Roadha Mihaaru
އެމްއެމްއޭގެ ބޯޑަށް ޖަނާ އާއި އިހުސާން އައްޔަން ކޮށްފި

އެމްއެމްއޭގެ ބޯޑަށް ޖަނާ އާއި އިހުސާން އައްޔަން ކުރައްވައިފި

07 ޖެނުއަރީ 2018

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހާއި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން މިއަދު އައްޔަން ކުރައްވައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހާއި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން މިއަދު އައްޔަން ކުރައްވައިފި އެވެ.

މީގެ ތެރެއިން އިހުސާނަކީ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް އޮންނަ އިބްރާހިމް ދީދީގެ ދަރިކަލުންނެވެ. ސިފައިންގެ ޚިދުމަތުން ވަކިވެވަޑައިގަތުމަށް ފަހު، އިހުސާން މިހާރު ހުންނެވީ ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

އެމްއެމްއޭގެ ބޯޑަށް އަލަށް އައްޔަން ކުރެއްވި ޖަނާ އަކީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަނެވެ. އަދި އޭނާއަކީ ރައީސް ޔާމީންގެ ވެސް ވަރަށް ގާތް ބޭފުޅެކެވެ.

ޖަނާ އާއި އިހުސާންގެ އިތުރުން ދެން އެ ބޯޑަށް އަލަށް އައްޔަން ކުރެއްވީ، އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިނެވެ. އެ ތިން ބޭފުޅުންނާއެކު، މަރުކަޒީ ބޭންކުގެ ބޯޑުގައި ގަވަރުނަރު އަހުމަދު ނަސީރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެމްއެމްއޭގެ ބޯޑަށް އިދުހާމް އައްޔަން ކުރެއްވީ ކުރިން އެ ބޯޑުގައި ހިމެނިވަޑައިގެންނެވި އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު އިސްތިއުފާ ދެއްވުމުންނެވެ. އަދި ޖަނާ އައްޔަންކުރެއްވީ ކުރީގެ މިނިސްޓަރު އަދި ސަންލޭންޑްގެ ހިއްސާދާރު ހުސެއިން ހިލްމީގެ ބަދަލުގަ އެވެ. އިހުސާން އައްޔަން ކުރެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސްގެ ބަދަލުގަ އެވެ.

ޖުމްލަ ހަތް މެމްބަރުން ހިމެނިވަޑައިގަންނަވާ އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި އެ ބޭފުޅުންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ނައިބު އަބްދުލް ހަލީމް އަބްދުލް ޣަފޫރު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ބޯޑުގައި ކުރިން ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބަދަލުގައި އިތުރު ބޭފުޅަކު އަދި އައްޔަން ނުކުރައްވަ އެވެ.

ކުރިން އާއްމުކޮށް ސަރުކާރުން ބައެއް މިނިސްޓަރުން އެމްއެމްއޭގެ ބޯޑުގައި ހިމެނިވަޑައިގެންނެވި ނަމަވެސް މިފަހަރުގެ ބޯޑުގައި އެއްވެސް މިނިސްޓަރަކު ހިމަނުއްވާފައެއް ނުވެ އެވެ.