Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ގޮތްދޫނުކޮށް ކުރީ ސަފަށް ނުކުތް އަންހެން ފުލުސް

ގޮތްދޫނުކޮށް ކުރީ ސަފަށް ނުކުތް އަންހެން ފުލުސް

07 ޑިސެމްބަރ 2017

އަންހެނަކަށް ވީތީ އެހާ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަކަށް އިޒްމިއާ ޒާހިރު ކުރިއަކުން ހިއެއް ނުކުރެ އެވެ. ފުލުހަކަށް ވީ ހިސާބުން އޭނާ އަށް ފާހަގަކުރެވުނީ ހައިރާންވާހާ ބޮޑު ތަފާތުކުރުމެކެވެ. ފިރިހެނުންނާއި ވަރަށް ގިނަ އަންހެނުންގެ ވެސް ވިސްނުމުގައި، ފުލުހުންގެ ތެރޭގައި އަންހެނުންގެ ހަމައެކަނި މަގާމަކީ އިދާރީ މޭޒުދޮށެވެ. އިޒްމިއާ އަށް އެކަން ބަލައެއް ނުގަނެވުނެވެ. އެ ބޮޑު ގޮންޖެހުމާ ކުރިމަތިލައި ފިރިހެނުންނެކޭ އެއް ފުރުސަތުތަކެއް ހޯދަން އޭނާ ކުރީ "ހަނގުރާމަ"އެއް ފަދަ މަސައްކަތެކެވެ. އެކަމަކު އޭގެ ނަތީޖާ ފޮންޏެވެ؛ ފުލުހުންގެ ފުރަތަމަ އަންހެން ޑިވިޝަން ކޮމާންޑަރަކަށް ވުމުގެ ޝަރަފް އޮތީ އިޒްމިއާގެ އަތުގަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އަންހެނަކަށް ވީތީ އެހާ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަކަށް އިޒްމިއާ ޒާހިރު ކުރިއަކުން ހިއެއް ނުކުރެ އެވެ. ފުލުހަކަށް ވީ ހިސާބުން އޭނާ އަށް ފާހަގަކުރެވުނީ ހައިރާންވާހާ ބޮޑު ތަފާތުކުރުމެކެވެ. ފިރިހެނުންނާއި ވަރަށް ގިނަ އަންހެނުންގެ ވެސް ވިސްނުމުގައި، ފުލުހުންގެ ތެރޭގައި އަންހެނުންގެ ހަމައެކަނި މަގާމަކީ އިދާރީ މޭޒުދޮށެވެ. އިޒްމިއާ އަށް އެކަން ބަލައެއް ނުގަނެވުނެވެ. އެ ބޮޑު ގޮންޖެހުމާ ކުރިމަތިލައި ފިރިހެނުންނެކޭ އެއް ފުރުސަތުތަކެއް ހޯދަން އޭނާ ކުރީ "ހަނގުރާމަ"އެއް ފަދަ މަސައްކަތެކެވެ. އެކަމަކު އޭގެ ނަތީޖާ ފޮންޏެވެ؛ ފުލުހުންގެ ފުރަތަމަ އަންހެން ޑިވިޝަން ކޮމާންޑަރަކަށް ވުމުގެ ޝަރަފް އޮތީ އިޒްމިއާގެ އަތުގަ އެވެ.

ފުލުހުންގެ ތާރީޚުގައި ތިންވަނަ އަށް ކޮމިޝަންޑް އޮފިސަރަކަށް ވި އަންހެން ފުލުހަކީ އިޒްމިއާ، 34، އެވެ. އެއް އިރެއްގައި، ދޮޅު އަހަރުގެ މުއްދަތަކަށް، 80 ވަރަކަށް ފިރިހެނުންނާ އެކު ހުރި ހަމައެކަނި އަންހެން އޮފިސަރުގެ ގޮތުގައި އަދި ފުލުހުންގެ މެނޭޖްމެންޓް ބޯޑުގައި ހުރި ހަމައެކަނި އަންހެން ފުލުހުގެ ގޮތުގައި ވެސް އިޒްމިއާ މަސައްކަތްކުރި އެވެ. އެއާއެކު އޭނާ ވަނީ ފުލުހުންގެ ހަތް ޑިވިޝަންގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި މީހުން ދިރިއުޅޭ ރަށްތައް އެންމެ ގިނަ އުތުރު ޑިވިޝަންގެ ކޮމާންޑަރުކަން ދެ އަހަރު ދުވަސް ވަންދެން ކޮށްފަ އެވެ. ފަހުގެ ތާރީޚެއްގައި ފުލުހުންނަށް އެންމެ ބޮޑަށް ނަފްރަތު އަމާޒުވި އުދަނގޫ ދަޑިވަޅުގައި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިޒްމިއާ އަދާކުރި ދައުރާއި އޭނާ މިހާ ހިސާބަށް އައި ގޮތް އެއީ ކިޔައިނުދީ އޮންނަތާ އަހަރުތަކެއް ވެފައިވާ މުހިއްމު ވާހަކައެކެވެ.

ފުލުހަކަށް ވުމަކީ އިޒްމިއާ ދުރާލާ އަމާޒު ކަނޑައެޅި ކަމެއް ނޫނެވެ. އެއީ ކަން ދިމާވި ގޮތެވެ. ފުރަތަމަ ޑިގްރީ އަށް ސައިކޮލޮޖީ ކިޔަވައި ނިމުނު އިރު އިޒްމިއާގެ އެންމެ ބޮޑު ޝައުގަކަށްވީ ކުށްވެރިންގެ ސިކުނޑީގައި ހިނގާ ކަންކަމާއި އެ މީހުން ކުށްކުރާ ސަބަބުތައް ދެނެގަތުމެވެ. އެކަމަކު އޭނާ ހަދަން ބޭނުންވި ދިރާސާ އަށް، ޔުނިފޯމް އަޅައިގެން ނޫނީ ފުރުސަތެއް ލިބެން ނެތުމުން ފުލުހުންގެ ތެރެ އަށް ވަނީ އެވެ. އެ ވަޒީފާގައި މިހާރު 12 އަހަރު ހޭދަކޮށްފައިވާ އިޒްމިއާ އަށް ދިރާސާގެ އުއްމީދު ހާސިލްވެފައި ނެތަސް، ތޮށިގަނޑު ފަޅާލައި ފުލުހުންގެ އިސް ސަފަށް ނުކުތުމުގައި ބޮޑެތި އެތައް ތަޖުރިބާތަކެއް ކުރެވިއްޖެ އެވެ.

އިޒްމިއާ (ވ) އެހެން މުވައްޒަފަކާ އެކު މަސައްކަތުގައި. ފޮޓޯ: ޕޮލިސް

އިޒްމިއާ (ވ) އެހެން މުވައްޒަފަކާ އެކު މަސައްކަތުގައި. ފޮޓޯ: ޕޮލިސް

ފުލުހުންގެ އަސާސީ ތަމްރީނުގެ އިތުރުން ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގެ ގާބިލްކަން ހޯދަން ގަދަފަދަ "ޕަބްލިކް އޯޑާ" ޓްރެއިނިން ހަދައި ސިންގަޕޫރުގައި އޮފިސަ ޓްރެއިނިން ފުރިހަމަކޮށްފައިވާ އިޒްމިއާ އަށް، ފުލުހުންގެ ތެރޭގައި އަންހެނުންނަށް އޮތް ހަނި ދައުރު އެންމެ ފުރަތަމަ ތަމްރީނާ ހިސާބުން ވެސް ފާހަގަވި އެވެ.

"މުޅި މުޖުތަމައުގައި ވެސް އޮންނަ ވިސްނުމަކީ 'އަންހެނަކަށް ވީމަ' މިވެނި ކަމެއް ނުވާނެއޭ. އަންހެނެއްގެ ވެސް ހުރި ކުޅަދާނަކަމާއި ގާބިލްކަމާއި އޭނާގެ ރެކޯޑަކަށް ނުއެއް ބަލާ،" އިޒްމިއާ ބުންޏެވެ.

"އަޅުގަނޑު ޕޮލިހަށް ވަން އިރު އައިއޯއިންގެ ގޮތުގައި މަސައްކަތްކުރި މަދު އަންހެނަކު ފިޔަވައި އެހެން ހުރިހާ އަންހެނުން ކުރަނީ ހަމައެކަނި އިދާރީ މަސައްކަތް. އޭގެ އަހަރުތަކެއް ކުރިން ބައެއް އަންހެނުން ޕޮލިސް ސްޓޭޝަންގެ އިންޗާޖުކަން ކުރި ވާހަކަ އަޑުއެހިން. އެކަމަކު އަޅުގަނޑު ޕޮލިހަށް ވަން އިރު ފްރަންޓްލައިންގައި ހަރަކާތްތެރިކޮށް އަންހެނުން އުޅޭ ތަނެއް ނުފެނޭ. އަންހެނުންނަށް އޮންނަ މަސައްކަތްތަކާއި ފުރުސަތުތައް ވަރަށް ހަނިކަން ފާހަގަކުރެވުނު. ވަކި ކަހަލަ މަސައްކަތްތައް، އަންހެނަކަށް ވީތީ، ނުކުރެވޭނެއޭ ކިޔާފައި ހަމަ ކުރިޔަ ނުދޭ."

ފިރިހެނުންނާއި އަންހެނުން އެއް ތަމްރީންތަކެއްގައި ބައިވެރިކޮށްފައި ފުރުސަތުތައް ދިނުމުގައި ދެ ޖިންސު ތަފާތުކުރުމަކީ އިޒްމިއާ އަށް ބަލައިގަނެވުނު ކަމަކަށް ނުވި އެވެ. އެކަހަލަ ކިތަންމެ ތަޖުރިބާތަކަކާ ކުރިމަތިލާން ޖެހުނެވެ. ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ފިރިހެން ފުލުހުން މަގުމައްޗަށް ނެރޭ އިރު އަންހެން މުވައްޒަފުން ޕޮލިސް ސްޓޭޝަން ތެރެ ކުނިކަހައި ސާފުކުރަން ބޭތިއްބުމަކީ އޭގެ އެއް މިސާލެވެ.

"ޕަބްލިކް އޯޑާ ހާލަތްތަކެއް އައްޑޫގައި އައި އިރު މި ވީ ގޮތަކީ އެންމެން ގިއަރު އަޅުވާފައި ތައްޔާރުކޮށްފައި، މި ނެރެނީ ހަމައެކަނި ފިރިހެން މުވައްޒަފުން. ގިއަރު އެޅުވީމަ އަޅުގަނޑު ނުލާހިކު އުފަލުން ހުއްޓާ މި ބުނަނީ ގޮސް ގޯތި ތެރެ ކުނިކަހާށޭ. ހަމަ މުޅިން ހަވާލުކުރަނީ ކުނި ކެހުން ނުވަތަ ކޮންމެވެސް ތަނެއް ސާފުކުރުން ކަހަލަ އާދައިގެ ކުދިކުދި ކަންކަން،" 2006ގެ ތަޖުރިބާއެއް ހިއްސާކުރަމުން އިޒްމިއާ ކިޔައިދިނެވެ.

"ޕޮލިހަށް ވަނުމުގެ ކުރިން ވެސް ކުނި ކަހަން ޖެހޭ. ޕޮލިހަށް ވަދެފައި ތަފާތަކީ ގިއަރު އަޅުވައިގެން ކުނި ކަހަން ފުރުސަތު ލިބުން."

އިޒްމިއާ ދެކޭ ގޮތުގައި ތަމްރީންގައި ދަސްކުރާ އެއްޗެއްގެ ބޭނުން ހިފުމުގެ ފުރުސަތު ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ވެސް ދޭން ޖެހެ އެވެ. އެ ހަމަހަމަކަން ނިގުޅައިގަތުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ.

"ޕަބްލިކް އޯޑާ ސިޗުއޭޝަންތަކަށް އަލަށް ނެރޭ އިރު އަދި ގަޔާ ދިމާއަށް ގަލާއި އަލިފާން އުކާ އިރު ކޮންމެ މީހަކު ވެސް ބިރުގަންނާނެ. އެއީ ވަކި އަންހެނަކަށް ވެގެން ގަންނަ ބިރެއް ނޫން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި،" އިޒްމިއާ ބުންޏެވެ.

"މި ކަހަލަ ހާލަތްތަކުގައި ވެސް އަންހެނުން ނެރުނީމަ ޕްރެކްޓިސް ލިބޭނީ. ފީލްޑަށް ނެރެންވާނެ. އެއީ ޗޮއިސްއެއް އޮތް ކަމެއް ވެއްޖެއްޔާ، އަމިއްލަ އަށް ގޮތެއް ނިންމަން އަންހެނުންގެ އަތްމައްޗަށް ދޫކޮށްލަންވީ. އޭގެ ބަދަލުގައި، ނޫނެކޭ، ނުދެވޭނެއޭ، އެތެރޭގައި ކުނި ކަހަން ހުންނާށޭ ބުނީމަ ކަމަކު ނުދޭ. އަޅުގަނޑަށް އެ ޗޮއިސް ދީފިއްޔާ އަޅުގަނޑު ހުންނާނީ ކުނި ކަހާކަށް ނޫން."

ތަފާތުކުރުންތަކަށް ނޫނެކޭ ބުނެ އަޑުއުފުލައި ފުރުސަތުތައް ހޯދަން ކުރި މަސައްކަތުގައި ފިރިހެނުންނާއި އަންހެނުންގެ ފަރާތުން ވެސް އިޒްމިއާ އަށް ގިނަ ހުރަސްތަކެއް ކުރިމަތިވި އެވެ. ބައެއް ފަހަރު "ޖެއްސުންކުރުމުގެ ވިސްނުމުގައި" ހަވާލުކުރާ ބުރަ މަސައްކަތްތައް ކުރަން ޖެހުނެވެ. ދެބަސްވުންތައް އުފެދި އެހެން މީހުންގެ ނަފްރަތު އޭނާ އަށް އަމާޒުވި އެވެ. އަންހެނަކަށް ވީތީ އޭނާގެ ދަށުން މަސައްކަތްކުރަން ބޭނުން ނުވާ މުވައްޒަފުންނާ ކުރިމަތިލާން ޖެހުނެވެ. އެ ކަންކަން ތަހައްމަލްކޮށްލައިގެން ހުންނާކަށް އިޒްމިއާ ބޭނުމެއް ނުވި އެވެ.

"އެކި ފޯރަމްތަކުގައި އަޑުއުފުލައިގެން ފުރުސަތު ދޭށޭ ކިޔައިގެން ފުރުސަތުތައް ހޯދައިގެން، އަންހެނުންނަށް ވެސް މަސައްކަތްކުރެވޭނެކަން ދައްކައިދެވޭތޯ ބެލީ،" ސީނާ އަހުމަދު ޒާހިރުގެ ދަރިފުޅު އިޒްމިއާ ބުންޏެވެ.

"މިސާލަކަށް އެޑްމިނިސްޓްރެޓިވް މަސައްކަތެއް ނޫން މަސައްކަތެއް ކުރަން ބޭނުމިއްޔާ އެކަމަށް ފައިޓެއް ދީގެން އޭތި ހޯދަން ޖެހެނީ. އަންހެނުންނަށް ވެސް ވާނެއޭ ބުނީމަ ޗެލެންޖުކުރަން ވެސް މަސައްކަތް ދޭ ފަހަރު އާދޭ. އަނެއްބައި ފަހަރު ލިބޭ ފުރުސަތެއްގެ ބޭނުން ހިފައިގެން ކުރެވޭނެކަން ދައްކަނީ."

އެއީ މާޒީ އެވެ. އިޒްމިއާ ފާހަގަކުރާ ގޮތުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތައް ދިނުމުގައި ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑުތަން ކުރިއަށް ޖެހިލައިފި އެވެ. މިހާރު އޭނާ އަށް ފެންނަނީ ޖުމްލަކޮށް އެންމެންގެ ވެސް ވިސްނުމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ މަންޒަރެވެ. ވޭތުވެދިޔަ އަހަރުތަކުގައި "ވަރަށް ގިނަ ކަންކަން ވަރަށް ރަނގަޅު" ވެފައިވާ ކަން އިޒްމިއާ އަށް ވަނީ ތަޖުރިބާކުރެވިފަ އެވެ.

"އޭރު، މިސާލަކަށް އެންމެ ފުޓްސަލް ޓީމެއް އެކުލަވާލުން ވެސް އެއީ އެހާ އުނދަގޫ ކަމެއް. ބައެއް އަންހެން މުވައްޒަފުންގެ ފިރިން މަންމައިން ނުވަތަ އާއިލާގެ އެހެން މީހަކު ހުރަސް އަޅާތީ ބައެއް މީހުންނަށް މުބާރާތްތަކުގައި ނުކުޅެވޭ. އެކަމަކު މިހާރު އަންހެނުންގެ ބައިވެރިވުން ބޮޑުވެގެން ގޮސް، އަންހެނުންގެ ވަކި މުބާރާތްތައް އެބައޮވޭ، ބަށި ވޮލީ، ފުޓްސަލް ކަހަލަ ކުޅިވަރުތަކުން،" އިޒްމިއާ ބުންޏެވެ.

"މިހާރު ޓްރެއިނިންގައި ވެސް، އަޅުގަނޑުމެން ވަން އިރު އެ ދިމާވި ކަހަލަ ކަންތައްތަކެއް ނާދޭ. މިހާރު އަންހެނުން ފީލްޑަށް ނެރެފައި، އަންހެނުން ފީލްޑްގައި އުޅެން ވަރަށް ބޮޑަށް ހިތްވަރު ވެސް ދޭ. ޕްރޮބޭޝަންގައި ވެސް އަންހެނުން ފަޅުވެރިންނާއި ކައްޕިންނަށް ވެސް އެބަ ލާ. އަޅުގަނޑު ސްކޮލަޝިޕް ބޯޑުގައި އިން އިރު ވެސް ފެނުނު، ފިރިހެނުން އަމިއްލަ އަށް އިސްނަގައިން އަންހެނުންނަށް ކޯޓާއެއް ހަމަޖައްސައިގެން ވެސް އަންހެނުން މައްޗަށް ގެނެވޭތޯ ބެލި ތަން."

އުމުރުން 28 އަހަރުގައި ޑިވިޝަން ކޮމާންޑަރުކަން ގަބޫލުކޮށް އުތުރަށް ދާން އިޒްމިއާ ދަތުރުހެދީ އަންހެނަކަށް ވިޔަސް ގާބިލްކަން ހުރިކަން ދައްކައިދެވޭ ކަހަލަ ފުރުސަތެއް ލިބުމުން އޭގެ ބޭނުންހިފުމުގެ ވިސްނުމުގަ އެވެ. މީހުން ދިރިއުޅޭ 45 ރަށް އޮތް ނ، ރ، ބ، އަދި ޅ އަތޮޅުގެ ޕޮލިސް ސްޓޭޝަންތައް ހިންގުމާއި އެ ސަރަހައްދުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ 2012 އިން 2014 އަށް އިޒްމިއާ އުފުލީ 10 ވަރަކަށް އަންހެން ފުލުހުންނާއި 100 އަށް ވުރެ ގިނަ ފިރިހެން ފުލުހުންގެ އިސް ވެރިޔަކަށް ހުރެގެންނެވެ. ސީދާ އޭނާ އަށް އޮތް ގޮންޖެހުމުގެ އިތުރުން ޖުމްލަކޮށް ފުލުހުންގެ މުއައްސަސާ އަށް ކުރިމަތިވެފައި އޮތް ގޮންޖެހުމާ ވެސް ކުރިމަތިލާން ޖެހުނެވެ.

"ހަތެއް ފެބްރުއަރީގެ ފަހުން ފުލުހުން ދެކެ މީހުން ވަރަށް ރުޅި އައިސް ތިބީ. އޭރު، ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް އަޅުގަނޑުމެންގެ ޑިވިޝަނަށް މުޅިން ވެސް ލިބެނީ ނެގެޓިވް ޕަބްލިސިޓީ، ކޮންމެވެސް ސަބަބަކާ ހެދި. އެކަމަކު އޭރު ވަރަށް ބައިވަރު ރަނގަޅު ކަންތައްތައް ކުރެވުނު،" އިޒްމިއާ ކިޔައިދިނެވެ.

"އެއްފަހަރު އަޅުގަނޑުމެން، ތޫފާނެއްގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރިން. ތޭރަ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކުރިން. ކަނޑުއަޑީގައި ޑްރަގް އޮޕަރޭޝަންތައް ހިންގައިގެން ޑްރަގް މައްސަލަތައް ކާމިޔާބުކުރިން. ބައެއް އެހެން ކޮމާންޑަރުންނަށް ވެސް އެ މައްސަލަ [ފާޑުކިޔުން] ދިމާވި. އެކަމަކު އެހާ އުނދަގޫ ދުވަސްކޮޅަކަށް ވިޔަސް، އިރާދަކުރެއްވިއްޔާ ހިންގި ހުރިހާ އޮޕަރޭޝަންތަކެއްގައި ވެސް އަޅުގަނޑަށް ބަރާބަރަށް ކޮމާންޑް އެންޑް ކޮންޓްރޯލް މެއިންޓެއިން ކުރެވުނު."

ޑިވިޝަން ކޮމާންޑަރުގެ ގޮތުގައި އިޒްމިއާ އޭނާގެ ދައުރު ބިނާކުރީ ވަރަށް މުހިއްމު ގަބޫލުކުރުމެއްގެ މައްޗަށެވެ. އެއީ، އާއްމުންނަށް ރަނގަޅު ޚިދުމަތެއް ދެވޭނީ ވަކިވަކި ފުލުހުންގެ އަމިއްލަ ހާލަތު ރަނގަޅުވެގެން ކަމެވެ. އެހެންވެ، މުވައްޒަފުންގެ ހިތްހަމަޖެހުމަށް ބޮޑު ސަމާލުކަމެއް ދޭން އޭނާ އިސްކަންދިނެވެ. އަދި އެ މީހުންގެ ރައްކާތެރިކަމަށާއި ގާބިލްކަމަށް "ޕަބްލިކް އޯޑާ" ތަމްރީން ވެސް ހެއްދުވި އެވެ.

"އަޅުގަނޑަކީ އަންހެން ކޮމާންޑަރެއް ވީމަ، އަންހެނަކު ހުރީމަ ކަމެއް ނުވާނެއޭ، ފަސޭހަވާނެއޭ ހިތަށް އަރައިގެން އާއްމުންގެ ތެރެއިން ބައެއް މީހުން އޭގެ ފައިދާ ނަގާފާނެތީ، އެއްކޮޅުން މުވައްޒަފުންގެ އަމިއްލަ ރައްކާތެރިކަމަށް އަދި އަނެއްކޮޅުން އެކަހަލަ ހާލަތަކަށް އެ މީހުން ތައްޔާރުކުރުމުގެ ގޮތުން، އޭރުގެ އެޓޯލް ކޮމާންޑަރުންގެ އެހީތެރިކަމާ އެކު، ޕަބްލިކް އޯޑަ ޓްރެއިންޑް ބަޔަކަށް މުވައްޒަފުން ހެދީ. އެހެންވީމަ، ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބި އެންމެ ގިނަ ފުލުހުން އޭރު ތިބޭނީ އަޅުގަނޑުމެންގެ ޑިވިޝަންގައި،" އިޒްމިއާ ބުންޏެވެ.

އިޒްމިއާ ޑިވިޝަން ކޮމާންޑަރަކަށް އުޅުނު ދުވަސްވަރު ބައްދަލުވުމެއްގައި.

އިޒްމިއާ ޑިވިޝަން ކޮމާންޑަރަކަށް އުޅުނު ދުވަސްވަރު ބައްދަލުވުމެއްގައި.

ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި ފެނުނު ފުރަތަމަ އަންހެން އޮފިސަރަށް ވުމުން މީހުން އޭނާއާ މެދު ދުށް ގޮތް މުޅިން ތަފާތެވެ.

"އޭރު އެންމެން ހޭނިފައި ތިބީ ފިރިހެނުންނަށް. އަންހެނެއް ވީމަ ވަގުތުން ލޭބަލްކޮށްލާނެ، ނުވާނެއޭ އެއް ކަމެއް ވެސް، ގާބިލްކަމެއް ނުހުންނާނެއޭ. އަދި ސެކްޝުއަލް އޮބްޖެކްޓިފިކޭޝަން ވެސް ވަރަށް ބޮޑުކަން އޭރު އިހުސާސްވި. އަންހެނެއް ވެއްޖެއްޔާ ކޮންމެވެސް އެހެން ކަހަލަ ކޮމެންޓްތަކެއް އަންނާނީ. ފިރިހެނެއް ވެއްޖެއްޔާ ވާހަކަ ހުންނާނީ ތަފާތުކޮށް،" އޭނާ ބުންޏެވެ.

އެކަމަކު އިޒްމިއާގެ އެ ޒިންމާއަކީ މުޅިއަކުން ހިތި ތަޖުރިބާއެއް ނޫނެވެ. އެ ހިސާބުގެ ބައެއް މީހުން އޭގެ ކުރިން ދުވަހަކު ވެސް އަންހެން ފުލުހަކު ހަމަ ލޮލުން ދެކެފައި ނުވާ އިރު، ލޯތްބާއި ތައުރީފް ވެސް އިޒްމިއާ އަށް ލިބުނެވެ. އަދި ބައެއް ފަހަރު، ހިނި އަންނަ ކަހަލަ ކަންތައްތަކާ ވެސް ދިމާވި އެވެ. އިޒްމިއާ ސިފަކުރި ގޮތުގައި ޑިވިޝަން ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރި ދެ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ޝައުގުވެރި ދުވަސްތަކެވެ.

"އޭދަފުއްޓަށް ގޮސް ހުރި އިރު ފިހާރައެއް ތެރޭގައި ހުރި އަންހެނެއް ވަރަށް އެކްސައިޓްވެފައި އަޅުގަނޑު ގާތު ބުނަނީ މިހާރު ފުލުހުންގެ ކޮމާންޑަރަކީ ވެސް އަންހެނެއް ދޯއޭ، އެއީ ކާކުކަން އެނގޭހޭ. ބުނީމަ އަޅުގަނޑު ހީލާފައި ބުނިން އެއީ އަޅުގަނޑޭ،" އެ ދުވަސްވަރުގެ ބައެއް ފޮނި ހަނދާންތައް އާކުރަމުން އިޒްމިއާ ބުންޏެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނު، އަންހެން ކޮމާންޑަރެއް އައިމަ މުޖުތަމައުގައި ބައެއް އަންހެނުން ވަރަށް އުފަލުން އުޅުނު. ސްކޫލް ކުދިން ވެސް އުފަލުން އުޅުނު. ބައެއް ކަހަލަ ސްކޫލް ފޯރަމްތަކުގައި ވެސް އެ ވާހަކަ ދެއްކި. ރ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި އޭރު އަންހެން ފުލުހުންނެއް ނޫޅޭ. އެ އަތޮޅަށް ދިޔަ އިރު ބައެއް އަންހެނުންނާއި ކުޑަކުދިން އަޅުގަނޑު ހުއްޓުވައިގެން އެކުގައި ފޮޓޯ ނަގައި ވެސް ހެދި."

ބައެއް މީހުންނަށް ފުލުހުންގެ ތެރެއިން އަންހެނަކު ފެނުން އާ ކަމަކަށް ވީލެއް ބޮޑުކަމުން މަޖާ ކަންތައްތަކާ ވެސް ދިމާވި އެވެ.

"އެހެން [ފިރިހެން] ފުލުހުންނާ އެކީގައި އަޅުގަނޑު އާދައިގެ ހެދުމުގައި ރަށު ތެރެ ބަލައިލަން ވެހިކަލްގައި ހިނގައްޖެއްޔާ މީހުން ޕޮލިސް ސްޓޭޝަނަށް ޝަކުވާ ހުށަހަޅާނެ، ފުލުހުން އަންހެންކުއްޖެއް އަރުވައިގެން ދުއްވަނީއޭ ކިޔާފައި،" ހެމުންހެމުން އިޒްމިއާ ކިޔައިދިނެވެ.

"އަނބުރާ ސްޓޭޝަނަށް ވަންނަ އިރު އެ ތަނުގައި ތިބޭ މުވައްޒަފުން ހެވިފައި ބުނާނެ، މޭމްއޭ މީހަކު ގުޅާފައި ޝަކުވާ ހުށަހަޅާފައި އެބައޮތޭ، އެޓޮލް ކޮމާންޑަރު ކޮންމެވެސް އަންހެން ކުއްޖަކު ގޮވައިގެން ރަށު ތެރޭގައި ޕޮލިސް ވެހިކަލް ދުއްވާތީ."

އޮސްޓްރޭލިއާގައި ދާދި ފަހުން "ޕީސް އެންޑް ކޮންފްލިކްޓް ސްޓަޑީޒް" އިން މާސްޓާސް ޑިގްރީ ހާސިލްކުރުމަށް ފަހު މިހާރު ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒްގެ އިސް މަގާމެއްގައި ހުރި އިޒްމިއާ ކުރިން ހަދަން ބޭނުންވި ކުށްވެރިންގެ ދިރާސާ އަށް މިހާރު މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ. އޭނާ ސަމާލުކަން ދެނީ އެ ވަގުތަކު އަދާކުރާ ދައުރެއްގެ ޒިންމާތައް އެންމެ ފުރިހަމަ އަށް އުފުލުމަށެވެ. ފުލުހެއްގެ ގޮތުގައި އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއް މުއައްސަސާއެއްގެ ތެރޭގައި މުޅިން ތަފާތު އެކި މަސައްކަތްތައް ކުރުމަށް އޮތް ފުރުސަތެވެ. އަދި އެއީ ކޮންމެ މީހަކަށް ވެސް ފުލުހަކަށް ވެވިދާނެ ކަމުގެ ހެއްކެއް ކަމަށް އޭނާ ދެކެ އެވެ.

އިޒްމިއާގެ އަމިއްލަ ތަޖުރިބާތައް ބައެއް ފަހަރު ހިތިވެފައި އަނެއްބައި ފަހަރު ފޮންޏެވެ. އެކަމަކު ދުލެއް ނުދީ، އޭނާ ގަބޫލުކުރާ އުސޫލުތަކުގައި ހިފަހައްޓައިގެން ކުރި މަސައްކަތުގެ ނަތީޖާއަކީ ކާމިޔާބީ އެވެ.

"ވަރަށް ހިތް ހަލާކުވާ ކަހަލަ ކަންތައްތައް ދިމާވި. ވަރަށް މީހާ ޑައުންވާ ފަހަރު ވެސް އައި. ވަރަށް ބައިވަރު މީހުންތަކެއް ގޮސް ދިމާކޮށްލަފާނެ، ބުލީކޮށްފާނެ. އެ ހުރިހާ ކަމަކާ ކުރިމަތިލައި ހުއްޓާނުލާ މަސައްކަތްކުރީ. ފެއިލް ވިޔަސް ހަމަ މަސައްކަތްކުރަނީ. އެހެން ދަމުން ގޮސް އިރާދަކުރެއްވިޔާ ކާމިޔާބު ވަނީ،" އިޒްމިއާ ބުންޏެވެ.

އަންހެން ފުލުހުންނަށް ހައްގު މަގާމް ލިބުމުގައި ވަރަށް ދުރަށް އާދެވިފައިވާ ކަމަށް އިޒްމިއާ ދެކެ އެވެ. އެ ދަތުރުގެ އަޑިގުޑަންތަކުން އޭނާ ސަލާމަތްކޮށްދީ މި ހިސާބަށް ގެނެސްދިނީ، އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް، އަޒުމާއި ހިތްވަރެވެ.