Roadha Mihaaru
ދުވާލަކު ތިން ޖޯޑު ކޮފީ ބުއިމުގައި ފައިދާތަކެއް

ދުވާލަކު ތިން ޖޯޑު ކޮފީ ބުއިމުން ގެއްލުމަށް ވުރެ ފައިދާ ބޮޑު

27 ނޮވެމްބަރ 2017

ކޮފީ ޖޯޑެއް ބޮއި ނުލެވޭ ނަމަ ގިނަ މީހުންނަށް ހެނދުނުގެ އިރު ވެސް އަރާ ކަމަކަށް ނުވެ އެވެ. އެހާ ވެސް ބޮޑަށް ކޮފީ އަކީ އާދައެކެވެ. ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނަނީ އާދައިގެ ވަރަކަށް ކޮފީ ބުއިމަކީ ވަރަށް ގިނަ ފައިދާތައް އިންސާނާގެ ސިއްހަތަށް ލިބޭ ކަމެއް ކަމަށެވެ. އާދައިގެ މިންވަރެކޭ ބުނެފައިވަނީ ދުވާލަކު ތިން ޖޯޑު ނުވަތަ ހަތަރު ޖޯޑުގެ މިންވަރެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކޮފީ ޖޯޑެއް ބޮއި ނުލެވޭ ނަމަ ގިނަ މީހުންނަށް ހެނދުނުގެ އިރު ވެސް އަރާ ކަމަކަށް ނުވެ އެވެ. އެހާ ވެސް ބޮޑަށް ކޮފީ އަކީ އާދައެކެވެ. ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނަނީ އާދައިގެ ވަރަކަށް ކޮފީ ބުއިމަކީ ވަރަށް ގިނަ ފައިދާތައް އިންސާނާގެ ސިއްހަތަށް ލިބޭ ކަމެއް ކަމަށެވެ. އާދައިގެ މިންވަރެކޭ ބުނެފައިވަނީ ދުވާލަކު ތިން ޖޯޑު ނުވަތަ ހަތަރު ޖޯޑުގެ މިންވަރެވެ.

ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ވަރަށް ބޮޑު ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކޮފީ ބޯ މީހުންނަށް ލިވާގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަ އެވެ. އަދި ސްޓްރޯކެއް ޖެހިގެން މަރުވުމުގެ ނުރައްކާ ވެސް ދަށެވެ. ނަމަވެސް މި ކަން ހަގީގަތުގައި ވެސް މެދުވެރިވަނީ ކޮފީ ބޮއިގެން ކަން ސައިންސްވެރިންނަށް ސީދާ ސާބިތުކުރެވޭ ވަރަށް އަދި ހެކި ހޯދިފައެއް ނުވެ އެވެ.

މި ހޯދުމުގައި ބުނެފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު މާ ގިނައިން ކޮފީ ބުއިމުން ގެއްލުން ވާނެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ސިއްހީ ފައިދާއަކަށޭ ކިޔާފައި ކުރިން ކޮފީ ނުބޯ މީހުން ކޮފީ ބޯން ފެށުމަކީ އެދޭވޭ ކަމެއް ނޫނެވެ.

ކޮފީން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތައް ބެލުމަށް ޔުނިވަސިޓީ އޮފް ސައުތަމްޓަންގެ ސައިންސްވެރިން ކުރި މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ ކުރިން ހަދާފައިވާ މިފަދަ 200 ވަރަކަށް ދިރާސާ އޮބްޒާވްކޮށްގެންނެވެ.

އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުންނާ އަޅާބަލާއިރު ދުވާލު ތިން ތަށި ޖޯޑު ކޮފީ ބޯ މީހުންނަށް ހިތުގެ މައްސަލަތައް ޖެހުމާއި އެފަދަ ބައްޔެއްގައި މަރުވުމުގެ ފުރުސަތު ދަށްކަމަށް ފެނުނެވެ.

ކޮފީ ބުއިމުން ލިބޭ އެންމެ ރަނގަޅު ފައިދާއެއް ކަމަށް އެނގިފައިވަނީ ފުރަމޭގެ ބަލިތަކުގެ ނުރައްކާ ކުޑަވުމެވެ. މީގެ ތެރޭގައި ކެންސަރު ވެސް ހިމެނެ އެވެ. ނަމަވެސް މި ބަދަލު އައީ ސީދާ ކޮފީ ބޮއިގެން ކަން ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށް ދިރާސާކުރެއްވި ސައިންސްވެރިންގެ ޓީމުގައި ހިމެނޭ ޕްރޮފެސަރު ޕޯލް ރޮޑަރިކް ވިދާޅުވި އެވެ.

"އެހެނިހެން ކަންތައްތަކަށް ވެސް ބަލަން ޖެހޭ. މިސާލަކަށް އުމުރު އަދި ދުންފަތުގެ އިސްތިއުމާލު ކުރޭތޯ ނުވަތަ ނުކުރޭތޯ އާއި ކަސްރަތު ކުރާ ވަރެއް ވެސް ބަލައިގެން ނޫނީ ކޮފީން ކުރާ ހަގީގީ ފައިދާ ޔަގީނެއް ނުކުރެވޭނެ."

ސައިންސްވެރިން ބުނަނީ ކޮފީން ސިއްހަތަށް ކުރާ ރަނގަޅު ފައިދާތަކަކީ ކަނޑައެޅިގެން މިއޭ މިވަގުތަށް އަދި ބުނަން ދަތި ކަމަށެވެ. އެހެން ދިމާވަނީ ކޮފީގައި ހުންނަ އެންޓީ-އޮކްސިޑަންޓްސް ނުވަތަ އެންޓި-ފައިބްރޮޓިކްސްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސެލްތައް ހަލާކުވުމުން ދިފާއުވުން ނުވަތަ ހަލާކުވާލެއް ލަސްވަނީ ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދިރާސާއާ ބެހޭ ގޮތުން ޖޯން ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ފަރާތުން ވާހަކަ ދެއްކެވި އެލިީސިއޯ ގުއާލާ ވިދާޅުވީ ކޮފީ ގިނައިން ބުއިމުން ކުރާ އަސަރުތައް އަދިވެސް ޔަގީން ނުކުރެވޭ ކަމަށެވެ.

"އާދައިގެ ވަރަކަށް ކޮފީ ބުއިމަކީ ރައްކާތެރިކަމެއް ކަމަށް ބެލެވެނީ. އަދި އެއީ ބޮޑެތި މީހުންގެ ކެއިން ބުއިމުގައި އާދައިގެ ވަރަކަށް ބޭނުންކުރުމުން ސިއްހަތަށް ފައިދާ ކުރާ އެއްޗެއް ކަމަށް ބެެލެވޭ،" އޭނާ ވިދާޅުވި އެވެ.

އެހެން ޕްރޮފެސަރަކު ވިދާޅުވީ އާންމުކޮށް ކޮފީ ބޮއި އުޅެނީ ސިއްހަތު ރަނގަޅު މީހުން ކަމަށް ވުމުން މި ހޯދުމުގެ ނަތީޖާ އެގޮތަށް ދެއްކީ ކަމަށް ވެސް ވެދާނެ ކަމަށެެވެ.

"ކޮފީ ބުއިމުން ބައެއް މީހުންގެ ބޮލުގައި ރިއްސާ ކަމަށް ވޭ. އަދި އަނެއް ބައި މީހުންނަށް ގިނަގިނައިން ކުޑަކަމުދާން ޖެހޭ. މި ސަބަބުތަކާ ހެދި ބައެއް މީހުން ކޮފީއެއް ނުބޮއި،" ފަހުން ވާހަކަ ދެއްކެވި ޕްރޮފެސަރު ވިދާޅުވި އެވެ.

"ހިތުގެ ރިދަމް ރަނގަޅު ނޫން މީހުން ކެފެއިން ނުހުންނަ ކޮފީ ބުއިމަށް އިރުޝާދުދޭ. އަދި ކެފެއިންއަކީ ލޭގެ ޕްރެޝަރު ވެސް ކުޑަކޮށް މައްޗަށް ޖައްސާ އެއްޗެއް ކަމަށް ބެލެވިފައިވަނީ،" އޭނާ ވިދާޅުވި އެވެ.