Roadha Mihaaru
އެފްޓީއޭ ގައި ޗައިނާއާއެކު ރާއްޖެ ސޮއިކުރަން ނިންމައިފި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމައިފި

29 ނޮވެމްބަރ 2017

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން މިއަދު ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން މިއަދު ނިންމައިފި އެވެ.

ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖެއިން ސޮއިކުރާ ގޮތަށް ކެބިނެޓްގެ މިއަދުގެ ބައްދަލުވުމުގައި ނިންމުމާ ގުޅިގެން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތް ނިންމާލައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރަން ރައްޔިތުންގެ މަޖިލިހުން މިރޭ ރުހުން ދިނުން އޮންނާނެ އެވެ. އަދި އެ މައްސަލަ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ "ޚާއްސަ" ޖަލްސާ އަށް ވަނީ ހުށަހަޅައިފަ އެވެ.

ސައީދު ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުން، ތަރައްގީ ވަމުން އަންނަ ގައުމަކަށް 2011 ވަނަ އަހަރު ރާއްޖެ ބަދަލުވުމާއެކު ރާއްޖޭން މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށެވެ. އެގޮތުން ބޭރުކުރާ މަހުން ބޭރު ދުނިޔޭގައި ޑިއުޓީ ނަގަން ފެށުމުން، އޭގެ އަގުބޮޑުވެފައިވާ ކަން އޭނާ ފާޙަގަ ކުރެއްވި އެވެ.

"އެހާ ހިސާބުން ރައީސް [އަބްދުﷲ ޔާމީން] ނިންމެވީ ދިވެހި މަސްވެރިން ބާނާ މަސް، ލުއި ފަސޭހަގޮތަކަށް، ބޮޑު ފައިދާއެއް ލިބޭނެ ގޮތަކަށް ބޭރުކުރެވޭތޯ މަސައްކަތް ކުރުމަށް. މިކަމުގެ ހައްލެއް ކަމަށް ފެނުނީ މިނިވަން އެއްބަސްވުމުގެ ތެރެއަށް ވަނުން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާއާ އެކު ވާ މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކައި ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.

ޗައިނާގެ އިތުރުން، ހޮންކޮންގާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަޝްވަރާތައް މިހާރު ވަނީ ނިމިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އަދި ޖަޕާން ސަރުކާރަށް، މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ މަޝްވަރާ އަށް ދައުވަތު ދީފައިވާ ކަމަށާއި އެކަމުގެ ޝައުގުވެރިކަން އެ ގައުމުތަކުން ވަރަށް އަވަހަށް ފާޅުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންސިއުމާ މާކެޓް ކުޑަކަން، ރާއްޖެއާ ވިޔަފާރީގެ ގުޅުން ބާއްވަން މަޝްވަރާ ކުރާ ގައުމުތަކުން ދަނެ އެވެ. އަދި މިއީ މިހާ ކުޑަ ގައުމަކާއެކު، ރާއްޖެއަށް ބޮޑަށް ނަފާލިބޭ ގޮތަށް، ދުނިޔޭގެ ބާޒާރުގައި މި ފަދަ އެއްބަސްވުމެއް ވާ ފުރަތަމަ ފަހަރު ކަން ފާހަގަ ކުރެއްވި އެވެ.

"ކުރިން މި ގޮތަށް އަޅުގަނޑުމެން އިންވައިޓް ކުރީމައި ކޮންސިއުމާ މާކެޓް މާކުޑަ ގައުމެއް ކަމަށް ގައުމުތަކުން ބުނޭ. އެކަމަކު މިއަދު އެކަން މި ވަނީ ބަދަލުވެފައި. އެހެންވެ މިދެންނެވީ ޔޫއެސް ފަދަ ކުރިއަރަމުން އަންނަ ވިޔަފާރީގެ ސިނާއަތްތަކުން ރާއްޖެ އާއެކު ވިޔަފާރި ކުރުމަކީ ނުކުރާނެ ކަމެއް ނޫނޭ،" ސައީދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވީ ޗައިނާ ފަދަ ބޮޑު ގައުމަކާއެކު ވިޔަފާރީގެ މި ފަދަ އެއްބަސްވުމަކަށް ދިޔުމަކީ ބޭރު ދުނިޔޭގައި ރާއްޖޭގެ އިގްތިސޯދު ފުޅާވެ، "މޮޑަނައިޒް" ވާން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މިއީ އެހެން ގައުމުތަކާއެކު މިގުޅުން ގާއިމު ކުރުމުގައި ލިބޭނެ ފިލާވަޅަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.