Roadha Mihaaru
ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ބޮޑު މަންޒަރު!

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ބޮޑު މަންޒަރު!

21 ނޮވެމްބަރ 2017

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުން ހުޅުމާލޭގައި އެޅުނީ 700 ފްލެޓެވެ. މި ފްލެޓްތަކުގައި އަދިވެސް މީހުންނަށް ދިރިއުޅެން ފެށޭވަރެއް ނުވެ އެވެ. ފަނަރަހާހަށް ވުރެ ގިނަ މީހުން ކުރިމަތިލީ ފްލެޓްތައް ބެހި ގޮތުން، އުފެދުނު ހައިޖާނުގަނޑު ވެސް އަދި ނުނިމެ އެވެ. މި ހަގީގަތް އޮތީ މިގޮތަށެވެ؛

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުން ހުޅުމާލޭގައި އެޅުނީ 700 ފްލެޓެވެ. މި ފްލެޓްތަކުގައި އަދިވެސް މީހުންނަށް ދިރިއުޅެން ފެށޭވަރެއް ނުވެ އެވެ. ފަނަރަހާހަށް ވުރެ ގިނަ މީހުން ކުރިމަތިލީ ފްލެޓްތައް ބެހި ގޮތުން، އުފެދުނު ހައިޖާނުގަނޑު ވެސް އަދި ނުނިމެ އެވެ. މި ހަގީގަތް އޮތީ މިގޮތަށެވެ؛

މިކަން މިހެން އޮއްވައި، މިހާތަނަށް ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫ ސަރުކާރުން މިވަނީ އިއުލާންކޮށްފަ އެވެ. މި މަޝްރޫއުގައި، 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އަޅަން ވަނީ ނިންމައިފަ އެވެ. ގިނަ ބަޔަކު ކުރަމުންދާ ސުވާލަކީ މިއެވެ؟ ހަތަރު އަހަރުން ހާހެއްހާ ފްލެޓް ނޭޅުނުއިރު، ދެ އަހަރުން 15،000 ފްލެޓް އަޅާނީ ކިހިނެއް ހެއްޔެވެ؟ މިއީ، ހަގީގަތަކަށް ވާނެ ހުވަފެނެއް ހެއްޔެވެ؟

ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ބަޔަކު ބައިވެރިވި ޖަލްސާގައި، އެ މަޝްރޫއު 2019 ގައި ނިންމައި ބޯހިޔާވަހިކަމަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޔާމީން ވައުދުވެވަޑައިގަތެވެ. އޭގެ ތެރެއިން ބައެއް ޓަވަރުތަކުގައި އަންނަ އަހަރު ދިރިއުޅެން ފެށޭނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއު ރައީސްގެ ދެކަނބަލުން އިފްތިތާހްކޮށްދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންނަށް ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއު ރައީސްގެ ދެކަނބަލުން އިފްތިތާހްކޮށްދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެއް ބަޔަކު ދެކޭ ގޮތުގައި، މިއީ، އިންތިހާބުގެ މޫސުމާ ދިމާކޮށް އޮއްސާލައްވަން ރައީސް ޔާމީން ތައްޔާރުކުރެއްވި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޕީޕީއެމުން މި ދައުރަށް ކަނޑައެޅި މެނިފެސްޓޯގައި، ގައިމު ވެސް މިހާ ގިނަ އަދަދެއްގެ ފްލެޓް އަޅާ ވާހަކައެއް ނެތެވެ. އަދި މިހާ ގިނަ އަދަދެއްގެ ފްލެޓް އެޅުމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ފާޑުކިޔާ މީހުން އެ ތިބީ ކަށަވަރު ކޮށްގެންނެވެ. މިއާ އެކު، މި ފްލެޓްތައް އަޅައި، މާލެ ސަރަހައްދު ތޮއްޖައްސަން ރައީސް ޔާމީން ގެންގުޅުއްވާ ވިސްނުމާ ވެސް ބައެއް މީހުން ދެކޮޅެވެ.

ނުވާނެ ކަމެއް ނޫން، އެކަމަކު ގޮންޖެހުން ބޮޑު!

ދެ އަހަރުގެ ތެރޭގައި 15،000 ފްލެޓް އެޅުމަކީ، އިމާރާތް ކުރުމުގެ ދާއިރާގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ނުވާވަރުގެ ކަމެއް ނޫނެވެ. ފައިސާ ހޯދައިގެން، ކުރަން އުޅެފި ނަމަ މިއީ، ދެ އަހަރުގެ ތެރޭގައި ކުލަ ޖެއްސޭނެ ހުވަފެނެކެވެ. ރައީސް ޔާމީންގެ ތަސައްވުރުގައި ހިމެނޭ "ޔޫތު ސިޓީން" ވެސް، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ފެންނަ ފަދަ ބިޔަ އުސް އިމާރާތްތައް ފެނުން އެކަށީގެންވެ އެވެ.

މި ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، 25 ބުރީގެ ޓަވަރެއް ނިންމަން ހޭދަވާނީ ގާތްގަނޑަކަށް 18 މަސް ދުވަހެވެ. އެހެންކަމުން، ދެ އަހަރުގެ ތެރޭގައި ރީތިކޮށް، 62 ޓަވަރު އިމާރާތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަަ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ފަރާތުން، ބޭއްވި ސެމިިނާގައި ޖަނާހް ވާހަކަ ދައްކަވަނީ: އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި މަޝްރޫއު ކާމިޔާބުކުރަން ވިސްނުން ބަދަލުކުރަންޖެހޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ފަރާތުން، ބޭއްވި ސެމިިނާގައި ޖަނާހް ވާހަކަ ދައްކަވަނީ: އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި މަޝްރޫއު ކާމިޔާބުކުރަން ވިސްނުން ބަދަލުކުރަންޖެހޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއީ، ނުވާނެ ކަމެއް ނޫން. އިމާރާތް ކުރުމުގެ ދާއިރާއިން ދުނިޔޭގެ ޓްރެންޑް ހުރި ގޮތަށް ބަލާ ކަމަށް ވަންޏާ، ވަރަށް ބުރަކޮށް، އަވަހަށް މަސައްކަތް ކޮށްގެން ކާމިޔާބު ކުރެވިދާނެ،" ހޮޓެލްސް އެންޑް ރިޒޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ޗެއާމަން، މުހައްމަދު އަލީ ޖަނާހް ވިދާޅުވި އެވެ.

އޭނާގެ ތަޖުރިބާއާ އެކު، މި މަޝްރޫއުގައި ގެންގުޅުއްވިދާނެ ބައެއް ކޮންސެޕްޓްތައް ވެސް ވިދާޅުވެދެއްވި އެވެ. އޭގެ ތެރޭގައި، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް، ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ކުރުމާއި، ބޭރުގެ ބައެއް ކުންފުނިތަކާ ގުޅިގެން ކުރުމާއި، އިމާރާތްކުރަން ބޭނުންވާ ސާމާނު ކްރެޑިޓަށް ހޯދުމާއި ބޭންކްތައް މެދުވެރިކޮށް ލޯނު ކަށަވަރުކުރުމުގެ އިތުރުން، ކޮންޓްރެކްޓަރުން އަމިއްލަ އަށް ފައިސާ ހޯދައިގެން މަޝްރޫއު ކުރިއަށް ގެންދިއުން ހިމެނެ އެވެ.

ޖަނާ ވިދާޅުވި ގޮތުގައި މިއީ ކުންފުނިތަކަށް ވެސް ލިބޭނެ އިތުރު ފުރުސަތެކެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުންހިފޭނީ، ވިސްނުން ބަދަލުކޮށްގެންނާއި، މަޝްރޫއު ކުރިއަށް ގެންދާނެ ޒަމާނީ ރޭވުންތެރިކަމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވީ ފައިސާ އާއި މަސައްކަތް ކުރާނެ މީހުން ތިބެފައި ރީތިކޮށް ކުރަން އުޅެފި ނަމަ 80،000 މީހުންނަށް ފްލެޓް އެޅުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އޭނާގެ ކަންބޮޑުވުންތައް ހުރީ، މި މަޝްރޫއު ކުރިއަށް ގެންދަން އުޅޭ ގޮތާ މެދުގަ އެވެ.

"މިއީ ނުވާނެ ކަމެއް ނޫން. އެކަމަކު ބަލާލަން ޖެހޭ އެބަ މި ސަރުކާރުގައި ކަން ހިނގާފައި އޮތީ، ކަން ކުރަމުން ދަނީ ކިހިނެއްތޯ؟ މިވަނީ ކީއްތޯ؟ އާ ކަމެއް ނޫން، އިންތިހާބުތަކާ ކައިރިވީމަ އުޑުން ތަރި ބާލަ ދިނުން، ރަން އިލޮށިން ކަދުރު ކާން ދިނުން،" އަސްލަމް ވިދާޅުވި އެވެ.

"އެކަމަކުު އުފެދޭ ސުވާލަކީ ހަތަރު އަހަރު ފަހުންތޯއޭ ރައީސް ޔާމީން މިވަރުގެ ކަމަކަށް ކުރިމަތިލައްވަންވީ؟ އިންތިހާބަށް ކެމްޕޭން ފައްޓަވާފައިތޯ މި ވާހަކަ ވިދާޅުވާންވީ؟ ދިވެހިން އެހާ މޮޔަވާނެ ކަމަށް ގަބޫލުކުރައްވަނީތޯއޭ، މިވާ އެއްޗެއް ނޭނގޭ މިންވަރަށް؟"

އޭނާ ވިދާޅުވި ގޮތުގައި އާއިލާއެއްގައި އާއްމު ގޮތެއްގައި ފަސް މީހުން ތިބޭއިރު، 80،000 މީހުންގެ ބޯހިޔާވަހިކަމަށް އަމާޒު ހިފައި 62 ޓަވަރު އެޅުމުން، އެއީ ގާތްގަނޑަކަށް 16،000 ފްލެޓެވެ. މި މަޝްރޫއުގައި އިމާރާތް ކުރާނީ މިވެނި ސައިޒުގެ ނުވަތަ މިވެނި ޓަވަރެއްގައި ފްލެޓްގެ އަދަދު ހުންނާނީ މިވެނި މިންވަރަކަށޭ ސަރުކާރުން މިހާތަނަށް އާއްމު ނުކޮށްގެން އުޅެނީ ރަނގަޅު ޕްލޭނެއް އެކުލަވާލާފައި ނެތުމުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މިހާ ގިނަ އަދަދެއްގެ ފްލެޓްތަކެއް އެއްފަހަރާ އެޅުމަކީ ހަމަގައިމު ވެސް ދިވެހި ކޮންޓްރެކްޓަރުންނަށް ކުޅަދާނަ ކަމެއް ނޫނެވެ. އެވަރުގެ ކެޕޭސިޓީއެއް ރާއްޖޭގެ ގިނަ ކުންފުނިތަކުގައި އަދި ނެތެވެ. އެއާ އެކު ރާއްޖޭގައި އާއްމު ގޮތެއްގައި، އިމާރާތް ކުރުމުގެ ދާއިރާ އިން މިހާރު މަސައްކަތް ކުރަމުން އަންނަ ސްޕީޑާއި، ކޮންސެޕްޓަށް ވެސް މިކަން ކާމިޔާބު ނުވާނެ ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކުގެ މަޝްރޫއު އިފްތިތާހުކުރަން ބޭއްވި ހަފުލާގައި އާންމުން ބައިވެރިވަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކުގެ މަޝްރޫއު އިފްތިތާހުކުރަން ބޭއްވި ހަފުލާގައި އާންމުން ބައިވެރިވަނީ

މިހާ ގިނަ ފައިސާ ހޯދާނީ ކޮން ތާކުން؟

މިހާ ގިނަ އަދަދެއްގެ އިމާރާތް އެޅުމަކީ ވަރަށް ބޮޑު ހޭދައެކެވެ. މިއީ އެތައް ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިކަމަށް އިންވެސްޓްކުރާނެ ބަޔަކު އެބަ ތިބި ހެއްޔެވެ؟ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބަލާއިރު ވެސް، މި ސުވާލު ކުރެވޭނެ ޖާގަ އެބަ އޮތެވެ.

ބޭރުގެ ބޮޑެތި ކުންފުނިތަކުން ހިންގި ބައެއް މަޝްރޫއުތަކުގައި ވެސް ފައިސާގެ މައްސަލަތައް ކުރިމަތިވެ ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހުނުއިރު، އެއްބަސްވާ މުއްދަތު ފަހަނައަޅައި އެތައް މަހެއް ހޭދަވިއިރު ވެސް ޕްރޮޖެކްޓް ނުނިމި ދިގުލައިގެން ގޮސްފައި އެބަ ހުއްޓެވެ. އެހެންކަމުން މި މަޝްރޫއަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަކީ އެންމެ ބޮޑު ގޮންޖެހުމެވެ.

މި މަޝްރޫއަށް އެއްބާރުލުން ދޭން ބޭންކުތަކުން ތައްޔާރު ހެއްޔެވެ؟

ޖަނާ ވިދާޅުވާ ގޮތުގައި ރާއްޖޭގައި ހިންގާ ބޭންކްތަކުގެ ސިޔާސަތު ވެސް، މިކަހަލަ މަޝްރޫއުތަކާ އެކު ބަދަލުވާން ޖެހެ އެވެ.

"މިސާލަކަށް އެސްބީއައިން ރާއްޖެއަށް ކަނޑައަޅާފައި މި އޮންނަނީ އަހަރަކު 500 މިލިއަން ޑޮލަރު، އެކަމަކު އެ ބޭންކްގެ ސީލިން އަހަރަކު 1 ބިލިއަން ޑޮލަރަށް އިތުރުކުރެވިދާނެ،" ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭންކްތަކުން އެހީތެރިވެވިދާނެ ގޮތުގެ މިސާލެއް ނަންގަވަމުން ޖަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ކަންކަން ކާމިޔާބުވާނީ ބޭންކްތަކުން ވެސް މިހާރު ގެންގުޅޭ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްގެންނެވެ.

އެކަމަކު އަނެއް ބަޔަކު ދެކޭ ގޮތުގައި، މި މަޝްރޫއުގެ ތެރެއަށް ބޭންކުތަކުން ވަދެގެންފި ނަމަ، މާލޭގައި އަމިއްލަ މީހުން ހަދާ އިމާރާތްތަކަށް ލޯނު ދިނުން ހުއްޓާލުން އެކަށީގެންވެ އެވެ.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: ބޯހިޔާވަހިކަމުގެ އާ މަޝްރޫއުގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ވަނީ އަމާޒުހިފާފައި.

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: ބޯހިޔާވަހިކަމުގެ އާ މަޝްރޫއުގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ވަނީ އަމާޒުހިފާފައި.

"ސަރުކާރުން މިހަދާ އިމާރާތްތަކަށް ލޯނު ދީގެން، އެޕާޓްމެންޓްސް ގަނެދޭ އުސޫލަށް ބޭންކްތަކުން ބަދަލުކޮށްލަފާނެއޭ. އެހެންވެއްޖިއްޔާ މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް މިކުރާ ވެރިންނަށް ވަރަށް ބޮޑު ގޮންޖެހުންތަކަކަށް ވާނެ، އެ މީހުން ހަދާ ތަންތަނަށް ފައިނޭންސް ނުލިބިއްޖިއްޔާ. ބޭންކްތަކަށް ރިސްކު ކުޑަވާނީ ވެސް މިސާލަކަށް އެގޮތަށް ހަދައިގެން،" އިގްތިސޯދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކަށް މިކަން ވާނެތަ؟

މި މަޝްރޫއުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވެސް ފްލެޓް އަޅަން މިވަނީ ހަވާލުކޮށްފަ އެވެ. މިއީ ވެސް ރާއްޖޭގައި މުޅިން އަލަށް ތަޖުރިބާކުރާ ކަމެކެވެ. ރައްޔިތުންނަށް އެކި ޚިދުމަތް ދިނުމުގެ ޒިންމާއާ ހަވާލުވެ ތިބި ކުންފުނިތަކުން ފްލެޓް އެޅުމެވެ. ސްޓެލްކޯ އަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ހާއްސަކޮށްފައިވާ ކުންފުންޏަކަށް ވާއިރު، މި ކުންފުނިން ފްލެޓް އެޅުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟

މިފަދަ ކަމަކަށް ހޭދަކުރަން މިއިން، އެއްވެސް ކުންފުންޏެއްގައި މާލީީ ގާބިލްކަން އެބަހުރިތޯ މިއީ ވެސް ކުޑަ ސުވާލެއް ނޫނެވެ. ބައެއް ކުންފުނިތަކަކީ ދައުލަތުން ސަބްސިޑީ ދީގެން ހިންގާ ތަންތަނެވެ.

ކުންފުނިތަކުން މިހާރު ހިންގާ މަޝްރޫއުތަކާ މަސްހުނިކޮށްލައިގެން ވެސް ފްލެޓް އެޅުމަކީ ކުރަން ފަސޭހަވާނެ ކަމެއް ނޫނެވެ. ކުންފުނިތަކުން މިކަން ކުރަން ޖެހޭނީ ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި، އެކަމަށް ވަކި ޓީމުތަކެއް އެކުލަވާލައިގެން ކަމަށް މި ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ޖަނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ގެދޮރު އެޅުމަކީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. އެތަންތަނުގެ މުވައްޒަފުންނަށް ވަކި ވަރެއްގެ ފްލެޓްތައް ދީފައި، އަނެއް ބައި އާންމުންނަށް ވިއްކުމުގެ އުސޫލު ކާމިޔާބު ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އެފަދަ މަޝްރޫއުއެއް ކާމިޔާބުވުމާއި ނުވުން ގުޅިފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ކުންފުނިތަކުގެ ހިންގުންތެރިންނާ އެވެ.

"މިކަން ކުރިއަށް ގެންދާނެ ގޮތުގެ އާ ހިޔާލު ނެރެން މި ޖެހެނީ،" ޖަނާ ވިދާޅުވި އެވެ.

ދެކޮޅު ނުޖެހޭ ވިސްނުމެއް، ސިޔާސަތެއް!

ހއ. މުރައިދޫގައި ބަނދަރު ހަދައި ނަރުދަމާ އަޅައި ބޯފެނުގެ ނިޒާމާއި 24 ގަޑިއިރު ކަރަންޓް ޔަގީންކޮށްދިނުމަށް ފަހު، އެ ރަށުގެ މީހުން ހުޅުމާލޭގައި ދިރިއުޅެން އަންނަން ރައީސް ދައުވަތު ދެއްވުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ހެއްޔެވެ؟ މި މަޝްރޫއާ އެކު، އެންމެން މާލެ އަންނަން ރައީސް ޔާމީން ދެއްވި ދައުވަތު ބައެއް މީހުންނަށް ވަނީ ބޮޑު ޖޯކަކަށެވެ. އެ މީހުން ދެކެ ގޮތުގައި އެއީ ދެކޮޅު ޖެހޭ ވިސްނުމެއް ނޫނެވެ.

ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުގައި ދައްކަނީ ރާއްޖޭގެ އެކި ދިމަދިމާލުގައި ހިންގާ ތަަރައްގީގެ މަޝްރޫއުތަކެވެ. ރަށްރަށުގައި ބޯފެނާއި ކަރަންޓާއި ނަރުދަމަ އާއި ބިން ހިއްކުމާއި ފްލެޓް އެޅުން ފަދަ، އެމަނިކުފާނު ހިންގަވާ ގިނަ ކަންކަމެވެ. މި މަޝްރޫއުތައް ރަށްތަކުގައި ހިންގެވި ނަމަވެސް ރައީސްގެ ވިސްނުންފުޅު ހުރީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް ޖަމާކުރާށެވެ.

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު އިއުލާންކުރުމަށް ފަހު ހަވާ އަރުވާތަން ފޮޓޯ ނަގަނީ: ސިޔާސީ ވައުދުތައް ހަގީގަތަކަށް ހެދޭނެތޯ ބައެއް މީހުން ސުވާލުކުރޭ

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު އިއުލާންކުރުމަށް ފަހު ހަވާ އަރުވާތަން ފޮޓޯ ނަގަނީ: ސިޔާސީ ވައުދުތައް ހަގީގަތަކަށް ހެދޭނެތޯ ބައެއް މީހުން ސުވާލުކުރޭ

"ކުދިކުދި ރަށްތަކުގައި ވެސް މަޝްރޫއުތައް އެބަ ހިންގާ، ފާހާނާ ހޮޅި އެޅުމާއި ސްކޫލާއި ހޮސްޕިޓަލްތައް ހެދުން ފަދަ. ބޮޑެތި ހަރަދުތައްކޮށްގެން ރަށްރަށުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާފައި އެ ރަށްރަށުގެ މީހުން ދިރިއުޅެން ފްލެޓް މި އަޅަނީ ހުޅުމާލޭގައި. ރައީސް ވިދާޅުވަނީ ދިރިއުޅެން އެންމެން މާލެ އަންނާށޭ. އެހެންވީމަ މިއީ، ދެކޮޅު ޖެހޭ ވިސްނުމެއް ކަމަކަށް ނުފެނޭ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސިޔާސަތަކީ މާލެ އަށް މީހުން ޖަމާކުރުން ކަން މި މަޝްރޫއު އިއުލާންކުރިއިރު ރައީސް ޔާމީން ދެއްވި ދައުވަތުން ވެސް ސާފުވެ އެވެ.

"މިސާލަކަށް 350،000 މީހުންގެ އާބާދީގެ 70 ޕަސެންޓް މީހުން މާލެ ގެންނަން ބޭނުން ކަމަށް ވަންޏާ ކީއްކުރަން 62 އެއާޕޯޓު އަޅަންވީ؟ އެހެންވީމަ 80،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައިދީ 70 ޕަސެންޓް މީހުން މާލެ ގެނައުން ދެކޮޅެއް ނުޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް: އޭނާގެ ފޯނު ބިލަށް ދައުލަތުން ދެއްކި ފައިސާ އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް އޮތީ ލަފާ ދެއްވާފައި

އަސްލަމް: އޭނާގެ ފޯނު ބިލަށް ދައުލަތުން ދެއްކި ފައިސާ އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް އޮތީ ލަފާ ދެއްވާފައި

މި މަޝްރޫއާ ގުޅޭ ގޮތުން އެކި މީހުންގެ ހިޔާލު އެކި ގޮތަށް ހުރުމަކީ މައްސަލައެއް ނޫނެވެ. މުހިއްމީ ރައީސް ޔާމީން ކުރިމަތިލެއްވި ޗެލެންޖް ކާމިޔާބު ކުރެއްވޭނެތޯ އުފައްދާ ސުވާލުގެ ޖަވާބު ދެއްވުމެވެ. އެމަނިކުފާނު ވިދާޅުވި ގޮތަށް، އަންނަ އަހަރު ބައެއް ޓަވަރުތަކުގައި ދިރިއުޅެން މީހުން ވަންނައިރު، އެތަނުގައި އެ މީހުންނާ ސަލާމްކުރައްވަން ހުންނަވައި މި ސުވާލުގެ ޖަވާބު ދެއްވިއަސް މައްސަލައެއް ނެތެވެ. އެކަމަކު އޭގެ ކުރިން، ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމަކަށް އޮންނާނީ، ރާއްޖޭގެ ތާރީޚުގައި ވެސް ސަރުކާރަކުން އިއުލާންކޮށްފައި ނުވާ ވަރުގެ ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތުގެ މަންޒަރުތައް ފެނުމެވެ.