Roadha Mihaaru
ނިހާން ތިނަދޫ މީހުންނަށް:ރައީސްގެ ގާތްކަން ކޮބާ؟

ނިހާން ތިނަދޫ ރައްޔިތުންނަށް: ރައީސް ޔާމީން ބެހެއްޓެވި ގާތްކަމުގެ އަގު ކޮބާ؟

22 ނޮވެމްބަރ 2017

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމާއި ހާއްސަ ކަމެއް ދެއްވި އެއް ރަށަކީ ގދ. ތިނަދޫ ކަމަށާއި އެ ރަށަށް އެ މަނިކުފާނު ބެހެއްޓެވި ގާތްކަމާއި އިހުލާސްތެރިކަމުގެ އަގު ކޮބައިތޯ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިރޭ ސުވާލު އުފައްދަވައި ވާހަކަ ދައްކަވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމާއި ހާއްސަ ކަމެއް ދެއްވި އެއް ރަށަކީ ގދ. ތިނަދޫ ކަމަށާއި އެ ރަށަށް އެ މަނިކުފާނު ބެހެއްޓެވި ގާތްކަމާއި އިހުލާސްތެރިކަމުގެ އަގު ކޮބައިތޯ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިރޭ ސުވާލު އުފައްދަވައި ވާހަކަ ދައްކަވައިފި އެވެ.

ޕީޕީއެމްގެ ރުމާލު- 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން ނިހާން ވަނީ އޭނާގެ މިރޭގެ ވާހަކަ ހާއްސަ ކުރައްވާނީ އުފަން ރަށް ތިނަދޫގެ ރައްޔިތުންނަށް ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ ވާހަކަ މުޅިން ވެސް އަމާޒު ކުރެއްވީ "ހާއްސަ ހާލަތެއް ދިމާވެފައިވާ" ރަށެއް ކަމަށް ގަބޫލު ކުރައްވައި ރައީސް ޔާމީން ތިނަދު އަށް ގާތްކަމާއި އިހުލާސްތެރިކަން ބެހެއްޓެވި ކަމަށް ވިދާޅުވެ އެވެ.

ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިނަދޫގެ ދާއިރާތަކަށް ނިސްބަތްވެ ވަޑައިގަންނަވާ ދެ މެމްބަރުން ޕީޕީއެމުގައި ތިއްބެވި އިރު ވެސް ރައީސްގެ އަމިއްލަފުޅު ވިސްނުމުގައި ތިނަދުއަށް ބައްލަަވައި ވޭތުވެ ދިޔަ ދުވަސްތަކުގައި އެއް ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓު އެ ރަށުގައި ކުރިއަށް ގެންގޮސް ދެއްވި ކަމަށެވެ. ނަމަވެސް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ޕާޓީން ވަކިވެ ވަޑައިގެންނެވި އިރު، އެ ރަށަށް ރައީސް ޔާމީން ބެހެއްޓެވި އިހުލާސްތެރިކަމުގެ އަގު ކޮބައިތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"ތިނަދޫގައި މާސިންގާ ބިމެއް އިތުުރު ކުރެއްވީ އެ ރަށުގެ ރައްޔިތުންނަށް ޖާގަ ހުސްވެގެންނެއް ނޫން. އަޅުގަނޑަކީ ވެސް ތިނަދޫ މީހެއް. 2،000 އަކަފޫޓުގެ ގޯއްޗެއް އަޅުގަނޑުގެ ވެސް އެބައޮތް. އަޅުގަނޑުގެ މާމަ، އަދި އަޅުގަނޑު އެ ގެއަކަށް އުފަންވި ތިނަދޫ ހުޅަނގުގޭ 5،000 އަކަފޫޓު ހަމަ އޮތް ގޮތަށް އެބައޮތް. މީހަކު އެތަނުގައި ނޫޅޭ،" ރައީސް ޔާމީން ތިނަދުއާ މެދު ބެހެއްޓެވި ގާތް ކަން ކިޔައި ދެއްވަމުން ނިހާން ވިދާޅުވި އެވެ.

ރުމާލު ދޭއްގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރުމާލު ދޭއްގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ މަޖިލީހު މެމްބަރުންގެ ތެރެއިން ގައުމަށް ޣައްދާރުވެ، މި ގައުމު ދިވެހިން އަތުން ބީކޮށްލުމަށް ގާތްގަނޑަކަށް މަސައްކަތް ކުރި މެމްބަރުންގެ ތެރޭގައި ތިނަދޫ މެމްބަރުން ހިމެނިވަޑައިގެންނަވާ ކަމަށެވެ. އެހެން އެކަން އޮތްއިރު ވެސް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން އެއް ބިލިޔަން ރުފިޔާ ގދ. އަތޮޅަށް ހާއްސަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓުން އެހާ ބޮޑު އަދަދެއް އެ އަތޮޅަށް ހާއްސަ ކުރި އިރު އެ އަތޮޅުގައި އުޅެނީ 11،700 މީހުން ކަމަށާއި އެކަމަކު އެއަށް ވުރެ މާގިނަ މީހުން އުޅޭ ލ. އަތޮޅަށް އަންނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓު، 400 މިލިޔަން ރުފިޔާ ހަމަ ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ. ނަމަވެސް އޭގެ ނަތީޖާ ކޮބައިތޯ ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ.

"އެހެންވެ، އަޅުގަނޑު މި ދަންނަވަނީ. އަންނަ ބުުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން އެ ރަށުގައި ބާއްވާ ޖަލްސާއަށް އިހުލާތެރިކަމެއް ހުރި މީހަކު ނަމަ ނުދާނެއޭ" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރިން ވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަރީމާގައި ވަރަށް ނުރައްކާތެރިި މިންވަރަކަށް ތިނަދޫން ބައިވެރިވި ކަމަށާއި އެކަމަކު އޭގެ ނަތީޖާއެއްގެ ގޮތުން ނަޝީދު އެ ރަށަށް ވެ ވަޑައިގެން އެއްވެސް ވައުދެއް ނުފުއްދަވާ ކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއްވެސް ރަށެއްގެ ރައްޔިތުން ރައީސެއްގެ އިހުލާސްތެރިކަމާ މެދު "މިނިޓަކުން، ގަޑިއަކުން ހަފުތާއަކަށް އަހަރަކަށް" ވިސްނުން ގެންގުޅެންޏާ ތިނަދޫ ރައްޔިތުން ރައީސް ޔާމީނާ މެދު ވިސްނަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ދެން އަޅާ "ފިޔަވަޅުން އަޅުގަނޑުމެން ވެސް ވިސްނުން ބަދަލު ކުރަން ޖެހިދާނެ" ކަމުގެ އިންޒާރު އޭނާ ދެއްވެވި އެވެ.

އެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން އިންނެވި ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ ތިނަދޫގެ "ކުޅިބައި" ދޫކޮށް ނުލައްވާނެ ކަމަށާއި އެ ރަށުގައި ތިބި، ރައީސް ޔާމީންގެ އިހުލާސްތެރިކަން ދަންނަ މީހުން ގެތަކުން ނެރެ، "ފާސިގުންނާއި ހާއިނުންނާއި ބާޣީން" ބަލި ކުރައްވާނެ ކަމަށެވެ. އަދި ބައި އިލެކްޝަނުގައި ތިނަދޫގެ ދެ ގޮނޑި "ހާއްސަ ސިފަ"އަކުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސަށް ނިހާން ދެއްވި އެވެ.