Roadha Mihaaru
އެފްއޭ ކަޕުގެ އެކުވެރިޔާއާ ދެކޮޅަށް ޓީސީ ނުކުންނަނީ

އެފްއޭ ކަޕުގެ އެކުވެރިޔާއާ ދެކޮޅަށް ޓީސީ ނުކުންނަނީ

06 ނޮވެމްބަރ 2016

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް ނުކުންނާނީ ސެމީ ފައިނަލުގައި އަލަށް ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް ނުކުންނާނީ ސެމީ ފައިނަލުގައި އަލަށް ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މުބާރާތުގެ ތާރީހަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް ކުރި ލިބެނީ ނިއު އަށެވެ. އެފްއޭ ކަޕް 11 ފަހަރު ހާސިލްކޮށްފައިވާ ނިއު އަކީ މުބާރާތާ އެންމެ ރަށްޓެހި ޓީމުގެ ގޮތުގައި އަބަދުވެސް ލޭބަލްކުރެވިފައިވާ ޓީމެވެ. އެކަމަކު މި ވަގުތު ފެންވަރަށް ބަލާއިރު ޓީސީ އަށް އެޑްވާންޓޭޖް ބޮޑެވެ. މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ޓީސީ އަކީ މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށެވެ. ނިއު އަކީ ފަސް ވަނަ އެވެ.

ނިއު އާއި ޓީސީ ލީގުގައި ތިން ފަހަރު ބައްދަލުކޮށްފައިވާއިރު ޓީސީ ދެ މެޗުން މޮޅުވެ އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ފުރަތަމަ ބުރުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ދެ ވަނަ ބުރުގެ މެޗު ޓީސީ ކާމިޔާބުކުރީ 3-0 އިންނެވެ. އަދި ފަހު ބުރުގައި ޓީސީ މޮޅުވީ 2-0 އިންނެވެ. މިދިޔަ ސީޒަނުގައި ލީގަށް އެންމެ ބޮޑަށް ވާދަކުރި ދެ ޓީމުގެ ކުރިމަތިލުން މިރޭ ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

އެފްއޭ ކަޕުގައި މީގެ ކުރިން ވާދަކުރި ހަމައެކަނި ފަހަރު ކަމަށްވާ 2014 ވަނަ އަހަރު ކުއާޓާ ފައިނަލުން ކެޓި ޓީސީ އަށް މުބާރާތުގައި ކާމިޔާބެއް ލިބިފައި ނެތަސް އެ ޓީމުގައި މުބާރާތާ ރަށްޓެހި ކުޅުންތެރިން ގިނަ އެވެ.

ޓީސީގެ ސެންޓޭ ނިއު ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ސެންޓޭ ނިއު ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ސީޒަނުގައި ޓީސީގެ ކާމިޔާބީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަކީ ނިއު އިން 2013 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން ޓީސީގެ ގޯލްކީޕަރު މުހައްމަދު އިމްރާން މާޒިޔާއާ އެކު 2012 އަދި 2014 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރިއިރު ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ ނިއު އިން 2007 ގެ އެފްއޭ ކަޕް މިލްކުކުރިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ވެލެންސިއާއާ އެކު 1999 ވަނަ އަހަރު މުބާރާތް އުފުލާލައިފަ އެވެ.

އެފްއޭއެމްގެ މެމްބަރު ކްލަބްތަކަށް 1988 ވަނަ އަހަރު ތައާރަފްކުރި މުބާރާތް މިހާތަނަށް 27 ފަހަރު ބާއްވާފައިވާއިރު ނިއު ވަނީ 11 ފަހަރު ކާމިޔާބުކޮށްފަ އެވެ. މުބާރާތް މިލްކުކުރި ހަމައެކަނި ޓީމުގެ ޝަރަފް ހޯދާފައިވާ ނިއު އިން މުބާރާތުގެ ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދީ 1996، 1998، 1999 އަދި 2005، 2006 އަދި 2007 ގަ އެވެ. ނިއުގެ ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އަކީ އެ ޓީމުން 2001 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އިރު ޓީމުގެ ސީނިއާ ކުޅުންތެރިއެކެވެ.

ޕެނަލްޓީ ޖަހައިގެން ބީޖީ ސްޕޯޓްސް ބަލިކޮށް ނިއު ސެމީ ފައިނަލުން ޖާގަ ހޯދިއިރު ޓީސީ ސެމީން ފުރުސަތު ހޯދީ ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެގެންނެވެ. ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުން ޖާގަ ލިބޭ މި މުބާރާތުގެ ސެމީގެ ދެ ވަނަ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ މުބާރާތް އެންމެ ފުރަތަމަ ކާމިޔަބުކުރި ޓީމު ކަމަށްވާ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.

ގައުމީ ފުޓްބޯޅަ ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ މިރޭ 9 ޖަހާއިރެވެ.