Roadha Mihaaru
ޗައިނާގެ އެފްޓީއޭއަށް އަންނަ އަހަރު އަމަލުކުރަން ފަށަނީ

ޗައިނާގެ އެފްޓީއޭއަށް އަންނަ އަހަރު އަމަލުކުރަން ފަށަނީ، 91 ޕަސެންޓު މުދަލުން ޑިއުޓީ ނުނަގާނެ

17 ސެޕްޓެމްބަރ 2024

ޗައިނާއާ އެކު ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާއާ އެކު ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ޗައިނާ ސަރުކާރާ އެކު ކުރަމުން އައި މަޝްވަރާތައް ގާތްގަނޑަކަށް ނިމި، އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެފްޓީއޭއަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކާ ދެމެދު ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ގައުމުގެ ފައިސާއިން ކުރެވޭ އެއްބަސްވުމުގެ މައްޗަށް، މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން، ދިވެހި ވިޔަފާރިތަކަށާއި އިގުތިސާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ މިސާލުތަކެއް ނަންގަވައި ސައީދު ވިދާޅުވި ގޮތުގައި، ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 ޕަސަންޓު ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ އެވެ. ޑިއުޓީ ނުދައްކައި، ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭ ގޮތް ވުމުން، ދިވެހި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޗައިނާ އިން މިހާރު އަހަރަކު 700 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ މުދާ އެބަ އެތެރެކުރޭ. ކަރަންސީ ސެޓެލްމަންޓް އެއްބަސްވުމާ އެކު މި 700 މިލިއަން ޔޫއެސްޑީ [އެމެރިކާ ޑޮލަރު] ބޭނުންނުކޮށް މުދާ އެތެރެކުރެވޭނެ،" ރާއްޖޭގައި އޮތް ޑޮލަރުގެ ދަތިކަމަށް ވެސް ލިބޭނެ ބޮޑު ލުޔެއް ފާހަގަކުރައްވައި ސައީދު ވިދާޅުވި އެވެ.

ޗައިނާއިން އެތެރެކުރާ މުދަލުގެ އިތުރުން، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ ބާވަތްތަކުން، ސުން ޕަސަންޓު ޑިއުޓީގައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އެވެ. އޭގެތެރޭގައި، ދިވެހި މަހުގެ 296 ބާވަތެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މަހުގެ ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހުމުން، އެހެން ގައުމުތަކުން ޑިނގާ ފަދަ ބާވަތްތައް ރާއްޖެއަށް ގެނެސް، ވެލިއު އެޑްކޮށް، ޗައިނާއަށް ސުން ޕަސެންޓު ޑިޔުޓީގައި ރީއެކްސްޕޯޓް ކުރުމުގެ ދޮރު ވެސް ހުޅުވިގެންދާނެ އެވެ.

ޗައިނާގެ ބޮޑެތި ވިޔަފާރިތަކާ ވާދަ ނުކުރެވި ދިވެހި ވިޔަފާރިތަކަށް އޮތް ނުރައްކާތަކާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން، ސައީދު ވިދާޅުވީ ޗައިނާ އާ އެކު ކުރެވުނު މަޝްވަރާތަކުގައި ދިވެހި ވިޔަފާރިތަކަށް އެ ރައްކާތެރިކަން ކަށަވަރުކޮށްދެވިފައިވާ ކަމަށެވެ.

ޗައިނާގެ ޝަންގްހައި، ބެއިޖިންގް އަދި ޓިއަންޖެންގައި ދިވެހި ޓްރެވަލް އޭޖެންޓުންނަށް ފްރީ ޒޯނެއްގެ ތެރެއިން ހަރަކާތްތެރިވެވޭނެ މަގު އެފްޓީއޭގެ ތެރެއިން ފަހިވިޔަސް، ޗައިނާ އޭޖެންޓުންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނެ ފުރުސަތެއް ނުލިބޭނެ ކަމުގެ ޔަގީންކަން ސައީދު ދެއްވި އެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު 18، 2014 ގަ އެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ. އެކަމަކު އޭގެ ފަހުން ސަރުކާރުން ބަދަލުވެ، އެ އެއްބަސްވުން މުރާޖައާ ކުރަމުންދާ ކަމަށް ބުނެ، ކުރީގެ ސަރުކާރުގައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައެއް ނުވެ އެވެ.

އެ އެއްބަސްވުމަށް މި ހިނގާ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އަމަލުކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.