Roadha Mihaaru
ގާސިމަށް ކުރި ހުކުމާ ހިލާފުވީ ސަރުކާރުން: ރިޔާޒް

ގާސިމަށް ކުރި ހުކުމާ ހިލާފުވީ ސަރުކާރުން، ތުހުމަތުތައް ބަލައެއް ނުގަންނަން: ރިޔާޒް

03 ޑިސެމްބަރ 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ހިލާފުވީ ސަރުކާރުން ކަމަށާއި ގާސިމްގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތައް ބަލައިނުގަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ހިލާފުވީ ސަރުކާރުން ކަމަށާއި ގާސިމްގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތައް ބަލައިނުގަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ގާސިމް ޖަރުމަނަށް ވަޑައިގަތުމަކީ ގަވާއިދާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ ވިދާޅުވެފަ އެވެ. އަދި ޖަރުމަނަށް ވަޑައިގެންނެވި މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވި ގޮތުގައި ގާސިމް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯއްދެވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު، ގާސިމް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯއްދެވުމަށް ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު އިތުރު ނުކޮށްދިނުމަކީ ހުކުމާ ހިލާފުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުން ކުރި ހުކުމާ ހިލާފަށް ސަރުކާރުން އަންގާފައިވާ އެންގުމަށް ތަބާވާން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އަދި މި ވަގުތު، ޖަރުމަނުގައި ހުންނެވި ގާސިމްގެ ބޭސްފަރުވާގެ ކަންކަން ނިމުމުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ގާސިމަށް ސިންގަޕޫރުގައި ހުންނެވެން ނެތީ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު ހަމަވެފައި އޮތުމުންނެވެ. އަދި ގާސިމް އިތުރަށް ސިންގަޕޫރުގައި ހުންނަވާ ނަމަ، ސިންގަޕޫރު ސަރުކާރުން ފިޔަވަޅު އަޅައި ގާސިމް އެ ގައުމުގެ ޖަލަށްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާސިމް އިތުރަށް ސިންގަޕޫރުގައި ހުންނަވާ ނަމަ، ފިޔަވަޅު އަޅާފާނެތީ ޖަރުމަނަށް ވަޑައިގަތީ. އެއީ ޓްރެވަލް ޑޮކިއުމަންޓެއް ނެތި އެ ގައުމުގައި ހުރުމަކީ ކުށްވެރިވާ ކަމެއް،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބަލައިނުގަތަސް، އެ އަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ހުކުމް ކުރި ނަމަ، ގާސިމްއަކީ ކުށެއް ނެތް ބޭފުޅެއް ކަން ޝަރީއަތަށް ސާބިތުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާސިމްގެ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަޒްލީން "މިހާރު" އަށް ވިދާޅުވި ގޮތުގައި ގާސިމް ޖަރުމަނަށް ވަޑައިގަތުމަކީ އަމިއްލަ އަށް ނިންމެވި ނިންމެވުމެކެވެ. ކަރެކްޝަނުން ހަމައެކަނި އަންގާފައި އޮތީ ސިންގަޕޫރުގައި ގާސިމް ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރެއްވުމަށެވެ. އަދި އިތުރު ގައުމަކަށް ވަޑައިގެން، ބޭސްފަރުވާގެ ކަންކަން ފުރިހަމަ ކުރަން ހުއްދަ ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި ހުންނަވައިގެން ގާސިމް ބޭސްފަރުވާ ކުރެއްވުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. އެހެންވެ، ގާސިމް ރާއްޖެ ވަޑައިގަންނަވަން ޖެހޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން ޒަމާނުއްސުރެ ކުރަމުން އައީ ޖަރުމަނުން ކަމަށެވެ. ސިންގަޕޫރުުގައި ހުންނެވުމަށް ފަހު ގާސިމް ޖަރުމަނަށް ވަޑައިގަތީ ޖަރުމަނުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަން ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށް، ހިތްޕުޅުގެ އާލާސްކަންފުޅަކަށް ބޭސްކުރައްވަން ގާސިމް ސިންގަޕޫރަށް ވަޑައިގަތުމަށް ކަރެކްޝަނުން ދިން މުއްދަތު އޮކްޓޯބަރު މަހުގެ ކުރީކޮޅު ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން ގާސިމް ރާއްޖެ އިން ބޭރުގައި ހުންނެވުމަށް އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށް ކަރެކްޝަންސުން އެންގި އެވެ.

ގާސިމްގެ ވަކީލުން ކުރިން ބުނެފައިވާ ގޮތުގައި ކަރެކްޝަންސްގެ އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިގަތުމަށް ދެ ފަހަރެއްގެ މަތިން ގާސިމް ސިންގަޕޫރު އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އެކަމަކު ދަތުރުކުރައްވަން ސިއްހީ ހާލުކޮޅު ތަން ނުދޭތީވެ ސިންގަޕޯ އެއާލައިނުގެ ބޯޓަށް ގާސިމް ނޭރުވިކަން ކަރެކްޝަނަށް އެންގި އެވެ.

ގާސިމްގެ އާއިލާ އިން ބުނި ގޮތުގައި ގާސިމަށް ރާއްޖެ ވަޑައިގެންނެވެން އޮތީ މުއްދަތު ހަމަނުވާ ޓްރެވަލް ޑޮކިއުމެންޓެއް ގާސިމް އަތުގައި އޮވެގެންނެވެ.