Roadha Mihaaru
އިދިކޮޅު ވޯޓާ ނުލައި ބަޖެޓު ފާހެއް ނުވާނެތަ؟

އިދިކޮޅު ވޯޓާ ނުލައި ބަޖެޓު ފާހެއް ނުވާނެތަ؟

22 ނޮވެމްބަރ 2017

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް މިއަދު މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މަޖިލީހުން ބަޖެޓް ފާސްވާނެ ކަމާ މެދު ބައެއް ބޭފުޅުން ޝައްކު ކުރައްވަ އެވެ. ބަޖެޓާ ދެކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގައި ތިބި ވެރިކަންކުރާ ކޯލިޝަންގެ މެމްބަރުންގެ އަދަދަށް ބަލާއިރު، އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުން އޮވެގެން ނޫން ގޮތަކަށް ފާސްކުރާ ބަޖެޓެއްގެ ގާނޫނީ ސައްހަކަމެއް މިހާރު ނޯންނާނެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް މިއަދު މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މަޖިލީހުން ބަޖެޓް ފާސްވާނެ ކަމާ މެދު ބައެއް ބޭފުޅުން ޝައްކު ކުރައްވަ އެވެ. ބަޖެޓާ ދެކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި މަޖިލީހުގައި ތިބި ވެރިކަންކުރާ ކޯލިޝަންގެ މެމްބަރުންގެ އަދަދަށް ބަލާއިރު، އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުން އޮވެގެން ނޫން ގޮތަކަށް ފާސްކުރާ ބަޖެޓެއްގެ ގާނޫނީ ސައްހަކަމެއް މިހާރު ނޯންނާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ގާނޫނުއަސާސީގެ 87 ވަނަ މާއްދާއާ ހަވާލާ ދެއްވައި ވިދާޅުވީ، ބަޖެޓް ފާސްކުރާ ޖަލްސާގައި މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިއްބަވަން ޖެހޭނެ ކަމަށެވެ. އެ އަދަދަށް މެމްބަރުން ހާޒިރުނުވާ ޖަލްސާއެއްގައި ފާސްކުރާ ބަޖެޓެއް ސައްހަނުވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ދެކޭ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން، އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.

ނަމަވެސް ސުވާލަކީ، ބަޖެޓަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްޗެއް ހެއްޔެވެ؟ ނުވަތަ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް ދައުލަތުގެ ބަޖެޓްގައި ހިމެނިފައިވޭ ހެއްޔެވެ؟ ނުވަތަ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ކަންކަމަކީ ކޮބައި ހެއްޔެވެ؟

ގާނޫނުއަސާސީގެ މި މާއްދާއާ ހަވާލާދީ، ރައްޔިތުންގެ މަޖިލީހުގެ 38 ވަނަ މާއްދާގައި ވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ ކަންކަން ތަފްސީލު ކޮށްދީފަ އެވެ. އެއީ؛ (ހ) ރައްޔިތުން ވަކި ގޮތަކަށް ތަބާވުން ލާޒިމްކުރާ ގާނޫނެއް ފާސްކުރުމަށް، (ށ) ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ގާނޫނެއް ފާސްކުރުމަށް، (ނ) ރައްޔިތުންގެ އަތުން ފައިސާއެއް ހަރަދުކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް، (ރ) ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނެއް ފާސްކުރުމަށް، (ބ) ވަކި ކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ގާނޫނެއް ފާސްކުރުމަށް، އަދި (ޅ) ރައްޔިތަކު އުފުލަންޖެހޭ ޝަޚްޞީ ޒިންމާއެއް ހިމެނޭ ޤާނޫނެއް ފާސްކުރުމަށް ނަގާ ވޯޓުތަކެވެ.

ބަޖެޓްގައި ދައުލަތުގެ އާމްދަނީ އިތުރުކުރާނެ ގޮތްތައް ހިމަނާފައިވާ އިރު، އޭގައި ޓެކްސް ނެގުމަށް ހިމަނާފައި އޮތަސް، ބަޖެޓަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމާ މެދު، އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުންގެ މެދުގައި ވެސް ސުވާލު އުފެދެ އެވެ.

"ހަގީގަތުގައި ރައްޔިތުން އަމަލުކުރަން ލާޒިމްވާނީ މި ދެންނެވިހެން ޓެކްސް އިމްޕްލިކޭޝަންތައް ބަޖެޓްގައި ހުރިއްޔާ. މި ދެންނެވީ ކިރިޔާ ވެސް ޖީއެސްޓީ ބޮޑުކުރުން ކަހަލަ ކަންތައް ބަޖެޓްގެ ތެރެއިން ނިންމާ ކަމަށް ވަންޏާ، ފަހަރެއްގައި އެ ވިދާޅުވާ މައްސަލަ ނުކުމެދާނެ. ހަގީގަތުގައި ބަޖެޓްގައި ޓެކްސްގެ ވާހަކަތައް ޖެހިޔަސް، ޖީއެސްޓީ ބޮޑުކޮށް ބީޕީޓީ އަށް ބަދަލުތައް ގެންނަން ވާނީ އެކަމާ ގުޅޭ ގާނޫނުތަކަށް ބަދަލު ގެނެސްގެން،" އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ މަޖިލިސް މެމްބަރަކު، ނަން ހާމަނުކުރުމަށް އެދިވަޑައިގެން، ވިދާޅުވި އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހުގެ މެމްބަރުންނަށް ބަޖެޓްގެ މައުލޫމާތު ދެއްވަނީ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހުގެ މެމްބަރުންނަށް ބަޖެޓްގެ މައުލޫމާތު ދެއްވަނީ.

އޭނާ ވިދާޅުވި ގޮތުގައި ޓެކްނިކަލް ގޮތުން ބަލާއިރު، ޓެކްސްގެ ވާހަކަތަކެއް ބަޖެޓްގައި ހުއްޓަސް، ބަޖެޓަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމެއް އެހާ ސާފެއް ނޫނެވެ.

"އެކަމު ޓެކްނިކަލީ ބަޖެޓްގައި އެ މައްސަލަ އެހާ ސާފު ނޫން ގޮތަކަށް އޮންނާތީ، އެހާ ގިނަ މެމްބަރުން ނެތަސް ފާސްކުރެވޭ ކަހަލަ އެއްޗެއް ބަޖެޓަކީ. ބަޖެޓަކީ އެހެން ގާނޫނުތައް ފާސްކުރާ ގޮތަށް ތިން ކިޔުން އިއްވައިގެން ފާސްކުރާ އެއްޗަކަށް ވިޔަސް، ސަތޭކަ ޕަސެންޓް، އާންމުން އަމަލުކުރަން ޖެހޭ ގާނޫނެކޭ، މެޖޯރިޓީ ތިބެން ޖެހޭނެޔޭ ޔަގީންކަމާ އެކީގައި ބުނަން އުނދަގޫ އެއްޗެއް ބަޖެޓަކީ،" ކުރިން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

"މިދަންނަވާހެން އެއް ގޮތަކުން ބަލާއިރު ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމްކުރާ އެއްޗެއް ނޫން ބަޖެޓަކީ. އެކަމު ރައްޔިތުންނަށް އެހާ އިމްޕްލިކޭޝަންސް ހުންނަ އެއްޗެއް ބަޖެޓަކީ. އާޚިރުގައި ޓެކްސްއާ ހުރިހާ އެއްޗެއް ދައްކާނީ ރައްޔިތުން. އެކަހަލަ އެތައް ބައިވަރު އިމްޕްލިކޭޝަނެއް އެބަހުރި ބަޖެޓްގައި."

ބަޖެޓް ފާސްކުރުމަށް މަޖިލީހުގެ ސާފު މެޖޯރިޓީ ބޭނުންވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އެ ވާހަކަތަކަކީ ބަޖެޓަށް ވޯޓު ނުދެއްވަންވެގެން ދައްކަވާ ސިޔާސީ ވާހަކަތަކެކެވެ. އަދި އެއީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު (ކ) ބަޖެޓް ކޮމިޓީގައި.

ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލު (ކ) ބަޖެޓް ކޮމިޓީގައި.

އެ ގޮތުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހަވާލާދެއްވައި ޚަލީލު ވިދާޅުވި ގޮތުގައި ބަޖެޓަކީ މަޖިލީހުން ފާސްކުރާ އެއްޗަކަށް ވިޔަސް އޭގެ ޒާތުގައި ގާނޫނެއް ނޫނެވެ. އަދި އެއީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކުރާ އެއްޗެއް ވެސް ނޫނެވެ.

ޚަލީލު ފާހަގަކުރެއްވި ގޮތުގައި ބަޖެޓަކީ ރައްޔިތުން ވަކި ގޮތަކަށް ތަބާވުން ލާޒިމްކުރާ ގާނޫނެއް ނޫނެވެ. އަދި އެއީ ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ގާނޫނެއް ވެސް ނޫން ކަމަށާއި ރައްޔިތުންގެ އަތުން ފައިސާއެއް ހަރަދުކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ވެސް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނަކަށް ނުވާއިރު، ބަޖެޓަކީ، ވަކި ކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ގާނޫނެއް ވެސް ނޫނެވެ. ހަމަ އެފަދައިން ރައްޔިތަކު އުފުލަން ޖެހޭ ޝަޚްޞީ ޒިންމާއެއް ވެސް ބަޖެޓްގައި ނުހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަން ޖެހޭ އެއްޗަކީ ޓެކްސްގެ ނިޒާމުގައި ހިމެނޭ ގާނޫނުތައް. މި ބަޖެޓަކު ނޯންނާނެ ޓެކްސް ނަގާ ވާހަކައެއް. ޓެކްސްގެ ވާހަކައެއް އޮތަސް ޓެކުހަށް ބަދަލެއް ގެނެވޭނީ ޓެކްސް ގާނޫނުތަކަށް ބަދަލު ގެނެސްގެން. ބަޖެޓަކީ މިއީ ސަރުކާރުގެ ޕްލޭނެއް. ޕްލޭނެއް މި ފާސްކުރަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި،" ޚަލީލު ވިދާޅުވި އެވެ.

މި ކަންކަމަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަކީ، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ އެއްޗެއް ކަމަށް ބުނެވޭނެ ގާނޫނީ މަބްދައެއް ނެތެވެ. އެފަދަ ހުއްޖަތެއް ނެތް އިރު، ބަޖެޓަށް ގަސްދުގައި ވޯޓު ނުދިނުމުން ނުވަތަ ބަޖެޓް ފާސްކުރަން ފާޅުގައި ދެކޮޅު ހެދުމުން، އެއިން ކުރަހައިދެނީ މުޅިން އެހެން މަންޒަރެއް ކަމަށް ވެރިކަން ކުރާ ޕާޓީން ދެކެ އެވެ.

"ބަޖެޓަށް ވޯޓު ނުދޭނަމޭ ބުނުމަކީ ކުށްވެރިވާނެ ކަމެއް ނޫން. ރައްޔިތުން އެބަ ބޭނުންވޭ ތަރައްގީ ކުރަން. އެކަމު މޯރަލް ގްރައުންޑަކުން ވިސްނާ އިރު، ބަޖެޓަށް ވޯޓު ނުދިނީމާ އޭގެ މާނައަކީ ރައްޔިތުން ބޭނުންވާ ކަންކަމަށް މި ބުނެވެނީ ނޫނެކޭ. ތިމަންނަމެން ތަމްސީލު ކުރާ ރައްޔިތުންނަށް ތި ކަންކަމެއް ކޮށްދޭކަށް ބޭނުމެއް ނޫނޭ. އެއީ އެ ބުނާ ވާހަކައަކީ،" ޚަލީލު ވިދާޅުވި އެވެ.

ބަޖެޓަކީ އޭގެ ޒާތުގައި މަޖިލީހުން ފާސްކުރާ އެއްޗަކަށް ވިޔަސް، މަޖިލީހުން ފާސްކުރާ ކޮންމެ އެއްޗަކީ ގާނޫނެއް ނޫނެވެ. އެއީ ގާނޫނެއް ނަމަ، ބަޖެޓަށް އަމަލު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ. ބަޖެޓަށް ގާނޫނީ ހައިސިއްޔަތު ލިބުމަށްޓަކައި ތަސްދީގު ކުރުމުގެ މަރުހަލާއެއް ބޭނުމެއް ނުވެ އެވެ.

ހަމަ އެފަދައިން ބަޖެޓަކީ ރައްޔިތުން އެއަށް އަމަލު ކުރުން ލާޒިމްވާ އެއްޗެއް ވެސް ނޫނެވެ. ސަބަބަކީ ރައްޔިތުން އެއަށް އަމަލު ކުރުން ލާޒިމްވާ ކަންކަމަކީ ކޮބައިކަން މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބުނެދީފައިވާ އިރު، އެއިން އެއްވެސް ކަމެއް ބަޖެޓްގައި ނުހިމެނޭތީ އެވެ. ޓެކްސް އިތުރުކޮށްގެން އާމްދަނީ އިތުރު ކުރުމަށް ބަޖެޓްގައި ޖަހާފައި އޮތް ކަމުގައި ވިޔަސް، އެ ޓެކުހަކާ ގުޅޭ ގާނޫނުން އެ ގޮތަށް ފާސްކޮށްގެން ނޫނީ ރައްޔިތުންގެ އަތުން އެއްވެސް ޓެކުހެއް ނުނެގޭނެ އެވެ.