Roadha Mihaaru
ސިފައިންނާއި މޯލްޑިވިއަން އަށް ރަނގަޅު ފެށުމެއް

ސިފައިންނާއި މޯލްޑިވިއަން އަށް ރަނގަޅު ފެށުމެއް

03 ޑިސެމްބަރ 2017

ސީލައިފް ގްލޯބަލް ގައުމީ ވޮލީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާއި މިދިޔަ އަހަރުގެ ރަނަރަޕް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ސިފައިން މޮޅުވީ މި މުބާރާތުގެ ތައްޓަށް ނުކުތް ސީލައިފް ސްޕޯޓްސް ކްލަބާ ވާދަކޮށެވެ. ފަސް ސެޓަށް ދިޔަ މި މެޗުގައި ފޯރިގަދަ ކުޅުމެއް ވަނީ ފެނިފަ އެވެ.

މެޗުގެ ފުރަތަމަ ސެޓު ސީލައިފުން ގެންދިޔައީ 20-25 އިންނެވެ. ދެ ވަނަ ސެޓު 25-20 އިން ގެންގޮސް ސިފައިން މެޗުގެ ތެރެއަށް އަލުން ވަނެވެ. ތިން ވަނަ ސެޓު 23-25 އިން ކާމިޔާބުކޮށް ސީލައިފުން މެޗުގެ އުއްމީދު އާކޮށްފައިވަނިކޮށް ސިފައިން މޮޅުވީ ދެން ކުޅުނު ދެ ސެޓު ހޯދައިގެންނެވެ. ސިފައިން ފަހު ދެ ސެޓު ގެންދިޔައީ 26-24 އާއި 16-14 އިންނެވެ.

މި މެޗުގައި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ނިޒާރު އިބްރާހިމް، 44، ސީލައިފުގެ ލިބަރޯއަކަށް ކުޅުނެވެ. ޖުމްލަ ގޮތެއްގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.

އިއްޔެގެ މެޗުގައި ނިޒާރު (ކ): އުމުރުން 44 އަހަރުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި. ފޮޓޯ: ނިޝާން އަލީ/ މިހާރު

އިއްޔެގެ މެޗުގައި ނިޒާރު (ކ): އުމުރުން 44 އަހަރުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި. ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ޕާކިސްތާނުގެ މުނީރް ހާން އެވެ. ރޭގެ މެޗުގައި ސީލައިފްގެ ކުޅުންތެރިންނަށް އެންމެ އުނދަގޫވީ އޭނާ ހިފަހައްޓާށެވެ.

ފުރަތަމަ މެޗުން މާޒިޔާ އަތުން މޮޅުވި ޕޮލިހަށް ރޭ މޯލްޑިވިއަންއާ ދެކޮޅަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މޯލްޑިވިއަން އިން ވަނީ ފަސޭހަކަމާ އެކު، ސީދާ ތިން ސެޓުން، މި މެޗުން މޮޅުވެފަ އެވެ. މޯލްޑިވިއަން އިން ސެޓުތައް ގެންދިޔައީ 25-20، 25-22 އަދި 25-23 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަން އަށް ކުޅޭ ޕާކިސްތާންގެ މުރާދު ޖީހާން އެވެ. އޭނާ އަކީ މި ފަހަރުގެ އެސޯސިއޭޝަން ކަޕް މޯލްޑިވިއަނުން ކާމިޔާބުކުރިއިރު، މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ވެސް އެވެ.

މުބާރާތުގައި މިއަދު ހަވީރު އޮންނާނީ އަންހެން ބައިގެ މެޗެކެވެ. ހަވީރު 16:30 ގައި ކުޅޭ މި މެޗުގައި ޏ. ފުވައްމުލަކު މިސްކިތްމަގު އެކުވެރިންގެ ގުޅުން ބައްދަލުކުރާނީ މޯލްޑިވިއަންއާ އެވެ.

މިރޭ ފިރިހެން ބައިގައި ސިފައިން ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.