Roadha Mihaaru
"ބޮޑު މުސާރައަށް ކުޅުންތެރިން މަޑުކުރުވުމަކީ ގޯހެއް"

ބޮޑު މުސާރައަށް ކުޅުންތެރިން މަޑުކުރުވުމަކީ ގޯހެއް: ވެންގާ

09 ޑިސެމްބަރ 2016

ލަންޑަން (ޑިސެމްބަރު 9) - ބޮޑު މުސާރަ ދީގެން ކުޅުންތެރިންގެ ނުރުހުމުގައި ކްލަބްގައި މަޑުކުރުވުމަކީ ހެދޭނެ ގޯހެއް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 9) - ބޮޑު މުސާރަ ދީގެން ކުޅުންތެރިންގެ ނުރުހުމުގައި ކްލަބްގައި މަޑުކުރުވުމަކީ ހެދޭނެ ގޯހެއް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ވެންގާ މިހެން ބުނެފައިވަނީ އާސެނަލްގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ މެސުޓް އޮޒިލް އާއި އަލެކްސިސް ސަންޗޭޒް މުސާރައިގެ މައްސަލައިގައި ކޮންޓްރެކްޓް އާކުރުން މަޑުޖައްސާލާފައިވަނިކޮށެވެ.

ސަންޗޭޒާއި އޮޒިލް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ 18 މަހެވެ. އެ ދެ ކުޅުންތެރިން ވަނީ އެއްބަސްވުން އާ ކުރުމުގެ ޝަރުތެއްގެ ގޮތުން މުސާރަ ބޮޑުކުރަން އެދިފަ އެވެ.

"ސަންޗޭޒާއި އޮޒިލް އަކީ ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިން. ފުޓްބޯޅަ ކުޅުންތެރިންގެ ޕްރޮފެޝަނަލް ކަަމަށް އަބަދުވެސް އަހަރެން ވަރަށް އިސްކަންދެން. ކުޅުންތެރިންގެ މުސާރަ ވެސް ވަކި ލެވެލެއްގައި ހިފެހެއްޓެން ޖެހޭނެ. މުސާރަ ބޮޑު ކޮށްގެން ކުޅުންތެރިޔެއްގެ ނުރުހުމުގައި ކްލަބްގައި މަޑުކުރުމަކީ ހެދޭނެ ގޯހެއް. އެއީ އަހަރެންގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ކޮށްފައިވާނެ ކަމެއް ނޫން،" ވެންގާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ސަންޗޭޒާއި އޮޒިލް ޑިމާންޑްކުރަމުން އަންނަނީ މެންޗެސްޓާ ޔުނައިޓެޑުން ޕައުލް ޕޮގްބާ އަށް ދޭ ވަރުގެ މުސާރައެއް އާސެނަލުން ހޯދުމަށެވެ. ޔުނައިޓެޑުން ހަފްތާ އަކު ޕޮގްބާ އަށް 290،000 ޕައުންޑްދެ އެވެ. މިއީ އިންގްލެންޑުގެ އެންމެ އަގުބޮޑު މުސާރަ އެވެ.

އާސެނަލްގެ ފޯވާޑް އަލެކްސިސް ސަންޗޭޒް.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ފޯވާޑް އަލެކްސިސް ސަންޗޭޒް.-- ފޮޓޯ: އޭއެފްޕީ

އޮޒިލަށް މިހާރުގެ ކޮންޓްރެކްޓުގައިވާ ގޮތުން ހަފްތާ އެކު 140،000 ޕައުންޑް ލިބެ އެވެ. އަދި ސަންޗޭޒަށް ހަފްތާ އެކު 130،000 ޕައުންޑް ލިބެ އެވެ. އާސެނަލުން މަޝްވަރާކުރަމުން އަންނަނީ ދެ ކުޅުންތެރިންނަށް ވެސް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަފްތާ އަކު 200،000 ޕައުންޑް ލިބޭ ގޮތަށް ކޮންޓްރެކްޓް އާކުރުމަށެވެ.

ވެންގާ ބުނީ ސަންޗޭޒާއި އޮޒިލް އަށް ބޮޑު މުސާރަދޭނެ ގިނަ ކްލަބްތަކެއް އެބަހުރި ކަމަށާއި މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނީ އެ ދެ ކުޅުންތެރިން ކަަމަށެވެ.

"ސަންޗޭޒަށް 400،000 ޕައުންޑް ދޭނެ ކްލަބްތައް ޗައިނާގައި އެބައޮތް. އެކަމަކު އޭނާ ގޮތެއް ނިންމަން ޖެހޭނީ ކެރިއަރާ މެދު ވިސްނުމަށް ފަހު. ހަމައެގޮތަށް އޮޒިލް އަށް ވެސް ދުނިޔޭގެ ގިނަ ކްލަބްތަކުން ޝައުގުވެރިވާނެ،" ވެންގާ ބުންޏެވެ.

އެއްބަސްވުން އާ ނުކުރި ނަމަވެސް ސަންޗޭޒާއި އޮޒިލް ވިއްކާލުމުގެ ވިސްނުމެއް އާސެނަލްގެ ނެތް ކަމަށް ވެންގާ ބުންޏެވެ. އަދި ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އޮޒިލް އާއި ސަންޗޭޒްގެ ނިންމުން ބަދަލުކޮށް އެއްބަސްވުން އާ ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތް އާސެނަލް މާދަމާ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.