Roadha Mihaaru
ބިހުރޯޒު މިސްކިތް ތަޅާލާކަށް ނުނިންމާ: މިނިސްޓަރު

ބިހުރޯޒު މިސްކިތުގައި 12 ބުރީގެ އިމާރާތެއް އަޅަން ނިންމާފައެއް ނެތް: އިސްލާމިކް މިނިސްޓަރު

27 ނޮވެމްބަރ 2017

ބިހުރޯޒު ކަމަނާ މިސްކިތް ތަޅާލައި އެތަނުގައި 12 ބުރީގެ އިމާރާތެއް އަޅަން އެއްވެސް އިރެއްގައި ނިންމާފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބިހުރޯޒު ކަމަނާ މިސްކިތް ތަޅާލައި އެތަނުގައި 12 ބުރީގެ އިމާރާތެއް އަޅަން އެއްވެސް އިރެއްގައި ނިންމާފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިރޭ ވިދާޅުވެއްޖެ އެވެ.

ޗެނަލް 13ގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ އެއީ ރައްޔިތުން މަގުފުރެއްދުމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް، ބިހުރޯޒު މިސްކިތާއި މާލޭގެ އިތުރު މިސްކިތެއް ކަމުގައިވާ މަސްޖިދުލް އިމާމް އާދިލް ތަޅާލައި، 12 ބުރީގެ މަލްޓިޕާޕަސް ދެ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. ނަމަވެސް މި ދެ މިސްކިތް ތަޅާލުމަށްފަހު، ހަދާ އިމާރާތުގައި މިސްކިތް ހިމެނޭ ކަމެއް ބަޖެޓުގައި ބުނެފައެއް ނެތެވެ.

މިނިސްޓަރު ވިދާޅުވީ ބިހުރޯޒު މިސްކިތް މިހާރު ބަންދުކޮށްފައި ވަނީ އެތަނުން ގަބުރު ފެނިގެން އެތަން ސާފު ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ފަހު، މިސްކިތުގެ ބޭރުގައި އޮތް ބައި ހިޔާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީކީ މިސްކިތް ތަޅާލައި، މިސްކިތް އިންތަނުގައި 12 ބުރީގެ އިމާރާތެއް އަޅައި ނުވަތަ ބޮޑުތަކުރުފާނުގެ ގަބުރު ނެގުމެއް ނޫން. މިއިން އެއްވެސް ކަމެއް ކުރާކަށް އެއްވެސް އިރެއްގައި ވާހަކައެއް ދައްކައި އެއްވެސް މީޑިއާއަކަށް މައުލޫމާތު ދިނީކީ ވެސް ނޫން. މިއީ ހަމަ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ދީނީ ކަންކަމަށް ކަމޭ ހިތާ ސަރުކާރެއް ކަމަށާއި ވޭތުވެ ދިޔަ އަހަރުތަކުގައި އެކަން ދައްކައިދީފައިވާނެ ކަމަށެވެ. އެހެންވެ، ކުއްލިއަކަށް އެ ފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސަޓަރު ވަނީ ކުރީގެ ސަރުކާރުތަކުން، މިސްކިތްތަކާ މެދު ވެފައިވާ އިހުމާލުތަކުގެ ވާހަކަތައް ވެސް ދައްކަވާފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުނު އިރު، މިސްކިތްތަކުގެ ކަރަންޓާއި ފެން ބިލަށް 17 މިލިޔަން ރުފިޔާ ނުދައްކާ އޮތް ކަމަށާއި ރަށްރަށުގެ ދުވަސްވީ މިސްކިތްތައް ވެސް ވަރަށް ބޮޑަށް ވީރާނާ ވެފައިވާ ކަމަށް ވިދާޅުވި އެވެ.