މި އަހަރު ރާއްޖެ އަށް ބޭނި މަހުގެ ސައިޒް ކުދިވެ، މަހުގެ ފެންވަރު ދަށްކަމުން، އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށް މަސްވެރިކަމުގެ ބައެއް ތަޖުރިބާކާރުން މިއަދު ބުނެފި އެވެ.
23 ނޮވެމްބަރ 2017
މި އަހަރު ރާއްޖެ އަށް ބޭނި މަހުގެ ސައިޒް ކުދިވެ، މަހުގެ ފެންވަރު ދަށްކަމުން، އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށް މަސްވެރިކަމުގެ ބައެއް ތަޖުރިބާކާރުން މިއަދު ބުނެފި އެވެ.
މި ކަންބޮޑުވުން މި އައީ މިދިޔަ ތިން އަހަރު ރޯމަހުގެ އެކްސްޕޯޓް ރަނގަޅު ހާލަތެއްގައި ހިފެހެއްޓި، އާމްދަނީ ވެސް ރަނގަޅުވެފައި އޮއްވަ އެވެ.
މަސްވެރިކަމުގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މިދިއަ ތިން އަހަރު ރާއްޖޭގެ މަސްވެރިން 90 ކިލޯއަށް ވުރެ ބަރު ކަންނެލި ބޭނުމަކީ އާންމު ކަމެކެވެ. ނަމަވެސް މި އަހަރުގެ ހާލަތަށް ބަލާއިރު ފެންނަނީ، ވިޔަފާރީގެ ގޮތުން ބެލިކަމުގައި ވިޔަސް، ނާއުއްމީދީ މަންޒަރެކެވެ.
ރާއްޖެއިން އެންމެ ފުޅާ ދާއިރާއެއްގައި މަސް ބޭރުކުރާ އެންސިސް ފިޝަރީޒްގެ ޖެނެރަލް މެނޭޖަރު ހުސެއިން އަފީފް ވިދާޅުވީ މިހާރު ގަންނަން ލިބޭ މަހުގެ 70 ޕަސެންޓަކީ 30 ކިލޯއިން ދަށުގެ މަސް ކަމަށެވެ. އެކަމަކު މީގެ ކުރީ އަހަރުތަކުގައި އެ ނިސްބަތް އުޅެނީ އެންމެ 10 ޕަސެންޓްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރަމުން އަންނަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރަށް ލިބިފައިވާ މައުލޫމާތުތަކުން ވެސް ރާއްޖެއިން ބާނާ މަހުގެ ސައިޒަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެނގެ އެވެ. އޭގެ ފަހަތުގައި ތަފާތު ސަބަބުތައް ހިމެނެ އެވެ.
މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް ވިދާޅުވީ އެގޮތަށް ދިމާވުމުގެ އެއް ސަބަބަކަށް ރާއްޖޭގެ ސަރަހައްދަށް ވަންނަ މަސް އައިނުތައް މަދުވުން ހިމެނޭ ކަމަށެވެ. އެގޮތަށް ދިމާވަނީ ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން ބޭރުގެ ބޯޓުފަހަރުން ދާ އަޅައިގެން މަސްވެރިކަން ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިން 90 ކިލޯ، 100 ކިލޯ، 130 ކިލޯގެ ކަންނެލި ބާނާއިރު މިހާރު އާންމުކޮށް ބާނަނީ 70 ކިލޯ، 80 ކިލޯގެ ކަންނެލި ކަމަށް މަސް ގަންނަ ފަރާތްތަކުން ބުނޭ،" ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކާނާ ހޯދުމަށް އިންޑިއާ ކަނޑުގެ އެހެން ސަރަހައްދުތަކުން ރާއްޖެ އަށް މަސް އަންނަކަން ދިރާސާތަކުން ފާހަގަވާ ކަމަށެވެ. އެކަމަކު އެ މަސްތައް ރާއްޖެ ސަރަހައްދަށް ވަނުމުގެ ކުރިން ދާ އަޅައި ނެގުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ދަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅަނގު އިންޑިއާ ކަނޑުގައި އޮއިވާލި ކަނދުފަތިތަކެއް ދޫކޮށްގެން މާ ގިނައިން މަސް ހިފުމުގެ މައްސަލަ ވެސް މިހާރު ވަނީ ބޮޑުވެފަ އެވެ. އޮޔާ ދާ ގޮތަށް ދާތަކެއް ހިމެނޭ އެތައް ހާސް ކަނދުފައްޗެއް ދޫކުރާއިރު އޭގައި ޖީޕީއެސް އާއި އެކޯ ސައުންޑާ ބުޅިއެއް ހަރުކޮށްފައި ހުރެ އެވެ. އަދި ދާ އޮންނަ ހިސާބާއި ދަލުގައި ޖެހޭ މަހުގެ އަދަދު ވެސް ބޯޓުފަހަރަށް ދެނެގަނެވެ އެވެ.
އެއް ބަޔަކު އެހާ އެޑްވާންސްކޮށް އިންޑިއާ ކަނޑުން މަސް ހިފަމުން ދާއިރު ކަރުމަޅި ދާ އަޅައިގެން ސްރީ ލަންކާ އާއި ޕާކިސްތާންގެ މަސްވެރިން ވެސް ގިނަ އަދަދެއްގެ މަސް ހިފަ އެވެ.
ބޭރުގެ ބޯޓަކުން ދާ އަޅައިގެން މަސްވެރިކަން ކުރަނީ: ރާއްޖޭގެ ސަރަހައްދަށް މަސް ވަނުމުގެ ކުރިން ބައެއް ބޯޓުފަހަރުން މަސްތައް ކަހާލާ
ޝިހާމް ވިދާޅުވީ ތިމާވެއްޓަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް މަސްވެރިކަމަށް ނުބައި އަސަރުތަކެއް ކުރާ ކަމަށެވެ. އެގޮތުން ކަނޑުގައި ކާނާ އުފެދޭ މިންވަރު ދަށްވުމުން މަސް އުފެދޭ މިންވަރު ވެސް ދަށަށް ދާ ކަމަށް ވިދާޅުވި އެވެ.
މަސް ގަންނަ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކޮންމެ ތިން އަހަރެއް ނުވަތަ ހަތަރު އަހަރަކުން މަސްތައް ކުދިވެ، އާމްދަނީ ދަށަށް ދެ އެވެ. އެކަމަކު ޝިހާމް ވިދާޅުވީ ތަފާސްހިސާބަށް ބަލާއިރު އެފަދަ ސައިކަލެއް އުޅޭކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ކުންފުންޏެއްގެ ވެރިޔަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ މިހާރު ބާނާ މަސް ކުދިވެފައި އަދި ފެންވަރު ދަށްކަމުން އާމްދަނީގެ 60 ޕަސެންޓް ދަށް ވެފައިވާ ކަމަށެވެ.
"މަހުގެ ކޮލިޓީ ދަށްވަނީ ކީއްވެގެންކަމެއް ސީދާ ނޭނގޭ،" ދިވެހި މަސްވެރިން މަސް ބޭނުމަށް ފަހު ރައްކާކުރާ ގޮތުން ފެންވަރު ދަށްވަނީތޯ ނުވަތަ ގުދުރަތީ ގޮތުން މަހުގެ ކޮލިޓީ ދަށީތޯ ސުވާލުކުރުމުން، އޭނާ ވިދާޅުވި އެވެ.
"މަހުގެ ކޮލިޓީ ދަށްވީމާ ބޭރުކުރަން ލިބޭ މަސްކޮޅު މަދުވަނީ. މަސް މި ގަންނަނީ އަގު ބޮޑުކޮށް، އެހެން ގަނެފައި އަޅުގަނޑުމެންނަށް އެ މަހުން ނެގޭ މިންވަރު ދަށްވީމާ، ވަރަށް ބޮޑު އަސަރެއް ކުރޭ އާމްދަނީއަށް."
އެންސިސްގެ އަފީފް ވިދާޅުވި ގޮތުގައި މަސް ލިބޭލެއް މަދުވުމުން މަހުގެ އުފެއްދުންތައް އުފެއްދޭ ވަރު ވެސް މިހާރު ވަނީ ދަށަށް ގޮސްފަ އެވެ.
މަހުގެ އެކްސްޕޯޓް 50 ޕަސެންޓް ދަށަށް
އެކްސްޕޯޓަރުން އެދެނީ ސަބްސިޑީ މަސްވެރިންނަށް ދޭން
25ރ.ގެ މަގުން މަސް ގަނެވޭކަށް ނެތް: އެންސިސް
14 ޓަނުގެ ކަންނެއްޔާ އެކު ފީއަލީ ދޯންޏަކުން ރެކޯޑު
ބާސެލޯނާ އެކްސްޕޯގައި ދިވެހި މަހަށް ސަމާލުކަން
ފުލް ކެޕޭސިޓީގައި މިދަނީ މަސް ގަންނަމުން: އެންސިސް
މަސްވެރިކަމުގައި ޑރ. ސިނާންގެ އިންގިލާބީ މަސައްކަތެއް
ކަންނެލީގެ މަސްވެރިކަމުގެ ބޮޑު ކޯޓާ ރާއްޖެއަށް
ކަނޑުމަހުގެ ސްޓޮކް ހުސްވުމުގެ ބިރު ކުޑަވެއްޖެ
ބުރުންޏަށް އަނެއްކާވެސް ރާގޮނޑީގެ އީދެއް!