Roadha Mihaaru
ތުޅާދޫ ޖަގަހަ "ލޫޓުވި" މައްސަލަ ބަލަން ގޮވާލައިފި

ތުޅާދޫ އެމްޑީޕީ ޖަގަހަ "ލޫޓުވި" މައްސަލަ ބަލަން ގޮވާލައިފި

26 ނޮވެމްބަރ 2017

ބ. ތުޅާދޫގައި ހުންނަ އެމްޑީޕީ ޖަގަހައަކަށް ގެއްލުންދީ، އެ ތަން "ލޫޓުވި" މައްސަލަ ބަލައިދިނުމަށް އެދި އެ ޕާޓީން ކަމާ ބެހޭ މުއައްސަސާތަކަށް އިއްޔެ ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބ. ތުޅާދޫގައި ހުންނަ އެމްޑީޕީ ޖަގަހައަކަށް ގެއްލުންދީ، އެ ތަން "ލޫޓުވި" މައްސަލަ ބަލައިދިނުމަށް އެދި އެ ޕާޓީން ކަމާ ބެހޭ މުއައްސަސާތަކަށް އިއްޔެ ގޮވާލައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ "ފޯ ފިފްޓީ" ކައިރީ ހުންނަ މަރުކަޒުގައި ބޭއްވި ސިޔާސީ ހަރަކާތަކަށް ފަހު، އެ ތަނުގައި ބަހައްޓާފައި ހުރި، އެމްޑީޕީ މެމްބަރުންގެ އަމިއްލަ ހަރަދުގައި ހޯދާފައި ހުރި އަގު ބޮޑު މުދާތަކަށް ބަޔަކު ގަސްދުގައި ގެއްލުންދީ ލޫޓުވާލާފައިވާ ކަމަށެވެ. އެގޮތުން އެ ތަނުގައި ހުރި ޓީވީ ތަޅާލައި، އެއްލައިލި އިރު، ޕްރޮޖެކްޓު އަޅުވާ ސްކްރީން ފަޅާލައި، ގޮނޑިތަކަށް ކަޅު ތެޔޮ ޖަހައި، ދިދަތައް ހަލާކުކޮށް ތާޅަފިލިތައް މޫދަށް އުކާލި ކަމަށް ބުނެ، އެކަން އެމްޑީޕީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

"މި ނާތަހުޒީބު އަމަލު ހިންގީ (ރައީސް) އަބްދުﷲ ޔާމީނުގެ ސަރުކާރުން ވާގިވެރިވެގެން ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވާ ފަރާތްތަކުން ކަމަށް ގަބޫލު ކުރެވެ އެވެ. އަދި މިކަމަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ބޭނުމުގައި ހިންގި އަމަލެއްކަމަށް ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ރައްޔިތުންގެ ލޯބި ސަރުކާރަށް ނުލިބުމުން، ސަރުކާރަށް ތާއީދު ކުރާ ބަޔަކު މަސައްކަތް ކުރަނީ މިފަދަ ނާތަހުޒީބު ހަމަލާތައް ކުރިމަތިކޮށް، އެ ޕާޓީ ފަހަތަށް ޖެއްސުމަށެވެ. އަދި ފުލުހުންނާއި ކޯޓުތަކާއި އިލެކްޝަންސް ކޮމިޝަން ފަދަ ދައުލަތުގެ މުއައްސަސާތަކުން ވެސް ގެންދަނީ އެމްޑީޕީ އާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް ހުރަސްއަޅަމުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީ މެމްބަރުންނަކީ ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށާއި ހިތްވަރާއެކު މަސައްކަތްކޮށްގެން ކާމިޔާބު ހޯދާނެ ބައެއް ކަން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެގޮތުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ތުޅާދޫގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރި އެވެ.

"އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ބޭނުންކުރާ އަގު ބޮޑު މުދަލަށް ހުކުރު ދުވަހުގެ ރޭ ބަޔަކު ގަސްދުގައި ގެއްލުންދީ، ލޫޓުވި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި، އެ ނާތަހުޒީބު އަމަލު ހިންގި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެމްޑީޕީން ގޮވާލަމެވެ،" އެމްޑީޕީން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.