Roadha Mihaaru
ގަވަރުނަރުގެ ނުކިއްސަރުކަމެއް ބަޖެޓާ މެދު ނެތް: ރައީސް

ގަވަރުނަރުގެ ކަންބޮޑުވުންތައް ރަނގަޅު، ބަޖެޓާ މެދު ނުކިއްސަރުކަމެއް ނެތް: ރައީސް

03 ޑިސެމްބަރ 2017

ބޭރުގެ ދަރަނި ބޮޑުވެ، ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ ކަމަށް ވިދާޅުވެ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ދެއްކެވި ވާހަކަތައް ރަނގަޅު ކަމަށާއި އެއީ އަންނަ އަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓާ މެދު އެއްވެސް ކަހަލަ ނުކިއްސަރުކަމެއް އޮވެގެން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބޭރުގެ ދަރަނި ބޮޑުވެ، ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ ކަމަށް ވިދާޅުވެ، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ދެއްކެވި ވާހަކަތައް ރަނގަޅު ކަމަށާއި އެއީ އަންނަ އަހަރަށް ދައުލަތުން ކަނޑައެޅި ބަޖެޓާ މެދު އެއްވެސް ކަހަލަ ނުކިއްސަރުކަމެއް އޮވެގެން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް އަލަށް ވަން 2،600 އަށް ވުރެ ގިނަ މީހުންގެ ފޯމު ހުށަހަޅަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގަަވަރުނަރަކީ ފަންނީ ބޭފުޅެއް ކަމަށާއި އޭނާ ވާހަކަ ދެއްކެވީ ތަހުލީލީ ނަޒަރަކުން ކަމަށެވެ. އަދި އެއީ ދައުލަތުން ކަންކުރާ ގޮތާ މެދު ފާޑުކިޔުން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހަށް ނަސީރު ލަފާ ދެއްވަމުން ވިދާޅުވެފައިވަނީ ބަޖެޓަށް ފައިނޭންސް ކުރުމަށް ރާއްޖޭގެ މާކެޓުން ފައިސާ ހޯދޭ މިންވަރު ދަށްވެ، ބޭރުން ފައިސާ ހޯދަން ބަރޯސާވެފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ބޭރުގެ ލޯނުތަކާ އެކު ބޭރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން އިތުރު ވަމުންދާ ކަން ވެސް ގަވަރުނަރުގެ ލަފާގައި ފާހަގަކުރައްވާފައިވެ އެވެ.

ގަވަރުނަރު ނަސީރާ ރައީސް ޔާމީން ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ގަވަރުނަރު ނަސީރާ ރައީސް ޔާމީން ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ނަސީރުގެ މި ވާހަކަތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ދައުލަތުގެ ރިޒާވްއާ ހަވާލުވެފައިވާ ބޭފުޅަކަށް އެފަދަ އިން ބަސް ބުނުމުގެ ހައްގު އޮންނާނެ ކަމަށެވެ. އެ ވާހަކަތައް ސަރުކާރުން ބަލައި ގަންނަ ކަމަށާއި ނަމަވެސް އެމްއެމްއޭގެ ރިޒާވަށް ޑޮލަރު ހޯދަން އެންމެ ބޮޑު މަސައްކަތެއް ކުރާނީ އެތަނުން ނޫން ކަމަށާއި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބޭރުން ފައިސާ ހޯދަން ބަރޯސާވާ ކަމަށް ނަސީރު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ދަރަނި ބޮޑުވަނީ ރާއްޖޭން ބޭރުން ނަގާ ލޯނުތަކުގެ ސަބަބުން ކަން އެންމެ ކުޑަކުއްޖާއަށް ވެސް އެނގޭނެ ކަމަށެވެ. އެކަމަކު އެއީ އަގުހެޔޮ ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭންކުތަކުން ނަގާ ލޯނުގެ އިންޓަރެސްޓް ދިހަ ޕަސެންޓަށް ވުރެ މަތީގައި ހުރި އިރު، ބޭރުގެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓު ހުންނަނީ ހަތަރު ޕަސެންޓުގަ އެވެ. އެހެންވެ، އަގުބޮޑުކޮށް ރާއްޖޭގެ ބޭންކުތަކުން ފައިސާ ނުނަގާނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ލޯނު ނަގާނީ އަގުހެޔޮކޮށް. ރާއްޖޭގެ ބޭންކުތަކުގައި އެ ކެޕޭސިޓީއެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ގަވަރުނަރުގެ ކަންބޮޑުވުން "ތަރުޖަމާ" ކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އިގްތިސޯދުގައި އެންމެ ވަރުގަދަ އެޖެންޓަކީ އަބަދުވެސް ސަރުކާރު ކަމަށާއި ސަރުކާރުން ނިކުމެ، ބޭންކުތަކުން އަމިއްލަ ވިޔަފާރިވެރިން ނަގަން ހުންނަ ފައިސާ ކޮނޑު އަޅައިގެން ނުނިކުންނާނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކޮށްފި ނަމަ ޕްރައިވެޓް ކެޕިޓަލް މަދުވެ، އަމިއްލަ ވިޔަފާރިތަކަށް ލިބޭނެ ފައިސާއެއް ނުހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ލޯނު ނަގަން ސަރުކާރަށް ރަހުނު ބަހައްޓައި، ގެރެންޓީ ދިން ކަމުގައި ވިޔަސް، އަމިއްލަ ވިޔަފާރިވެރިންނަށް އެ ފުރުސަތު އޮތް މިންވަރު ކުޑަ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ހަރަދުކުރުމާއި ހޭދަކުރުމާއި އިންވެސްޓް ކުރުމަކީ ތަފާތު ތިން ކަމެކެވެ. އަދި އިގްތިސޯދީ ގޮތުން ފައިދާވާ ކަންކަމަށް އިންވެސްޓްކޮށް، ރަށްރަށުގައި އެއާޕޯޓު އަޅައި ތަރައްގީ ގެންނަނީ އެއިން ވަށައި ޖެހޭ ފައިދާ ހޯދަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކުރު މުއްދަތެއްގެ ތެރޭގައި މިކަން ކުރަނީ ދިގު މުއްދަތުގެ ނަތީޖާ ހޯދަން. ދިގު މުއްދަތެއްގައި މިކަން ކުރާ ކަމުގައި ވާ ނަމަ، 20 އަހަރު އަހަރު ވާންދެން މިހެން، ޖަހާލި އަބެއް ގޮތަށް، ބިޔަ ރާޅު ނަގާ އިންޑިއާ ކަނޑުގައި ތިބެން ޖެހޭނީ. މިއީ އުޅޭ ބައެއްކަން ވެސް މީހުންނަކަށް ނޭނގޭނެ. ހާލަތު ބަދަލުކުރާނީ އެ ބަޔަކު އަމިއްލައަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.