Roadha Mihaaru
ދަރަނި ބޮޑުވަމުން ދަނީ އާމްދަނީއަށް ވުރެ ބާރަށް:ޒިޔަތު

ދަރަނި ބޮޑުވަމުން ދަނީ އާމްދަނީ އިތުރުވާ މިންވަރަށް ވުރެ ބާރަށް: އޮޑިޓަ ޖެނެރަލް

21 ނޮވެމްބަރ 2018

ދައުލަތުގެ ދަރަނި ބޮޑުވަމުން ދަނީ ވަނީ އާމްދަނީ އިތުރުވާ ނިސްބަތަށް ވުރެ ބާރަށް ކަމަށް ވިދާޅުވެ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހަށް މިއަދު ލަފާ ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުގެ ދަރަނި ބޮޑުވަމުން ދަނީ ވަނީ އާމްދަނީ އިތުރުވާ ނިސްބަތަށް ވުރެ ބާރަށް ކަމަށް ވިދާޅުވެ، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ރައްޔިތުންގެ މަޖިލީހަށް މިއަދު ލަފާ ދެއްވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން، ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ލަފާ ދެއްވަމުން ޒިޔަތު ވިދާޅުވީ، ދައުލަތުގެ ޚަރަދު ބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި، އެ ކަންތައްތައް އޭނާ ކޮމިޓީއަށް ފާހަގަ ކޮށްދެއްވި އެވެ.

އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުން ހިންގާ ޕްރޮޖެކްޓްތައް ރަނގަޅަށް މެނޭޖް ނުކުރެވުމާއި އެއްބަސްވުންތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން، އަދި މަސައްކަތް ނުނިމި އެ ޕްރޮޖެކްޓަކަށް ކަނޑައަޅާ ބަޖެޓަށް ވުރެ އެތައް ގުނައެއް އިތުރަށް ޚަރަދު ކުރަން ޖެހުމެވެ.

އެހެންވެ އިސްރާފު ކުޑަކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުން ހިންގާ ޕްރޮޖެކްޓްތައް މެނޭޖް ކުރުން ރަނގަޅުކޮށް، އެއްބަސްވުންތައް ތަންފީޒު ކުރުން ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ބޮޑެތި ވާދަވެރި ޕްރޮޖެކްޓްތައް ބީލަމުގެ ބޭރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) އިން ނިންމާ ގޮތެއްގެ މަތިން ވަކި ފަރާތަކާ ހަވާލުކުރެވޭ ގޮތަށް އޮންނަ އޮތުމަކީ ވެސް ޚަރަދު ބޮޑުވާ ކަމެއްގެ ގޮތުގައި އޮޑިޓާ ޖެނެރަލް ފާހަގަ ކުރެއްވި އެވެ.

އެއީ ވާދަވެރި އަގެއްގައި މަސައްކަތްތައް ހަވާލު ކުރުމަށް ހުރަސްއެޅޭ ކަމަކަށް ވާތީ، ޕްރޮޖެކްޓްތައް ހާމަކަން ބޮޑު، ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރުމަށް ވެސް އޮޑިޓަ ޖެނެރަލް ލަފާ ދެއްވި އެވެ. އެގޮތުން، ޕްރޮކިއުމެންޓް ގަވާއިދުތަކަށް ބަދަލުގެނައުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި ބޮޑުވަމުން ދާ ގޮތަށް ބަލާއިރު 2016 ވަނަ އަހަރު ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީގެ 56 ޕަސެންޓުގަ އެވެ. ނަމަވެސް ޖެހިގެން އައި 2017 ވަނަ އަހަރު އެ އަދަދު ހުރީ 60 ޕަސެންޓުގަ އެވެ. އަދި އަންނަ އަހަރަށް ލަފާކޮށްފައިވާ ގޮތުން އެ ނިސްބަތް 61 ޕަސެންޓުގައި ހުންނާނެ އެވެ.