Roadha Mihaaru
ގަވަރުނަރާއި އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދީ ލިޔުމުން

ބަޖެޓަށް ގަވަރުނަރާއި އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދީ ލިޔުމުން

20 ނޮވެމްބަރ 2017

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ އަށް ލަފާ ހޯދުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކުރަން ނިންމުމަށް ފަހު، ލިޔުމުން އެ ދެ ބޭފުޅުންގެ ލަފާ ހޯދައިގެން އެ ކޮމިޓީ ކުރިޔަށް ގެންގޮސްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ އަށް ލަފާ ހޯދުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރުކުރަން ނިންމުމަށް ފަހު، ލިޔުމުން އެ ދެ ބޭފުޅުންގެ ލަފާ ހޯދައިގެން އެ ކޮމިޓީ ކުރިޔަށް ގެންގޮސްފި އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީން ކުރިން ނިންމާފައި އޮތީ މިއަދު 10:30 ގައި ގަވަރުނަރާ ބައްދަލު ކުރުމަށް ފަހު 12:00 ގައި އޮޑިޓާ ޖެނެރަލްއާ ބައްދަލުކުރާ ގޮތަށެވެ. އަދި އެކަން މީޑިއާތަކަށް އެންގުމަށް ފަހު ފަހުން ނިންމީ މިއަދު 11:00 ގައި ގަވަރުނަރާއި އޮޑިޓާ ޖެނެރަލް ބަޖެޓާ ގުޅޭ ގޮތުން ލިޔުމުން ފޮނުވި ލަފަޔާ މެދު މަޝްވަރާ ކުރުމަށެވެ.

މީގެ ކުރީ އަހަރުތަކުގައި ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދަމުން އައީ އެ ކޮމިޓީ އަށް އެ ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްގެންނެވެ. އަދި ބައެއް ފަހަރު އެ ބޭފުޅުން ލަފާ ދެއްވުމަށް ބާއްވާ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ މީޑިއާތަކަށް ސިއްރު ކޮށްގެންނެވެ. ނަމަވެސް މި ފަހަރު ލިޔުމުން ލަފާ ދެއްވުމުން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރެއް ނުކުރެ އެވެ.

އެ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ގަވަރުނަރާއި އޮޑިޓާ ޖެނެރަލް ހާޒިރުކުރުމަށް ނިންމުމަށް ފަހު ބަދަލުކުރެއްވީ ކޮން ހަމަޔަކުންތޯ ކޮމިޓީގެ ރިޔާސަތާ ސުވާލު ކުރައްވައިފަ އެވެ. ނަމަވެސް އޭނާގެ އެ ސުވާލަށް ރިޔާސަތުގައި އިންނެވި ކޮމިޓީގެ މުގައްރިރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ޖަވާބުދެއްވަމުން ވިދާޅުވީ ކޮމިޓީން ނިންމާފައި ވަނީ ލިޔުމުން ލަފާ ހޯދުމަށް ކަމަށާއި އިތުރު މައުލޫމާތެއް ހޯދަން ބޭނުން ނަމަ އެ ބޭފުޅުން ހާޒިރުކޮށްގެން މައުލޫމާތު ހޯދާ ގޮތަށް ކަމަށެވެ.

"އެއްގޮތަކަށް ވެސް މިއަދު މި ސެޝަނަކީ އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލް ހާޒިރުކޮށްގެން ކުރިޔަށް ގެންދަން އޮތް ސެޝަނެއް ނޫން. ނަމަވެސް ފަންނީ ލަފާ ލިޔުމުން ގެންނަން [އޮތީ]،" އޭނާ ވިދާޅުވި އެވެ.

އެ ލަފަޔާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ގަވަރުނަރު ދެއްވާފައިވާ ލަފާ ބަޖެޓްގެ ރިކޮމަންޑޭޝަނެއްގެ ގޮތުގައި ބަޖެޓާއެކު ފާސްކުރާނެ ކަމަށެވެ. އަދި އެ ލަފާގައި ހުރީ މެމްބަރުންނާއި ސަރުކާރުން ކަންތައްތައް ކުރަންވީ ގޮތްތައް ކަމަށާއި އެއަށް ގެންނާނެ ބަދަލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.