Roadha Mihaaru
ކުރިއަށް ދާނީ ފ. އަތޮޅުން ދެއްކި މިސާލުން: އަމީތު

ކުރިއަށް ދާނީ ފ. އަތޮޅުން ދެއްކި މިސާލުން: އަމީތު

09 ޑިސެމްބަރ 2017

ފ. އަތޮޅުގައި ސައުދީ އަރަބިއްޔާ އިން ހިންގަން އުޅުނު ބިޔަ މަޝްރޫއު، އިދިކޮޅު ފަރާތްތަކުން ފެއިލްކޮށްލާފައިވާއިރު، އަނެއްކާ ވެސް އެފަދަ ކަންކަމާ ދެކޮޅަށް ތެދުވާންޖެހޭ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީގެ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު އަމީތު ރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިދިކޮޅު ޕާޓީތަކުން، ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އަމީތު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދެން ވެސް ކުރިއަށް ދާނީ ފ. އަތޮޅުން ދެއްކި ނަމޫނާއާ އެއްގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާއާ އެކު ސަރުކާރުން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ގައުމަށް ނުރައްކާތެރި އެއްޗެއް ކަމަށާއި އެއީ ވޯރާ ވިޔަފާރިވެރިން އަނބުރާ ގެނައުން ކަމަށެވެ.

އަމީތު ވިދާޅުވި ގޮތުގައި 15 ބިލިއަން ޑޮލަރުގެ ހުވަފެނަކަށް، "ފ. އަތޮޅު ވިއްކާލެވިދާނެ" ކަމަށް ރައީސް އަބްދުﷲ ޔާމީން ހީފުޅުކުރެއްވީ އެ އަތޮޅު ކުޑަވެފައި މީހުން މަދުވުމުންނެވެ. އެކަމަކު ހައްގުގެ މަގުގައި، ގައުމީ މަސްލަހަތުގައި ތިބެއްޖެ ނަމަ އެ ފަދަ ކަމެއް ކުރުމަކީ ފަސޭހަކަމެއް ނޫންކަން ފ. އަތޮޅުން ސާބިތު ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ

މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ

"މި އަތޮޅަށް ވަރަށް ހުވަފެން ދެއްކި. ވަރަށް ގިނަ ފައިސާގެ ވާހަކަ ދެއްކި. އެކަމަކު އޭރު ރައްޔިތުން ދެއްކި އެއްބާރުލުމުން މި މަޝްރޫއު ހުއްޓާލަން ޖެހިވަޑައިގެންނެވީ،" އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރު ގައުމުތަކުގެ ވެރިންގެ އުނގަށް ރައީސް ޔާމީން ވެއްޓެން ޖެހިވަޑައިގެންނެވީ، ރާއްޖޭގެ ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް ނެތުމުން ކަމަށެވެ. އެކަމަކު ބޭރު ގައުމުތަކަށް ގައުމު ވިއްކާލުމުގެ ބަދަލުގައި ރައްޔިތުންގެ ތާއީދު ހޯއްދަވަން އަމީތު އެދިވަޑައިތެވެ.

އަމީތު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވުމުން ރައީސް ޔާމީން އަދި ފ. އަތޮޅަށް ވަޑައިގަންނަވާނެ އެވެ. އެކަމަކު އެ އަތޮޅުން އެމަނިކުފާނަށް އެއްވެސް ތާއީދެއް ނެތް ކަމަށާއި ދެން ފ. އަތޮޅުގެ ރައްޔިތުން ދައްކަންވީ މިސާލަކީ ސުން އިންތައިން ރައީސަށް ވެދުން ކުރުން ކަމަށެވެ.

"ރައީސް ޔާމީނަށް ދަންނަވަން އޮތް ހަގީގަތަކީ ފ. އަތޮޅުގައި ރައީސް ނަޝީދަށް އިންތިހާއަށް ތާއީދު އެބައޮތްކަން. ރައީސް މައުމޫނަށް ތާއީދު އޮތްކަން. ގާސިމަކީ މި އަތޮޅުގެ ހިތްތަކުގެ ރަސްގެފާނު. މި އަތޮޅުގައި ތާއީދު އޮތީ ކޯލިޝަނަށް. އިންތިހާބަށް ކަމަށް ބުނެ މިއިން ރަށަކަށް ރައީސް ޔާމީނަކަށް އަރާވަޑައެއް ނުގެންނެވޭނެ،" އަމީތު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާ އިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއި ކުރުމާއެކު، ރާއްޖޭގެ ޓެރިފް ޝެޑިއުލްގައި ހިމެނޭ 70 އަށް ވުރެ ގިނަ ބާވަތުގެ ޑިއުޓީ ކަނޑާލެވޭނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ވިޔަފާރިވެރިން ދުނިޔޭގެ އެތައް ގައުމެއްގައި އިންވެސްޓްކޮށްފައިވާ މާކެޓްތައް ގެއްލިގެން ދާނެ ކަމަށާއި މިއީ ވިޔަފާރިވެރިންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އަމީތު ވިދާޅުވި އެވެ.