Roadha Mihaaru
ޖެނުއަަރީގައި އޮޒިލް އާއި ސަންޗޭޒް ނުވިއްކާނަން: ވެންގާ

ޖެނުއަަރީގައި އޮޒިލް އާއި ސަންޗޭޒް ނުވިއްކާނަން: ވެންގާ

29 ނޮވެމްބަރ 2017

ލަންޑަން (ނޮވެމްބަރު 29) - އަންނަ ޖެނުއަރީ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި އާސެނަލްގެ ދެ ތަރިން ކަމަށްވާ މެސުޓް އޮޒިލް އާއި އަލެކްސިސް ސަންޗޭޒް ނުވިއްކާނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 29) - އަންނަ ޖެނުއަރީ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި އާސެނަލްގެ ދެ ތަރިން ކަމަށްވާ މެސުޓް އޮޒިލް އާއި އަލެކްސިސް ސަންޗޭޒް ނުވިއްކާނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވެންގާ ބުނީ މި ސީޒަނަށް ފަހު އޮޒިލާއި ސަންޗޭޒް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް މި ދެ ކުޅުންތެރިން ދޫކޮށްނުލާނެ ކަމަށެވެ.

"އެ ކުޅުންތެރިން ނުވިއްކާނަން. އެ ދެ ކުޅުންތެރިން މި ކްލަބުގައި ހުރިހާ ހިނދަކު މި ޓީމަށް ދެވެން އޮތް ހުރިހާ ސަޕޯޓެއް ދޭނެކަން އަހަންނަށް ޔަގީން،" ވެންގާ ބުންޏެވެ.

އޮޒިލް އާއި ސަންޗޭޒް ބޭނުން ނަމަ، ބޭނުން ކްލަބަކަށް އަންނަ ޖެނުއަރީ މަހު ސޮއިކުރުމުގެ އިހުތިޔާރު އެބައޮތެވެ. ވެންގާ ބުނީ އެ ދެ ކުޅުންތެރިންނާ އެކު އެއްބަސްވުމަކަށްދާން އެންމެ ފަހު ވަގުތާ ޖެހެންދެން އެ ޓީމުން މަސައްކަތް ކުރާނެ ކަމަށެވެ.

"ސީޒަން ފެށުމުގެ ކުރިން އަހަރެން ގޮތެއް ނިންމިން. އެއީ މި ދެ ކުޅުންތެރިން ނުވިއްކާ ގޮތަށް. މިހާރު ވެސް އެއްބަސްވުން އާ ކުރެވޭތޯ މި ކްލަބުން ދަނީ މަސައްކަތް ކުރަމުން. މި ސީޒަން ނިމެންދެން މަސައްކަތް ކުރާނަން. ވަރަށް ހާއްސަ ހާލަތެއް މެދުވެރިގެން ނޫނީ އަހަރެންގެ ނިންމުން ބަދަލެއް ނުކުރާނަން،" ވެންގާ ބުންޏެވެ.

އޭނާ ބުނީ އޮޒިލާއި ސަންޗޭޒް އަންނަ ސީޒަނުގައި އެ ޓީމުން ފެނިދާނެ ކަމުގެ ޔަގީންކަމެއް އޭނާ އަށް ނުދެވޭނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޮޒިލް ހޯދަން ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ސަންޗޭޒަށް ޔުވެންޓަސް އާއި މެންޗެސްޓާ ސިޓީން އަންނަނީ ފާރަލަމުންނެވެ.

މިރޭ ލީގުގައި އަމިއްލަ ދަނޑުގައި ހަޑްސްފީލްޑާ ދެކޮޅަށް ކުޅޭ މެޗަށް ނުކުތުމުގެ ކުރިން އާސެނަލްގެ ކީޕަރު ޕެޓަ ޗެކް ބުނީ އަދިވެސް ލީގު ހޯދުމުގެ އުއްމީދު އާސެނަލުން ދޫކޮށްނުލާ ކަމަށާއި ވިސްނުން ހުރީ މެޗަކަށް ފެހު މެޗެއް ނަގައިގެން ކުރިއަށް ދިއުން ކަމަށެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް އާސެނަލާއި ހަޑްސްފީލްޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:45 ގަ އެވެ.