Roadha Mihaaru
މަހުގެ އެކްސްޕޯޓާއި އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށަށް

މަހުގެ އެކްސްޕޯޓާއި އާމްދަނީ ވެސް ވަރަށް ބޮަޑަށް ދަށަށް

07 ޑިސެމްބަރ 2017

މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އިން މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރި މިންވަރާއި ލިބުނު އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އިން މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރި މިންވަރާއި ލިބުނު އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު މަސް އެކްސްޕޯޓްކުރި މިންވަރު 38 ޕަސެންޓް ދަށްވި އިރު މަހުން ލިބުނު އާމްދަނީ 18 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އަދި މަހުން ލިބުނު އާމްދަނީ ދަށްވެފައި ވަނީ ފިނިކުރި ކަންނެއްޔާއި ފިނިކުރި ކަޅުބިލަމަސް އެކްސްޕޯޓްކުރި މިންވަރު ދަށްވުމުން ކަމަށް އެ ރިވިއުގައި ބުނެފައިވެ އެވެ.

އެމްއެމްއޭގެ ރިވިއުގައި ބުނެފައި ވަނީ ފިނިކުރި މަސް އެކްސްޕޯޓްކުރި މިންވަރު ދަށްވި ނަމަވެސް ދަޅުގައި ބަންދުކުރި މަސް އެކްސްޕޯޓްކުރި މިންވަރާއި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.

އިގްތިސާދީ ރިވިއުގައި ބުނެފައި ވަނީ އަހަރުން އަހަރަށް ބަލާއިރު އެކްސްޕޯޓްކުރި މިންވަރާއި ލިބުނު އާމްދަނީ ދަށްވި ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އެކްސްޕޯޓްކުރި މިންވަރު 88 ޕަސެންޓް އިތުރުވި ކަމަށެވެ. އަދި އާމްދަނީ ވެސް 80 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެ ރިވިއުގައި ބުނެފައިވެ އެވެ.

އެމްއެމްއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު މަހު ރާއްޖޭގެ މަސް ކުންފުނިތަކަށް 5،076.9 ޓަނުގެ މަސް ކިރާފައިވެ އެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 36 ޕަސެންޓް ދަށް އަދަދެކެވެ. އެކަމަކު އެއީ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު 70 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ރިވިއުގައި ބުނެފައިވެ އެވެ.