Roadha Mihaaru
ސަރުކާރުން މަސް ގަތުން ހުއްޓާލަންޖެހޭ: ނަޝީދު

މަސް ގަންނަންވީ ސަރުކާރަކުން ނޫން، އަމިއްލަ ކުންފުނިތަކުން: ނަޝީދު

24 ނޮވެމްބަރ 2020

ފެލިވަރު ބަންދުކޮށްް، މިފްކޯ އުވާލައި މަހުގެ އުފެއްދުންތަކުގެ ވިޔަފާރި އަމިއްލަ ފަރާތްތަކަށް ދޫކޮށްލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ފެލިވަރު ބަންދުކޮށްް، މިފްކޯ އުވާލައި މަހުގެ އުފެއްދުންތަކުގެ ވިޔަފާރި އަމިއްލަ ފަރާތްތަކަށް ދޫކޮށްލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަސް ނުކިރުމާއި ފައިސާ ނުލިބުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި މެމްބަރެއްގެ ވާހަކަ ނިމި އަނެއް މެމްބަރަށް ފުރުސަތު ދެއްވުމުގެ ކުރިން އެ ގަރާރާ މެދު ނަޝީދު މިއަދު ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި އެވެ. ނަޝީދު ވަނީ ރޯމަހަށް ލިބޭ އަގުތަކާއި ޕްރޮސެސްކޮށްފައި ބޭރުކުރާ މަަހަށް ލިބޭ އަގުތަކުގެ ވާހަކަ ތަފްސީލުކޮށް ދައްކަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ މަސް ޕްރޮސެސްކުރުމުގެ މަސައްކަތް އަމިއްލަ ފަރާތްތަކުން މާ އަވަހަށް ފުޅާކޮށްފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުުގައި ރާއްޖޭގެ އެކި ސަރަހްދުތަކުގައި ހުރި މަސްފިނިކުރާ ތަންތަަން ހިންގަަނީ ބޮޑު ގެއްލުމެއްގައެވެ. އެގޮތަށް ގެއްލުންވަނީ ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން އެތަންތަން ހިންގާތީ އެވެ.

"ދެހާސްް ދިހަވަނަ އަހަރުގައި އަމިއްލަަފަރާތްތަކަށް ކަޅުބިލަމަަސް ގަނެ، ޕްރޮސެސްކޮށް ބޭރުކުރުމުގެ ހުއްދަ ދިނުމުން، މިހާރު ފަންސާސް ޓަނު ޕްރޮސެސްކޮށްފައި އެބަ ބޭރުކުރޭ އަމިއްލަ ކުންފުނިތަކުން. އެ މީހުންގެ ފެކްޓްރީތަކަށް ސަބްސިޑީގެ ގޮތުގައި ފިނޭންސް މިނިސްޓްރީން މަހަކު އެއްފަހަރު މިލިޔަނުން މިލިޔަނުން ރުފިޔާ ފޮނުވައިދޭކަށެއް ނުޖެހޭ. އަބަދުވެސް ފާހަގަވެފައި އޮތީ މިފްކޯ ޖެހޭނީ އުވާލަން ކަމަށް. ފެލިވަރު ޖެހޭނީ ބަންދުކުރާން ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަސްވެރިކަމުން ރާއްޖެއަށް ފައިދާއެއް ލިބެން އޮތީ އެ މަސައްކަތް އާއްމު ވިޔަފާރިވެރިންނަށް ދޫކޮށްލައިގެންކަން އަބަދުވެސް އެނގޭ ކަމަށާއި މިދިޔަ 30 އަހަރުގެ ތެރޭގައި ކޮށްފައިވާ ދިރާސާތަކުން ވެސް ފެންނަން އޮތީ އެގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިދިޔަ އޮގަސްޓްމަހު ވިދާޅުވީ ވޭތުވެދިޔަ އަހަރެއްގެ ތެރޭގައި މިފްކޯ އިން މަސް ގަތް އަގާއި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އަށް ބަލާއިރު އެވެރެޖްކޮށް ކިލޯއަކުން ތިން ރުފިޔާ އާއި ހަތަރު ރުފިޔާއާ ދެމެދުގެ ގެއްލުމެއް ވެފައިވާ ކަމަށެވެ. މަސް ގަތުމަށް ފަހު މަސްވެރިންނަށް ފައިސާ ދޭން ދަތިވުމުގެ އެއް ސަބަބަކީ އޭނާ އޭރު ވިދާޅުވި ގޮތުގައި އެ ކުފުންޏަށް ގެއްލުންވާ އަގުތަކެއްގަައި މަސް ގަތުމެވެ.