Roadha Mihaaru
ކާފޫރުތޮޅީގެ ފައިދާތައް ގިނަ

ކާފޫރުތޮޅީގެ ފައިދާތައް ގިނަ

20 ޖެނުއަރީ 2020

ހަވާދުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކާފޫރުތޮޅި އަކީ ފައިދާ ގިނަ އެއްޗެކެވެ. ކެއްކުމުގައި ވެސް މިއީ މުހިއްމު ބާވަތެކެވެ. ހާއްސަކޮށް އެކި ބާވަތްތަކުގެ ރިހަތަކާއި ފޮނިކާތަކެތި ހަދާ އިރު ވެސް އެ ތަކެތީގެ ރަހަ ހެޔޮވަރުކޮށްލަދޭ އެންމެ މުހިއްމު އެއް ބާވަތަކީ ކާފޫރުތޮޅި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހަވާދުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކާފޫރުތޮޅި އަކީ ފައިދާ ގިނަ އެއްޗެކެވެ. ކެއްކުމުގައި ވެސް މިއީ މުހިއްމު ބާވަތެކެވެ. ހާއްސަކޮށް އެކި ބާވަތްތަކުގެ ރިހަތަކާއި ފޮނިކާތަކެތި ހަދާ އިރު ވެސް އެ ތަކެތީގެ ރަހަ ހެޔޮވަރުކޮށްލަދޭ އެންމެ މުހިއްމު އެއް ބާވަތަކީ ކާފޫރުތޮޅި އެވެ.

މިއީ އެތައް ގޮތަކަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ހާއްސަކޮށް ކާފޫރުތޮޅީގެ މަންފާތައް އެނގިގެން އެ ބޭނުންކުރާ ނަމަ ސިއްހީ ގޮތުން ވެސް އެތައް ފައިދާއެއް ހަށިގަނޑަށް ލިއްބައިދޭނެ އެވެ. ކާފޫރުތޮޅީގެ ވަހުން ވެސް ވަރަށް ގިނަ ބަޔަކަށް ހިތްހަހަމަޖެހުން ގެނުވައިދެ އެވެ.

މީގެ ފައިދާތަކުގެ ތެރޭގައި ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ އެކި ކަހަލަ އުނދަގޫތަކާއި ވޭންތައް ކުޑަކޮށްދިނުން ހިމެނެ އެވެ. ކާފޫރުތޮޅި އަކީ އޮކްސިޑަންޓްތަކާއި އެންޓި-އިންްފްލެމޭޓަރީގެ މާއްދާތަކުން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ބަނޑުގެ އެކި އުނދަގޫތަކަށް ކާފޫރުތޮޅި ބޭނުންކުރުން ހައްލު ލިބެ އެވެ. އޭގެ ތެރޭގައި ބޭރަށް ހިންގުމާއި އެސިޑިޓީ އާއި މޭއެންދުން ކަހަލަ ކަންކަން ހިމެނެ އެވެ.

ކާފޫރުތޮޅި އަކީ ފައިބަރުން ވެސް މުއްސަނދި އެއްޗަކަށްވާތީ މިއީ ކޮލެސްޓްރޯލް ދަށްކޮށް ދިނުމާ އެކު ހިތުގެ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭނެ އެއްޗެކެވެ. ހަމަ މިއާ އެކު އާންމުކޮށް ކާފޫރުތޮޅި ބޭނުންކުރާ ނަމަ ކެންސަރުތަކުން ވެސް ދުރުކޮށް ދޭން އެހީވެ އެވެ.

ލޭ މައްޗަށް ދިއުމާއި ހިތް ހުއްޓުމާއި ސިކުނޑީ އަށް ކުރިމަތިވާ އެކި ބާވަތުގެ މައްސަލަތަކަށް ވެސް ކާފޫރުތޮޅި އަކީ ހައްލެކެވެ. މީގައި އެކުލެވޭ ޑިއުރެޓިކް މާއްދާތަކުގެ ސަބަބުން ޑިޓޮކްސިފިކޭޝަނާ ދެކޮޅަށް މަސައްކަތްކޮށްދެ އެވެ.

ޑިޕްރެޝަން ހުންނަ މީހުންނަށް ވެސް ކާފޫރުތޮޅި އަކީ ފަރުވާއެކެވެ. ސަޔަށް ކާފޫރުތޮޅި އަޅައިގެން ނުވަތަ ސައިކައްކާ އިރު ކާފޫރުތޮޅި އަޅައިގެން ސައި ކައްކައިގެން އާންމުކޮށް ބޯ ނަމަ ޑިޕްރެޝަންގެ ވޭންތައް ކުޑަކޮށްދޭނެ އެވެ.

ނޭވާހިއްލާ މީހުން ވެސް އެ ބަލީގެ އުނދަގޫތަކުން ސަލާމަތްވާން ކާފޫރުތޮޅި ބޭނުން ނުކުރާންވީ ސަބަބެއް ނެތެވެ. އޭގެ ސަބަބުން ނޭވާލާ އިރު އިވޭ އަޑު ކަނޑުވައިލަދިނުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސުމާއި މޭގައި ހުންނަ ތާށިކަން ކުޑަކޮށްދޭނެ އެވެ. އަދި ހަމައެއާ އެކު ކާފޫރުތޮޅި އަކީ ހަށިގަނޑުގެ ލޭ ދައުރުވަން ހަމައަކަށް އަޅުވައިދީ، ފުއްމާގެ ހިނގުމަށް އެހީވާ އެއްޗެކެވެ.

ކާފޫރުތޮޅި.

ކާފޫރުތޮޅި.

ކާފޫރުތޮޅި އަކީ ވަރަށް ގިނަ އަދަދަކަށް މެގްނީޒިއަމް އެކުލެވޭ އެއްޗަކަށްވާތީ ހަކުރުބަލިން ރައްކާތެރިވުމަށް ވެސް މިއީ ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން އަނގައިގެ ސާފުތާހިރުކަމާއި އަނގައިން ނުބައި ވަސް ދުވުން ކަހަލަ ކަންކަމުން ވެސް ކާފޫރުތޮޅި ބޭނުންކުރުމުން އެހީ ލިބޭނެ އެވެ. ޖެނެރަލް ޑެންޓިސްޓްރީ ޖާނަލްގައިވާ ދިރާސާއެއްގައި ބުނާގޮތުން ކާފޫރުތޮޅީގައި ހިމެނޭ ޕެތޮޖެނެއް ކަމަށްވާ ސްޓެރެޕްޓޯކޮކްސީ އަކީ ކުޅާއި ހިރުގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެކެވެ.

ކާފޫރުތޮޅީގެ އިތުރު ފަައިދާތަކުގެ ތެރޭގައި ބަނޑުހައިވުން ކުޑަކޮށް ދިނުމާއި ކަރުތެރެ ސާފުކޮށް ދިނުމާއި އަޑުހަލާކުވުމުން ރައްކާތެރިކޮށް ދިނުމާއި ޖިންސީ ދުޅަހެޔޮކަން އިތުރުކޮށް ދިނުމާއި ލޭގަނޑުވުމާ ދުރުކޮށް ދިނުމާއި ހަންގަނޑިު ރީތިކޮށް ދިނުމާއި އެލަޖީއާ ދުރުކޮށް ދިނުމާއި ބޮލުގެ ހަންގަނޑު ވަރުގަދަކޮށް ދިނުން ހިމެނެ އެވެ.