24 ޖުލައި 2018
ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.
އޮގަސްޓް، 2014 ގައި ވީނުވީއެއް ނޭނގި، ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީނަށެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް ރިލްވާން އަރުވައިގެން ގެންގޮސްގެން ކަމަށެވެ.
ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހެއްގެ މައްސަލައިގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން، އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމުނީ ކަން އިއުލާން ކުރައްވައިފަ އެވެ. އަދި އެ މައްސަލައިގެ ހުކުމް ކުރިއަށް އޮތް ފަސް ވަރަކަށް ދުވަސް ތެރޭގައި އިއްވާނެ ކަމަށް ވެސް ގާޒީ އާރިފް އިއުލާން ކުރެއްވި އެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނީ އާލިފްގެ ކާރުން ފެނުނު އިސްތަށިން ލިބުނު ޑީއެންއޭއާ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާއިރު، ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު އެއްބަފާ އެއްވެސް މީހަކު އެ ކާރަށް އަރާފައި ނުވާ ކަން އެ މީހުންގެ ބަހުން އެނގޭ ކަމަށެވެ.
ރިލްވާންގެ އާއިލާގެ މެމްބަރުންގެ ޑީއެންއޭ އެ ކާރުން ފެންނަން ޖެހޭ ފަދަ އެއްވެސް ކަމެއް އެ މީހުން ކޮށްފައިވާ ކަން އެނގެން ނެތުމާއި އޭނާ ދިރިއުޅުނު ފްލެޓުން ފެނުނު ބުރުހަކުން ނެގުނު އިސްތަށްޓަކުން ލިބުނު ޑީއެންއޭ ވެސް ރިލްވާންގެ މަންމައާ ދިމާވެފައި އޮތުމުން، އާލިފްގެ ކާރަށް ރިލްވާން އެރުވި ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށް ދައުލަތުން ބުނެ އެވެ. އަދި އެ ކާރަށް ރިލްވާން އަރާފައި ނުވާ ކަން ދައުވާ ލިބޭ ދެ މީހުންނަށް ސާބިތުކޮށް ދެވިފައި ނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ މައްސަލައިގައި ލިބުނު ޑީއެންއޭ އަކީ ފަހަރަކު މީހަކު އުނި ކުރަމުން އުނި ކުރަމުންދާ އުސޫލުން ނަތީޖާއާ ހަމައަށް ވާސިލްވާ ބާވަތުގެ ޑީއެންއޭއެއް ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.
މީގެ އިތުރުން، ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އަރުވަނިކޮށް ފެނުނު ކަމަށް ހެކިން ބުނެފައިވާއިރު، ރަތް ކުލައިގެ ކާރެއް ހުޅުމާލެއިން މާލެ އަށް ގެންދިޔަ ކަމާއި އެ ހާދިސާގެ ފަހުން ރަތް ކުލައިގެ ކާރެއް ހުޅުމާލެ އިން މާލެ ގެނައި ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ. އަދި އާލިފް ގެންގުޅުނު ކާރު، ދައުވާ ލިބޭ ނޫރައްދީން ހުޅުމާލޭގައި ގެންގުޅުނު ކަން ވެސް ހެކިތަކުން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ކަންކަން ފާހަގަކޮށް، ދައުލަތުން ބުނީ އާލިފާއި ނޫރައްދީންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދެކޭ ކަމަށެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން އާލިފާއި ނޫރައްދީންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ އެ މައްސަލާގައި އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ބުނެ ގިނަ ފާޑު ކިޔުންތަކެއް ދައުލަތަށް އަމާޒުކޮށްފަ އެވެ. އެގޮތުން، ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އެރުވި މަންޒަރު ފެނުނު ކަމަށް ހެކިން ހެކިބަސް ދީފައި ވިޔަސް، ގަދަކަމުން ކާރަށް އެރުވީ ކާކު ކަމެއް އަދި އެ ކަމުގައި ހަރަކާތްތެރިވީ ކޮން ބައެއް ކަން އެއްވެސް ހެކިވެރިއަކު ބުނެފައި ނުވާ ކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އަދި އެއީ ދައުވާ ލިބޭ އާލިފްގެ ކާރު ކަން ވެސް އެއްވެސް ހެކިވެރިއަކަށް ނޭނގޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ދައުލަތުން އެ މައްސަލާގައި އެންމެ ވަރުގަދަ ހެއްކެއްގެ ގޮތުގައި ބޭނުންކުރާ ޑީއެންއޭއާ ގުޅިގެން ވަކީލް ނޫރު ވިދާޅުވީ އެ ކާރަށް ރިލްވާން އަމިއްލަ އަށް އެރީ ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އަދި ޑީއެންއޭ ދިމާވި އިސްތަށްޓަކީ ބަޔަކު އެ ކާރުގައި ބޭއްވި އެއްޗެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ނޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ އިސްތަށި ކާރުން ނެގުނީ ކޮން އިރަކު ކަން އެނގޭނެ ޗެއިން އޮފް ކަސްޓަޑީއެއް ވެސް ދައުލަތުން ހުށަހަޅައިފައެއް ނެތެވެ. އެހެންވެ، އެ މައުލޫމާތު ވެސް ކަށަވަރު ނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
މީގެ އިތުރުން، އާލިފްގެ ކާރަށް ރިލްވާންގެ އާއިލާގެ މަންމަ އާއި އެއްބަނޑު އެއްބަފާ މީހުން އަރާފައި ނުވާތީ އެ ޑީއެންއޭއާ ރިލްވާނާ ގުޅުވާލުމަށްޓަކައި ދައުލަތުން މަސައްކަތް ކުރިޔަސް، ރިލްވާންގެ މަންމަ އަށް މާމަ ކިޔާ އަންހެން ދަރިންނާ ހަމައަށް ވެސް އެ ޑީއެންއޭ ދަތުރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ޑީއެންއޭ އެކްސްޕާޓް ހެކިބަސް ދީފައިވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ބޮޑެތި އިހުުމާލުތަކެއް އެބަހުރި ކަމަށް ވިދާޅުވެ، ވަކީލް ނޫރު ވިދާޅުވީ، ހަވާލާދޭ ރަތް ކުލައިގެ ކާރަކީ ކާކުގެ ނަމުގައި އޮތް ކާރެއް ކަން އެނގޭނެ އެއްވެސް ލިޔުމެއް ވެސް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާ ކުރީ ޑީއެންއޭ ދިމާވި އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ވެސް ނުލިބެނީސް ކަމަށާއި އަދި ރިލްވާންގެ އާއިލާގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އޭނާގެ ބޭބެ މޫސާ ރިލްވާންގެ ހެކިބަސް ނަގަން ދައުލަތުން އެދުނީ ވެސް ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުނު ފަހުން ކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.
ވަކީލް ނޫރު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ހުރީ ކުދި ކުދި ފުށުއެރުންތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެ މައްސަލާގައި ބޮޑެތި ޝައްކުތަކެއް އެބަހުރި ކަމަށާއި އެހެންވެ، ދައުވާ ލިބޭ ދެ މީހުންގެ މައްޗަށް އެއްވެސް މިންގަނޑަކުން ކުށް ސާބިތު ނުކުރެވޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ، އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އާލިފާއި ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން އެ މައްސަލާގައި ދައުވާކުރި އެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ ރާއްޖެއިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ކޯޓަށް އަންގާފައި ވިޔަސް، ދައުލަތުން ބުނާގޮތުން އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.
ރިލްވާންގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަނީ
ރިލްވާންގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަނީ
ރިލްވާން ގެއްލުވާލި މައްސަލާގައި ގިނަ ހެކިތަކެއް
ރިލްވާންގެ މައްސަލަ ނާކާމިޔާބުވުން: ޒިންމާވާނީ ކާކު؟!
ރިލްވާން ވަގަށްނެގި މައްސަލާގައި އެންމެން ސަލާމަތްވެއްޖެ
ހެކިބަސް ނިމި، ރިލްވާންގެ މައްސަލަ ނިމުމަކާ ގާތަށް
ޑީއެންއޭއާ ގުޅޭގޮތުން ރިލްވާންގެ ބޭބެގެ ހެކިބަސް ނަގާނެ
"އިސްތަށީގެ ޑީއެންއޭ ދިމާވަނީ ރިލްވާންގެ މަންމައާ"
ރިލްވާންގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
"ރިލްވާންގެ ފްލެޓް ކައިރިން ހަޅޭކުގެ އަޑު އިވުނު"