Roadha Mihaaru
ގާސިމަށް އާ ޓްރެވަލް ޑޮކިއުމަންޓެއް ދުލެއް ނުކުރި

ގާސިމަށް އާ ޓްރެވަލް ޑޮކިއުމަންޓެއް ދުލެއް ނުކުރި

27 ނޮވެމްބަރ 2017

ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ޓްރެވަލް ޑޮކިއުމަންޓް ދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެކޮޅުހަދާފައިވާ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ޓްރެވަލް ޑޮކިއުމަންޓް ދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދެކޮޅުހަދާފައިވާ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު ހަމަވާތީ އެ މުއްދަތު އިތުރުކޮށް ދިނުމަށް ކަރެކްޝަނަށް ސިޓީ ފޮނުވުމުން، އެކަން ނުކޮށްދެވޭނެ ކަން މިދިޔަ މަހުގެ 30 ގައި އަންގާފައިވާ ކަމަށެވެ. އަދި ގާސިމް ރާއްޖެ ވަޑައިގަތުމުގެ ކަންކަން ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދަން ކަރެކްޝަންސް އިން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެކަމާ ގުޅިގެން ކަރެކްޝަންސްގެ ރަސްމީ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަށް ބޭސްކުރަން ގާސިމް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު އޮކްޓޯބަރުގެ ތިނެއްގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އަދި އެންމެ ފަހުން ދިން މުއްދަތު ކަރެކްޝަނުން އިތުރުކޮށްދީފައެއް ނުވެ އެވެ.

ގާސިމް ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ސޮއިކުރައްވައި، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް މިދިޔަ މަހުގެ ކުރީކޮޅު ފޮނުވި ސިޓީއެއްގައި ވަނީ ގާސިމްގެ ހިތްޕުޅުގެ މައްސަލަތަކެއް އުޅޭތީ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އޮތް ކަމަށާއި ހިތުގެ ޓެސްޓް ހެދުމުގެ ކުރިން ދަތުރު ކުރެއްވުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ޓެސްޓް ހެދުމަށް ފަހު އިތުރު މައްސަލަތަކެއް ދިމާނުވާ ނަމަ، މިދިޔަ މަހުގެ 28 ގެ ފަހުން ދަތުރު ކުރެއްވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށާއި އެހެންވެ ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު އިތުރުކޮށްދޭން އެދޭ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް އޮވެގެން ކަމަށް އެ ސިޓީގައިވެ އެވެ.

ގާސިމް ރާއްޖެ ގެނެސްދޭން ފުލުހުންގެ އެހީތެރިކަމަށް ކަރެކްޝަންސް އިން އޮތީ އެދިފަ އެވެ.

ތިން ފަހަރަށް ރާއްޖެ ވަޑައިގަތުމަށް ދިން މުއްދަތު ހަމަވި އިރު ވެސް ރާއްޖެ ވަޑައިނުގެންނެވުމުން، ކަރެކްޝަނުން ނިންމާފައި އޮތީ ގާސިމް "ފިއްލެވީ" ކަމަށެވެ. އެކަމަކު އެ ތުހުމަތުތައް ގާސިމްގެ އާއިލާއިންނާއި ވަކީލުންގެ ޓީމުން ވަނީ ދޮގުކޮށްފަ އެވެ.

ގާސިމްގެ ވަކީލުން ކުރިން ބުނެފައިވާ ގޮތުގައި ކަރެކްޝަންސްގެ އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިގަތުމަށް ދެ ފަހަރެއްގެ މަތިން ގާސިމް ސިންގަޕޫރު އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އެކަމަކު ދަތުރުކުރައްވަން ސިއްހީ ހާލުކޮޅު ތަން ނުދޭތީވެ ސިންގަޕޯ އެއާލައިނުގެ ބޯޓަށް ގާސިމް ނޭރުވިކަން ކަރެކްޝަނަށް އެންގި އެވެ.