07 ޑިސެމްބަރ 2017
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކިތަކެއް ދައުލަތުން ހުށަހަޅައި، ދައުވާލިބޭ މީހުންގެ ދިފާއީ ވަކީލުން ދައުވާއާ މެދު ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފި އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކިތަކެއް ދައުލަތުން ހުށަހަޅައި، ދައުވާލިބޭ މީހުންގެ ދިފާއީ ވަކީލުން ދައުވާއާ މެދު ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފި އެވެ.
އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ގެންގޮސް ކަމަށް ބުނެ ފޮރުވި ކަމަށް ބުނެ، ގަދަކަމުން މީހަކު ފޮރުވުމުގެ ދައުވާ ދައުލަތުން ކުރަނީ ހ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނާއި ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އޭގެ ތެރެއިން ސުއައިދު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާގައިވާ ގޮތުން، ރިލްވާން އެންމެ ފަހުން ފެނުނު ކަމަށް ބުނާ ރޭ އޭނާ ދިރިއުޅުނު ފްލެޓް ކައިރިން ކާރަކަށް ގަދަކަމުން ރިލްވާން އަރުވައިގެން ގެންގޮސްފައި ވަނީ ދައުވާ ލިބޭ ތިން މީހުން ބައިވެރިވެގެންނެވެ.
އެ ދައުވާ ސާބިތުކުރަން 29 ހެއްކެއް ދައުލަތުން ހުށަހެޅިިއިރު، އޭގެ ތެރޭގައި ހިމެނެނީ މީހުންނާއި ފޮރެންސިކް ލިޔުންތަކެވެ. އެގޮތުން ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނު ކަމަށް ބުނާ އަށް މީހަކު ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި އެވެ.
އެ މީހަކު ކާރަށް އަރުވައިގެން ކާރު ދުއްވާލިއިރު ކާރުގެ ފަހަތު ދޮރު ހުޅުވިފައި ހުރި ކަމަށާއި އޭރުގެ ކާރުގެ ފަހަތު ސީޓާ ދިމާލުން މީހަކު އަތް ދިއްކޮށްގެން ހުރި ކަމަށް ބުނާ ހެއްކަކު ވެސް އޭގެ ތެރޭގައި ހުއްޓެވެ. ދައުލަތުން ބުނި ގޮތުގައި އޭގެ ތެރެއިން އެކަކަށް އެ މަންޒަރު ފެނުނު ކަމަށް ބުނަނީ "އޭއި އޭއި" ކިޔާފައި މީހަކު ހަޅޭއްލަވައިގަތް އަޑަށް އެ މީހާ ބެލްކަނީން ނުކުމެ ބޭރު ބެލުމުންނެވެ.
އެ ކާރަށް މީހަކު އަރުވައިގެން ގެންދިއުމުން އާންމުން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން، އެ ސީނަށް ދިޔަ ފުލުހަކު ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅިއިރު، ރަތް ކުލައިގެ ކާރެއް އެރޭ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުން ފެނުނު ކަމަށް ބުނެ ވެސް ދައުލަތުން އެ ފުލުސް މީހާ ހުށަހެޅި އެވެ.
މީގެ އިތުރުން ރިލްވާން ގެއްލުމުގެ ދުވަސްކޮޅެއް ކުރިން އާލިފް ގެންގުޅޭ ރަތް ކުލައިގެ ކާރެއް ހުޅުމާލެ އަށް ގެންދިޔަ ކަމަށާއި އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެ ކާރު މާލެ ގެންދިޔަ ކަމަށް ބުނާ ހަ މީހަކު ވެސް ދައުލަތުން ހުށަހެޅި އެވެ. އަދި ދައުވާ ލިބޭ ނޫރައްދީން އެ ކާރު ހުޅުމާލޭގައި ދުއްވި ކަމަށް ބުނާ މީހަކު ވެސް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އެވެ. އަދި ނޫރުއްދީންގެ އެދުމުގެ މަތިން އޭރު ހުޅުމާލެއަށް އެ ކާރު ގެންދިޔަ ކަމަށް އާލިފާއި ނޫރައްދީން ތަހުގީގަށް ދިން ބަޔާން ވެސް ދައުލަތުން ހުށަހެޅި އެވެ.
އާލިފްގެ ކާރަށް ރިލްވާން އެރުވިކަން ސާބިތުކޮށް ދިނުމަށްޓަކައި ފޮރެންސިކް ބައެއް ހެކިތައް ވެސް ދައުލަތުން ހުށަހެޅި އެވެ. އެ ކާރުން ފެނުނު އިސްތަށްޓެއްގެ ޑީއެންއޭއާ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށް ތަހުލީލުން ދައްކާތީ ފޮރެންސިކް ރިޕޯޓެއް ހުށަހެޅިއިރު، އެއާ ރިލްވާނާ ގުޅުވާލުމަށްޓަކައި، ރިލްވާން އުޅުނު ފްލެޓުގައި އޮތް ބުރުހަކުން ފެނުނު ޑީއެންއެއާ އޭނާގެ މަންމަގެ ޑީއެންއޭއާ ދިމާވާކަމުގެ ފޮރެންސިކް ރިޕޯޓެއް ވެސް ދައުލަތުން ހުށަހެޅި އެވެ.
މީގެ އިތުރުން އާލިފްގެ ކާރަށް އެއްވެސް އިރަކު ރިލްވާންގެ އާއިލާ މީހަކު ނާރާ ކަން ސާބިތުކުރަން ރިލްވާންގެ މަންމަ އާއި އޭނާގެ އާއިލާގެ މެމްބަރުން ވެސް ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ. އަދި ރިލްވާން ގެއްލުނު ކަމަށް ބުނާ ރޭ އޭނާ މާލޭގައި ހުއްޓާ އޭނާއަށް ބަޔަކު ފާރަލަމުން ދިޔަ މަންޒަރު ފެންނަ ފުޓޭޖެއް ވެސް ދައުލަތުން ހުށަހެޅި އެވެ. ގިނަ ހެކިތައް ހުށަހެޅީ ސިއްރު ހެކީގެ ގޮތުގައި އެވެ. އަދި ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ވެސް ދައުލަތުން އެދުނެވެ.
ދައުލަތުން ދައުވާ އިއްވުމުން ދައުވާ ލިބޭ ދެ މީހުންގެ ވެސް ބުނީ އެ ދައުވާ ސާފުނުވާ ކަމަށެވެ. އެ ދެ މީހުންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ ދައުވާ ސާފުނުވާ ކަމަށް ބުނެ ގިނަ ސުވާލުތަކެއް ދައުލަތާ ކުރިމަތިކޮށްފަ އެވެ.
އެގޮތުން ނޫރު ވިދާޅުވީ ރިލްވާން ފޮރުވި ކަމަށް ދައުވާގައި ބުނާއިރު ފޮރުވާފައި ހުރީ ކޮން ތަނެއްގައިތޯ ސުވާލު އުފައްދަވައިފަ އެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހަކު ފޮރުވި ކަމަށް ދައުވާ ކުރާ ނަމަ ފޮރުވި ތަނެއް އެނގެން ޖެހޭނެ ކަމަށާއި އެކަން ދައުވާގައި ނެތީ ކީއްވެގެގެންތޯ އޭނާ ސުވާލު އުފެއްވި އެވެ. އަދި އެ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ވެސް ދައުވާގައި އޮންނަން ގާނޫނު ލާޒިމް ކުރާއިރު އެ ތަފްސީލު ނެތީ ކީއްވެގެންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރާ އެ ދައުވާގައި ދައުލަތުން ހަވާލާދީފައި އޮތީ ފުރާނައަށް ގެއްލުމެއް ނުލިބޭ ފަދަ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ މާއްދާ އަށް ކަމަށްވާތީ އެކަމާ މެދު ވެސް ނޫރު ސުވާލު އުފެއްދެވި އެވެ. އެގޮތުން، ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ދައުލަތުން ބުނާއިރު ގަދަކަމުން ފޮރުވުމަކީ ފުރާނައަށް ގެއްލުމެއް ނުލިބޭ ފަދަ ޓެރަރިޒަމްގެ އަމަލެއް ކަމަށް ދައުލަތުން ސިފަ ކުރަނީތޯ ނޫރު ސުވާލު އުފެއްދެވި އެވެ.
ނޫރު ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ހެކި ދައުލަތުން ހުށަހެޅިއިރު ވެސް، ކާރަކަށް މީހަކު އަރުވައިގެން ގެންދިޔައީ ދައުވާ ލިބޭ ދެ މީހުން ކަމަށް އެއްވެސް ހެކިވެރިއަކު ބުނެފައިނުވާ ކަމަށާއި އެހެންވެ އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ކުރީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި އެގޮތަށް ދައުވާ ކުރާ ނަމަ ކޮންމެ މީހަކާ ދެކޮޅަށް ވެސް ދައުލަތަށް ދައުވާ ކުރެވިދާނެ ކަމަށް ނޫރު ވިދާޅުވި އެވެ.
ނޫރު ވިދާޅުވި ގޮތުގައި ނޫރައްދީންގެ އެދުމަކަށް އާލިފްގެ ކާރު ހުޅުމާލެއަށް ގެންދިޔަ ކަމާއި ދުވަސްކޮޅެއް ފަހުން އެ ކާރު އަނބުރާ މާލެ ގެނައި ކަމަށް އެ ދެ މީހުން ވެސް ވަނީ ތަހުގީގުގައި ބުނެފަ އެވެ. އެހެންވެ، އެ ކާރު ހުޅުމާލެއަށް ގެންދިޔަ ކަން ސާބިތުކުރަން އެހާ ގިނަ ހެކި ދައުލަތުން ހުށަހަޅަން ޖެހޭތޯ އޭނާ ސުވާލު ކުރެއްވި އެވެ. އަދި ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާތީ އެކަމަށް ވެސް އޭނާ ދެކޮޅު ހެއްދެވި އެވެ. ދައުވާލިބޭ ދެ މީހުން އެއްވެސް އަމަލެއް ކުރި ކަމަށް ހެކިން ނުބުނާއިރު އެ ދެ މީހުން ހެކިންނަށް ނުފޫޒު ފޯރުވަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭރު އަމަލުކުރި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ ދައުވާ ކުރާތީ އެކަމާ މެދު ވެސް ވަކީލް ނޫރު ސުވާލު ކުރެއްވި އެވެ. ސަބަބެއްގެ ގޮތުގައި ނޫރު ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަކީ މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުން އިސްތިސްނާ ކުރެވިފައިވާ ގާނޫނެއް ކަމަށް ނުވެފައި، ގަދަކަމުން މީހުން ފޮރުވުމުގެ ކުށް ގާނޫނުލް އުގޫބާތުގައި އޮންނާތީ އެވެ. އެހެންވެ އެ ހާލަތުގައި އިސް ކުރެވޭނީ ގާނޫނުލް އުގޫބާތުގައި ކަމަށާއި އަދި މީހުން ފޮރުވުމުގެ ކުށަށް އެންމެ ލުއި އަދަބެއް ވެސް އޮންނަނީ ގާނޫނުލް އުގޫބާތުގައި ކަމަށްވާތީ އެ ދައުވާ ކުރަންޖެހޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ނޫރު ވިދާޅުވި އެވެ.
މީގެ އިތުރުން ނޫރު ވަނީ އެ ދައުވާކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ 45 ދުވަހުގެ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހެޅީ އެ ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ކަމަށެވެ.
ދައުވާލިބޭ ދެ މީހުންގެ ވަކީލް ކުރިމަތިކުރި ސުވާލުތަކާ ގުޅިގެން ދައުލަތުން އެދުނީ އެކަންކަމަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށެވެ. އެހާ ގިނަ ކަންތައްތަކެއް ހުށަހެޅުމުން ޖަވާބުދާރީވެވޭނީ ދިރާސާކޮށްގެން ކަމަށް ދައުލަތުން ބުންޏެވެ.
އެކަމަކު ދައުލަތަށް އިތުރު ފުރުސަތެއް ދިނުމާ މެދު ވަކީލް ނޫރު ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ އޭނާ ކުރިމަތިކުރި ސުވާލުތަކަކީ ދައުވާއެއް ހުށަހަޅާއިރު ވެސް ސާފުވެފައި ހުންނަންޖެހޭ ފަދަ ސުވާލުތަކެއް ކަމަށާއި ކޮންމެ ކަމަކަށް އިތުރު ފުރުސަތު ދޭންޖެހޭ ނަމަ އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވިގެން ދާނެ ކަމަށެވެ.
ގާޒީ އާރިފް ނިންމެވީ އިތުރު ފުރުސަތެއް ދައުލަތަށް ދިނުމަށެވެ. އެކަމަކު މައްސަލަތަކުގެ އަޑުއެހުންތަކަށް ދައުލަތުގެ ވަކީލުން ހާޒިރުވާއިރު ރަނގަޅަށް ތައްޔާރުވެގެން ވަޑައިގަތުމަށް ގާޒީ އިލްތިމާސް ކުރެއްވި އެވެ.
ކުރީގެ އަޑުއެހުމެކޭ އެއްގޮތަށް މިއަދުގެ އަޑުއެހުމުގައި ވެސް ގާޒީ އާރިފް ވިދާޅުވީ ސުއައިދު ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ކޯޓަށް އަންގާފައިވާ ކަމަށެވެ. އެކަމަކު އޭނާ މަރުވިކަން ދައުލަތުގެ އިދާރާތަކަށް ކަށަވަރު ނުކުރެވޭ ކަމަށާއި އެހެންވެ ސުއައިދުގެ ބަޔާ މެދު އަމަލު ކުރަނީ ކިހިނެތްތޯ ގާޒީ އާރިފް ދައުލަތާ ސުވާލު ކުރެއްވި އެވެ. ދައުވާ ލިބޭ މީހަކު މަރުވެއްޖެ ނަމަ އެ ދައުވާއެއް ބާތިލްވާނެ ކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުން ބުނީ ސުއައިދު މަރުވި ކަމުގެ އެއްވެސް ހެއްކެއް ނުލިބޭ ކަމަށާއި އެކަމަކު އޭނާ ރާއްޖޭގައި ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ.
ގާޒީ އާރިފް ވިދާޅުވީ ސުއައިދު ރާއްޖޭގައި ހުރިކަން ނުވަތަ ނެތްކަން ކަށަވަރު ކުރަން އިމިގްރޭޝަންގައި އެދިފައިވާ ކަމަށާއި އޭނާ ރާއްޖޭގައި ނެތް ކަމަށް އަންގައިފި ނަމަ އެ މައްސަލަ އަނބުރާ ފޮނުވާލާނެ ކަމަށެވެ. އެކަމަކު މައްސަލަ އަނބުރާ ފޮނުވާލާނީ އެ ދައުވާ އަލުން ކުރަން ބޭނުންވެއްޖެ ނަމަ އަލުން ދައުވާ ކުރެވޭ ގޮތަށް ކަމަށް އާރިފް ވިދާޅުވި އެވެ.
އެ މައްސަލާގައި ދެން އޮންނަ އަޑުއެހުން އަންނަ ޖެނުއަރީ މަހު ބާއްވާނެ ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.
ރިލްވާންގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަނީ
ރިލްވާންގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ
ރިލްވާންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ރިލްވާންގެ މައްސަލަ ނާކާމިޔާބުވުން: ޒިންމާވާނީ ކާކު؟!
ރިލްވާން ވަގަށްނެގި މައްސަލާގައި އެންމެން ސަލާމަތްވެއްޖެ
ހެކިބަސް ނިމި، ރިލްވާންގެ މައްސަލަ ނިމުމަކާ ގާތަށް
ޑީއެންއޭއާ ގުޅޭގޮތުން ރިލްވާންގެ ބޭބެގެ ހެކިބަސް ނަގާނެ
"އިސްތަށީގެ ޑީއެންއޭ ދިމާވަނީ ރިލްވާންގެ މަންމައާ"
ރިލްވާންގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
"ރިލްވާންގެ ފްލެޓް ކައިރިން ހަޅޭކުގެ އަޑު އިވުނު"