Roadha Mihaaru
ނިއު ބަލިކޮށް ޓީސީ ފުރަތަމަ ފަހަރަށް ފައިނަލަށް

ނިއު ރޭޑިއަންޓް ބަލިކޮށް ޓީސީ ފުރަތަމަ ފަހަރަށް ފައިނަލަށް

07 ނޮވެމްބަރ 2016

އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުން ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ފަހަރަށް މިރޭ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުން ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ފަހަރަށް މިރޭ ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލުގައި އަންނަ ހުކުރު ދުވަހުގެރޭ ޓީސީ ބައްދަލުކުރާނީ ދެ ވަނަ ސެމީ ފައިނަލުގައި މާދަމާރޭ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅެ މޮޅުވާ ޓީމަކާ އެވެ. ޓީސީ ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގެ ފައިނަލަކުން ޖާގަ ހޯދީ އެ ޓީމު މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދައިދިން ކޯޗު މުހައްމަދު ނިޒާމުގެ އިރުޝާދުގެ ދަށުންނެވެ.

ނިއުގެ ދެ ކުޅުންތެރިޔަކަށް ރަތްކާޑު ދެއްކި މި މެޗުގައި، އެ ޓީމުން ނުރައްކާކުރި ނަމަވެސް ޖުމްލަކޮށް މުޅި މެޗު ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދެއްކީ ޓީސީ އެވެ. އެ ޓީމަށް 31 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ ފާސިރު (ސެންޓޭ) އެވެ. ކޯނަރަކުން ނިއު އިން އުފެއްދި އެޓޭކަށް ރޫޅާލައި، ޓީސީން ކައުންޓާ އެޓޭކުގައި ކުރިއަށް ޖެހި އޭރިއާ ބޭރުން ސެންޓޭ އަށް ލިބުނު ބޯޅަ އޭނާ ވައްދާލީ ނިއުގެ ގޯލްކީޕަރު ޖުން ކޮޗީގެ ބޯ މަތިންނެވެ.

ނިއުގެ ސާމިރު (ކ) އަތުން ބޯޅަ ހޯދުމަށް ޓީސީގެ ނިޒާމް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ ސާމިރު (ކ) އަތުން ބޯޅަ ހޯދުމަށް ޓީސީގެ ނިޒާމް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ގޯލުގެ ކުރިން ދެ ޓީމަށް ވެސް ލީޑު ނަގަން ރަނގަޅު ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ. އެގޮތުން 14 ވަނަ މިނެޓުގައި ޓީސީގެ އަހުމަދު ނިޒާމް އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) ގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ނުވަނީ ކިރިޔާ އެވެ. އޭގެ މިނެޓެއް ފަހުން ނިއުގެ އަހުމަދު ސުހެއިލް (ބަމްޕުޗް) ކައުންޓާގައި ފޮނުވާލި ހަމަލާ ޓީސީގެ ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކުރި އެވެ. އަދި ޓީސީގެ ޝަމްވީލް ގާސިމް (ބޮންޑާ) އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލަށް ޖަހަޖަހާ އޮއްވާ ނިއުގެ ކީޕަރު ވަނީ އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެންޓޭ އަށް ތަފާތު ބޮޑުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނާ ނިއުގެ ކީޕަރު ބޯމަތިން ފޮނުވާލި ބޯޅަ ޖެހުނީ ގޯލުގެ ދަނޑީގެ ކަނުގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނު ބޯޅަ އޭނާ ޖެހުމުން ވެސް ހުރަހަކަށްވީ ގޯލް ދަނޑި އެވެ. ނިއު އަށް މައްސަލަތަކެއް ދިމާވީ 54 ވަނަ މިނެޓުގައި އެ ޓީމުގެ އިއްޒަތު އަބްދުލްބާރީ އަށް ރެފްރީ މުހައްމަދު ޖާވިޒް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުންނެވެ. ބެލެވޭ ގޮތުގައި އިއްޒަތަށް ދަނޑުން ފޮނުވާލީ ރެފްރީއާ ދިމާލަށް ހުތުރު އިބާރާތެއް ބޭނުންކުރުމުންނެވެ.

އޭގެ ފަހުން ސަޕޯޓަރަކު އެއްލި ބޯޅައަކުން އެސިސްޓަންޓް ރެފްރީ ގައިގައި ޖެހުމުން ރެފްރީ ވަނީ އިރުކޮޅަކަށް ކުޅުން މެދުކަނޑާލައިފަ އެވެ.

ޓީސީގެ ރިލްވާން (ކ) އަތުން ބޯޅަ ހޯދުމަށް ނިއުގެ މާޒިން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ރިލްވާން (ކ) އަތުން ބޯޅަ ހޯދުމަށް ނިއުގެ މާޒިން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ އެކަކު މަދުވި ނަމަވެސް، ޓީސީން ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހުމުގެ ނަތީޖާއަކަށްވީ ނިއު އަށް މެޗުގެ ކޮންޓްރޯލް ލިބުމެވެ. އަދި ނިއު އިން ކުރިއަށް ޖެހި ޓީސީ އަށް ނުރައްކާކުރިން ފެށި އެވެ. އެކަމަކު ކައުންޓާ އެޓޭކެއްގައި ޓީސީން 79 ވަނަ މިނެޓުގައި ވައްދާލި ލަނޑާ އެކު އެ ޓީމަށް އަނެއްކާ ވެސް ކޮންޓްރޯލް ލިބުނެވެ. މި ގޯލް ޖެހީ ޓީސީގެ ޔޫތު ޓީމުގެ ކެޕްޓަން އިބްރާހިމް ވަހީދު ހަސަނެވެ.

ނިއުގެ އިތުރު ކުޅުންތެރިޔަކު މަދުވީ 84 ވަނަ މިނެޓުގައި ކެޕްޓަން ހޮކޭ އަށް ދެއްކި ރަތްކާޑުގެ ސަބަބުންނެވެ. އޭނާ އަށް ރެފްރީ ޖާވިޒް ކާޑު ދެއްކީ، ޓީސީގެ ކުޅުންތެރިން ލަސްކުރަން އުޅޭކަމަށް ބުނެ ޝަކުވާކުރިއިރު ހުތުރު ބަހެއް ބޭނުންކުރުމުންނެވެ.

ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ކައުންޓާ އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތެއްގައި 89 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) އެވެ. އޭރު ޓީސީގެ ސެންޓޭ އޮތީ އަނިޔާވެގެން ދަނޑު މައްޗަށް ވެއްޓިފަ އެވެ. އޭނާ އަށް ނޭވާލާން އުނދަގޫވާތީ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މެޗަށް ފަހު ނިއުގެ ކުޅުންތެރިން ރެފްރީ ވަށާލިއިރު، ރުޅިވެރިކަމާ އެކު ރެފްރީއާ ދިމާލަށް ދިޔަ ނިއުގެ އޮފިޝަލަކު ހުއްޓުވީ ފުލުހުންނެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ވިކްޓަރީ އަތުން ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިވި މެޗުގައި ވެސް ރެފްރީ ޖާވިޒަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އެ މެޗުގައި، މާޒިޔާގެ މުހައްމަދު އުމެއިރަށް ރެފްރީ ރަތްކާޑު ދެއްކީ، އޭނާ ރެފްރީއާ ދިމާލަށް އެއްޗެކޭ ބުނި ކަމަށް ބަލައިފަ އެވެ. އެކަމަކު އުމެއިރު ހިތްހަމަނުޖެހުން ފާޅުކުރީ ޔުުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔަކާ ދިމާލަށެވެ.