.

ނިޒާމްބެ ބުނީ ޓީމު ފެނުނީ އަމިއްލަ އަށް ޕްރެޝަރުވެފައި ތިބި ކަހަލަ ގޮތަކަށް ކަމަށެވެ.

"އަމިއްލަ އަށް ޕްރެޝާ ވެފައި ތިބި ކަހަލަ ގޮތަކަށް މެޗު ފެއްޓުނީ ކުޅުންތެރިންނަށް. ދެން ހަމަ ގައިމުވެސް ކުޅުންތެރިއެއްގެ ހައިސިއްޔަތުން ދެން މެނޭޖްމަންޓުން ވެސް ނުދެން ޕްރެޝަރެއް. އެކަން ވަރަށް ރަނގަޅަށް ފާހަގަވެގެންދިޔަ ޓީމުން. ވަަރަށް ރަނގަޅަށް ޖައްސާފައި އިންދާ އެއްވެސް އެފަޓެއް ނެތި އައި ދެ ގޯލު އެއީ،" އޭނާ ބުންޏެވެ.

މެޗުގެ ފުރަތަމަ ދެ ގޯލުގައި ޓީސީގެ ޒުވާން ޑިފެންޑަރު މުރުތަލާ އަދުނާންގެ މިސްޓޭކް ފެނުނެވެ. ޓީސީން ވަނީ ފުރަތަމަ 32 ވަނަ މިނިޓަށް ފަހު މުރުތަލާ ބަދަލުކޮށްފަ އެވެ.

"ވަރަށް ބޮޑު ދެ މިސްޓޭކެއް އެއީ. މުޅި ސީޒަނުގައި ވަރަށް ރަނގަޅަށް ކުޅެމުން އައި ވަރަށް ޒުވާން ޑިފެންޑަރެއް (މުރުތަލާ) އަތުން ހެދުނު ދެ މިސްޓޭކް. ދެން މިކަހަލަ މެޗެއްގައި ހިނގައިދާނެ ކަންތައް އެއީ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ކުޅުންތެރިން ދެ ވަނަ ހާފުގައި ދެއްކި ކުޅުން ވަރަށް ރަނގަޅު ކަމަށާއި ފިޓްނަސް ވެސް ހުރީ އެންމެ ބޭނުންވި ވަރަށް ކަމަށެވެ.

"ދެ ވަނަ ހާފަށް ނުކުމެފައި ދެ ވަނަ ހާފް ވިން ކުރީ ޓީސީން. ބޮޑަށް ޑޮމިނޭޓްކުރީ ވެސް ޓީސީން. ދެން ސީޒަނެއްގެ ފަހު ކޮޅަށް އައިސްފައި މެޗުގެ 80 ވަނަ މިނިޓުން ފެއްޓިގެން މި ވަރަށް ޕާފޯމް ކޮށްލެވުމުން އެއީ ކޯޗެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ނިޒާމްބެ ބުންޏެވެ.

"ވަރަށް ރަނގަޅަށް ކުޅުންތެރިން ޓްރެއިން ކޮށްގެން މި ހިސާބަށް އާދެވުމުގެ ހެއްކެއް އެއީ. ގިނަ ޓީމުތަކުން މި ހިސާބަށް އައިއިރު މެޗުގެ އެ ހިސާބުން ވެއްޓިފައި ތިބީ."

ލީގުގައި ޓީސީ ކުޅޭ ފަހު މެޗުގައި ނުކުންނާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ހަވީރު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.