Roadha Mihaaru
ސައިން ލެންގްއޭޖް ކޯސްތައް ރަށްރަށުގައި ހިންގަނީ

ސައިން ލެންގްއޭޖް ކޯސްތައް ރަށްރަށުގައި ހިންގަނީ

03 ޑިސެމްބަރ 2017

އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި ރަށްރަށުގައި ސައިން ލެންގްއޭޖް ކޯސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ވިދާޅުވި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށްޓަކައި ރަށްރަށުގައި ސައިން ލެންގްއޭޖް ކޯސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާފައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ހިދުމަތް ދިނުމަށް ފަސޭހަ ކުރުމުގެ ގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ތަމްރީން ކޮށްފައިވާ ކަމަށެވެ.

"މިނިސްޓްރީގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންނާއި ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރުންނަށް އަމާޒުކޮށްގެން 70 އަށް ވުރެ ގިނަ ބައިވެރިންނަށް ވަނީ މި އަހަރުގެ ތެރޭގައި ބޭސިކް ސައިން ލެންގުއޭޖް ކޯސްތައް ކުރިއަށް ގެންގޮސްފައި. އަދި އާންމު ހިދުމަތް ދޭ ފަރާތްތަކަކަށް 46 ބައިވެރިން ހިމެނޭ ގޮތަށް ބޭސިކް އަދި އެޑްވާންސް ސައިންލެންގުއޭޖް ކޯސް ވަނީ ކުރިއަށް ގެންގޮސްފައި،" ޒެނީޝާ ވިދާޅުވި އެވެ.

ސައިން ލެންގުއޭޖް ކޯސް ފުރިހަމަ ކުރި އިމިގްރޭޝަންގެ މުވައްޒަފަކަށް، ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިމިނަތު ޝިފާނާ (ވ) ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ. --މިހާރު ފޮޓޯ/ ހުސައިން ވަހީދު

ސައިން ލެންގުއޭޖް ކޯސް ފުރިހަމަ ކުރި އިމިގްރޭޝަންގެ މުވައްޒަފަކަށް، ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިމިނަތު ޝިފާނާ (ވ) ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ. --މިހާރު ފޮޓޯ/ ހުސައިން ވަހީދު

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސައިން ލެންގްއޭޖް ކޯސް ފުރިހަމަ ކުރި މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ބަޔަކަށް އެ ބަހުން މުއާމަލާތު ކުރަން ދަސްކޮށްދިނުމުގެ ގޮތުން ރަށްރަށުގައި އަންނަ އަހަރު ސައިން ލެންގުއޭޖް ކޯސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ކުރިމަގު ބައްޓަން ކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން،" އެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ކަންކަމުގައި ބައިވެރި ކުރުމަކީ އެ މީހުންނަށް އިތުރު ފުރުސަތު ލިބުމުގެ އިތުރުން ގައުމަށް ވެސް ތަރައްގީ ލިބޭނެ ކަމެއް ކަމަށެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ކިޔަވައިދިނުމަށް 350 އަށް ވުރެ ގިނަ ޓީޗަރުން ތަމްރީން ކޮށްފައިވާ އިރު، ސިއްހީ ދާއިރާ އިން ވެސް އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ހާއްސަ ފުރުސަތުތައް ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ ގޮތުން އެފަދަ 270 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ، ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ދުވަހެވެ.