Roadha Mihaaru
އެންމެ އަށް ހަފުތާގެ ކުއްޖެއްގެ ހިތް ބަދަލުކޮށްފި

އެންމެ އަށް ހަފުތާގެ ކުއްޖެއްގެ ހިތް ބަދަލުކޮށްފި

04 ޑިސެމްބަރ 2017

އިނގިރޭސި ވިލާތުގައި އެންމެ އަށް ހަފުތާގެ ކުއްޖެއްގެ ހިތް ބަދަލުކޮށްފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިނގިރޭސި ވިލާތުގައި އެންމެ އަށް ހަފުތާގެ ކުއްޖެއްގެ ހިތް ބަދަލުކޮށްފި އެވެ.

ޗާލީ އުފަންވިއިރު ހިތުގެ އެއް ބައި ނެތެވެ. އެހެންވެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޓްރާންްސްޕްލާންޓް ކުރާނެ ހިތެއް ކޮންމެހެން ވެސް ބޭނުންވި އެވެ. އަދި ޗާލީ އަށް ހިތް ހަދިޔާކުރާނެ މީހަކު ހޯދަން މުޅި ޔޫރަޕްގައި އެހީއަށް އެދިފައިވެ އެވެ.

މި ތުއްތު ކުއްޖާއަށް ދިމާވެފައިވާ މައްސަލައަކީ ހައިޕޮޕްލާސްޓިކް ލެފްޓް ހާޓް ސިންޑްރޯމް އެވެ. ހިތް ބަދަލުކުރުމަށް ނިއުކާސްލްގެ ފްރީމަން ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނަށް ނުވަ ގަޑިއިރު ހޭދަވި އެވެ.

ޗާލީ އަށް ދިރިއުޅުމުގެ ދެ ވަނަ ފުރުސަތެއް ފަހިކޮށްދިން ކަމަށްޓަކައި، ހިތް ހަދިޔާކުރި އާއިލާއަށް ޗާލީގެ މަންމަ ޓްރޭސީ ރައިޓް ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ. އަދި އެމީހުންގެ މަތިން އުމުރު ދުވަހަށް ވެސް ހަނދާން ކުރާނެ ކަމަށް ބުންޏެވެ.

"ދަރިފުޅުގެ ގައިގެ ހަންގަނޑު އަޖައިބެއް ކަހަލަ ރީތި. ކުރިން އަބަދު އޮންނަނީ މުޅި ހަށިގަނޑަށް ނޫކުލަ އަރާފައި. ނަމަވެސް މިހާރު މަޑު ފިޔާތޮށިކުލައެއް ހަންގަނޑަށް އަރައިފި،" ޓްރޭސީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް ހިތް ހަދިޔާކުރި އާއިލާއިން އެމީހުންނަށް އެ ދިނީ ދުވަހަކުވެސް އަގު އަދާނުކުރެވޭ އަގުހުރި ހަދިޔާއެކެވެ.

"ޝުކުރިއްޔާ އަކީ އެމީހުންނަށް ޝުކުރު އަދާކުރުމަށް އެކަށީގެންވާ ލަފުޒެއް ނޫން،" ޗާލީގެ މަންމަ ބުންޏެވެ.

ޓްރޭސީ ބުނި ގޮތުގައި އޮޕަރޭޝަނަށް ފަހު ދަރިފުޅު އަންނަނީ ރަނގަޅު ވަމުންނެވެ. އަދި ދަރިފުޅަކީ ހިތްވަރުގަދަ ބަތަލެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

އުފަންވި އިރު ބަރުދަނުގައި 2.8 ކިލޯ ހުރި ޗާލީ އުފަންވިތާ އެންމެ ތިން ދުވަސް ތެރޭ އޯޕަން ހާޓް ސާޖަރީއެއް ހެދި އެވެ. އެ ކުއްޖާއަށް ފަރުވާ ދެމުން އައި ފްރީމަން ހޮސްޕިޓަލުގެ ހިތުގެ ޚާއްސަ ޑޮކްޓަރު ވިދާޅުވީ އުފަންވި އިރު ޗާލީގެ ކުޑަކަމާއި އެ ކުއްޖާ އޮތް ހާލަތަށް ބަލާއިރު އެއީ ވަރަށް ނަސީބު ގަދަ ކުއްޖެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.