Roadha Mihaaru
ސަރުކާރުން މިހާރު ބަލަނީ ގާސިމް "ފިއްލެވީ" ކަމަށް

ސަރުކާރުން މިހާރު ބަލަނީ ގާސިމް "ފިއްލެވީ" ކަމަށް

03 އޮކްޓޯބަރ 2017

ތިން ފަހަރަށް ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގެންނެވުމުން، މިހާރު ބަލަނީ ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހީމް އުޅުއްވަނީ "ފިއްލަވައިގެން" ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ތިން ފަހަރަށް ދިން މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގެންނެވުމުން، މިހާރު ބަލަނީ ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހީމް އުޅުއްވަނީ "ފިއްލަވައިގެން" ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިންގަޕޫރުން ފަރުވާ ހޯއްދަވަން ގާސިމަށް ދެ ފަހަރަށް ދިން މުއްދަތު ހަމަވުމުން، ހަފުތާއެއް އިތުރުކޮށްދިނީ ރާއްޖެ ވަޑައިގަތުމަށް ވާން ޖެހޭ ތައްޔާރީތަކަށް ކަމަށެވެ. އެކަމަކު އެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ވެސް އޭނާ ރާއްޖެ ވަޑައިނުގަތުމުން އޮންނަ އުސޫލުގެ ދަށުން ހޯދަން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

"ބޭރުން ފަރުވާ ހޯދަން ދިން މުއްދަތު ހަމަވުމުން ވެސް ރާއްޖެ ވަޑައިނުގެންފި ނަމަ ބަލަނީ ފިލައިގެން އުޅޭ މީހެއްގެ ގޮތަށް. އެ ހާލަތުގައި އަޅުގަނޑުމެން ދެން އެދޭނީ ފުލުހުންގެ ކިބައިން ހާޒިރުކޮށްދޭން،" އޮފިޝަލް ވިދާޅުވި އެވެ.

ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް އިތުރު މުއްދަތެއް ނުދޭން ނިންމާފައިވާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ގާސިމްގެ ވަކީލުން ބުނެފައިވާ ގޮތުގައި ކަރެކްޝަންސްގެ އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިގަތުމަށް ދެ ފަހަރަށް ގާސިމް އެއާޕޯޓަށް ވަޑައިގެންނެވި އެވެ. އެކަމަކު ދަތުރުކުރައްވަން ސިއްހީ ހާލު ތަން ނުދޭތީވެ ސިންގަޕޯ އެއާލައިނުގެ ބޯޓަށް ގާސިމް ނޭރުވިކަން ކަރެކްޝަނަށް އަންގާފައިވާނެ ކަމަށް ވަކީލުން ބުނެ އެވެ.

ގާސިމްގެ އޮޕަރޭޝަނަށް ފަހު ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑުކުރަން ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ގާސިމްގެ ވަކީލުން ބުނަނީ އޭނާގެ ހިތުގެ އީޕީ ސްޓަޑީ މި މަހު 19 ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވީނާ ހޮސްޕިޓަލުގައި ހަދަން ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އީޕީ ސްޓަޑީ އަށް ފަހު ވެސް އިތުރު ފަރުވާއަށް ސިންގަޕޫރުގައި ހުންނަވަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާދެއްވާފައިވާކަން ކަރެކްޝަނަށް އަންގާފައިވާނެ ކަމަށް ވެސް ވަކީލުން ބުނެ އެވެ.