Roadha Mihaaru
އެންޑްރޮއިޑް ފޯނުތަކަށް ތްރީޑީ ސެންސިން

އެންޑްރޮއިޑް ފޯނުތަކަށް ތްރީޑީ ސެންސިން

19 ނޮވެމްބަރ 2017

އެންޑްރޮއިޑް ފޯނުތަކުގައި ތްރީޑީ ސެންސިން ހިމަނަނީ އެވެ. އެ ކަމަށް ބޭނުންވާ ހާޑްވެއާ ހޯދުމަށްޓަކައި ސްމާޓްފޯން ކުންފުނިތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ވާވޭ، ޝޯމީ އަދި އޮޕޯއިން 2018 ގައި ނެރޭ ފޯނުތަކުގައި އެ ފީޗާ ހިމަނާނެ ކަމަށް ބުނެވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެންޑްރޮއިޑް ފޯނުތަކުގައި ތްރީޑީ ސެންސިން ހިމަނަނީ އެވެ. އެ ކަމަށް ބޭނުންވާ ހާޑްވެއާ ހޯދުމަށްޓަކައި ސްމާޓްފޯން ކުންފުނިތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ވާވޭ، ޝޯމީ އަދި އޮޕޯއިން 2018 ގައި ނެރޭ ފޯނުތަކުގައި އެ ފީޗާ ހިމަނާނެ ކަމަށް ބުނެވެ އެވެ.

ސްމާޓްފޯންތަކުގައި ތްރީޑީ ސެންސިން ހިމެނުމަކީ ފޯނުތަކަށް އަދި އެހާ އާންމު ފީޗާއެއް ނޫނެވެ. މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުގައި، ތްރީޑީ ސެންސިން ޓެކްނޮލޮޖީ ސަފުގައި އެންމެ ކުރީގައި އުޅެނީ އެޕަލް އެވެ. އެޕަލް އުޅެނީ ވާދަވެރިންނަށް ވުރެ އަހަރުތަކެއް ކުރީގަ އެވެ. މި ޓެކްނޮލޮޖީ އަށް އެޕަލްއިން "ތްރީޑީ ސެންސިން"އޭ ނުކިޔެއް ކަމަކު، އެޕަލް އައިފޯނު 10 ގައި ހިމަނާފައިވާ "ފޭސް އައިޑީ"ގެ އަސާސީ ބިންގަލަކީ ތްރީޑީ ސެންސިން އެވެ.

އެޕަލްގެ ފޭސް އައިޑީ އަކީ އައިފޯނުގައި ކުރިން ބޭނުންކުރި "ޓަޗް އައިޑީ" އަށް ފުރެ ފަހުގެ ޓެކްނޮލޮޖީ އެވެ. ޓަޗް އައިޑީ އަކީ ވެސް ފޯނު ރައްކަތެރިކުރުމަށް އަޅާ ސަމާލަތީ ފިޔަވަޅެކެވެ. އެ ގޮތުގައި ފޯނު ހުޅުވެނީ ފިންގާޕްރިންޓް ސްކޭންކޮށްގެންނެވެ.

ފޭސް އައިޑީ ޓެކްނޮލޮޖީގައި ފޯނު ބޭނުންކުރާ މީހާގެ މޫނު ތްރީޑީކޮށް ކުރަހާލަ އެވެ. މޫނުގެ ވަނާތައް އަދި ލޯ ވަޅުވަދެފައި ހުރި މިންވަރާއި ނޭފަތުގެ ދިގުމިން ފަދަ މޫނަށް ޚާއްސަ މައުނަވީ ސިފަތައް އަތުލައިގަތުމަށް އެޕަލްއިން ބޭނުންކުރަނީ "ޓްރޫޑެޕްތު" ކެމެރާ ސިސްޓަމެކެވެ.

އެންޑްރޮއިޑް ފޯނުތަކުގައި ތްރީޑީ ސެންސިން ހިމެނުމުން ވެސް ކުރެވެނީ ހަމަ ދާދި އެއް ކަމެކެވެ. އެކަމަކު އެންޑްރޮއިޑް ފޯނުގައި ގާއިމުކުރެވޭ ތްރީޑީ ސެންސިން އަށް ޚާއްސަ ޗިޕްތައް އުފައްދަނީ ކުއަލްކޮމް އާއި ބައިވެރިންނެވެ.

ވާވޭއާ ގުޅުން ހުރި މީހުން ބުނާ ގޮތުގައި، ވާވޭ ފޯނުތަކުގައި މިހާރު ބޭނުންކުރެވޭ "ކިރިން" މައިކްރޮޗިޕްގައި ތްރީޑީ ސެންސިން ހިމެނުމަށް ވާވޭ މަސައްކަތްކުރެ އެވެ. އަނެއްކޮޅުން ސެމްސަންގްއިން ވެސް ދަނީ ތްރީޑީ ސެންސިން އަށް ޗިޕްތައް ފައްކާކުރަމުންނެވެ.