Roadha Mihaaru
އިންޑިއާއަށް ބަދުބަސް ނުބުނަން ރައީސް އެދިވަޑައިގެންފި

އިންޑިއާއަށް ބަދުބަސް ނުބުނަން ރައީސް ޔާމީން އެދިވަޑައިގެންފި

24 ޑިސެމްބަރ 2017

އަވައްޓެރި އިންޑިއާއަށް ބަދުބަސް ނުބުނަން ދިވެހި ނޫސްވެރިންގެ ކިބައިން ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަވައްޓެރި އިންޑިއާއަށް ބަދުބަސް ނުބުނަން ދިވެހި ނޫސްވެރިންގެ ކިބައިން ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

ވެލިދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އެހެން ވިދާޅުވިއިރު، ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި އިންޑިއާއަކީ އަދުއްވެއް ކަމަށް ސިފަކޮށް ލިޔުނު އާޓިކަލްގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ބަލަން ފަށައިފަ އެވެ. އެ އާޓިކަލްގައި އިންޑިއާގެ ވެރިންނަށާއި އެކިއެކި ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. ނަމަވެސް، އެތައް ބައެއްގެ ފާޑުކިޔުންތަކާ އެކު އެ އާޓިކަލް "ވަގުތު" އިން ފަހުން ވަނީ ނަގައިފަ އެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ އިންޑިއާގެ އަމިއްލަ މީސްމީހުންގެ ޚިޔާލަށް ދިވެހި ނޫސްވެރިން އެއްޗެއް ބުނަން ނުޖެހޭ ކަމަށެވެ.

"އިންޑިއާއަކީ އަޅުގަނޑުމެންނާ އެންމެ ގާތް ގައުމު. މިއީ ޒަމާނުއްސުރެ މިކަން އޮތް ގޮތް. އެހެންވެ، އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަމަކީ އިންޑިއާ އަށް، އިންޑިއާގެ ވެރިންނަށް، ސިޔާސީ ބޭފުޅުންނަށް ރައްދުވާ ގޮތަށް ބަދުބަސް ބުނުމަކީ އަޅުގަނޑުމެން ކޮށްގެން ވާނެ ކަމެއް ނޫން. އެއީ ސަރުކާރުން ކުރާނެ ކަމެއް ނޫން،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެހެން ވިދާޅުވިއިރު، އިންޑިއާގެ އަސްކަރިއްޔާ ބޭނުންކޮށްގެން، ދިވެހި ސަރުކާރު ބަދަލުކުރުމަށް ބާރުއަޅައި އެ ގައުމުގެ ނޭޝަނަލް ސެކިއުރިޓީ އެކްސްޕާޓަކު ވަނީ އިންޑިއާގެ ޓީވީ ޗެނަލެއްގައި ދާދި ފަހުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ބައެއް ދިވެހިންގެ ނުރުހުން ވަނީ އިންޑިއާއަށް އަމާޒުވެފަ އެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ އެހީތެރިވާ ގައުމުކަން ފާހަގަ ކުރައްވައި، ރައީސް ޔާމީން މިއަދު ވިދާޅުވީ އެ ގައުމާ އެކު، މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވުންތައް ގާއިމުކޮށްފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖެ އާއި ޗައިނާއިން ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ސޮއިކުރި ނަމަވެސް، އެހެން ގައުމުތަކާ މައްސަލައެއް ނުޖެހޭނެ އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދޭތެރޭގައި ގާއިމް ކޮށްފައި ވަނީ ވަރުގަދަ އެއްބަސްވުމެއް ކަމަށެވެ. ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކާ ރާއްޖޭން އެކި މިންވަރަށް ވަރަށް ވިޔަފާރި ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެލިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަނީ. ---ފޮޓޯ: ހައުސިން މިނިސްޓްރީ

ރައީސް ޔާމީން ވެލިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަނީ. ---ފޮޓޯ: ހައުސިން މިނިސްޓްރީ

ރައީސް ވިދާޅުވި ގޮތުގައި ދެ ގައުމަކުން ގުޅިގެން ވިޔަފާރި ކުރާނަމަ، ދެ ފަރާތުން ނަގާ ޓެކްސްތަކެއް ހުރެ އެވެ. އެކަމަކު، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުން، ދެ ގައުމުން އިމްޕޯޓާއި އެކްސްޕޯޓް ކުރާ އެއްޗިއްސަށް ވިޔަފާރީގެ ޓެކްސް ކުޑަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެފްޓީއޭއަކީ ދެ ގައުމުގެ ވިޔަފާރިވެރިންނަށް އޮތް ފަހި ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން، މިއަދު ހަވީރު ވެލިދު އަށް ވަޑައިގެން އެ ރަށު ބަޔަކާ ސަލާމް ކުރައްވަނީ. ---ފޮޓޯ: ހައުސިން މިނިސްޓްރީ

ރައީސް ޔާމީން، މިއަދު ހަވީރު ވެލިދު އަށް ވަޑައިގެން އެ ރަށު ބަޔަކާ ސަލާމް ކުރައްވަނީ. ---ފޮޓޯ: ހައުސިން މިނިސްޓްރީ

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އުފައްދާ ދަޅުމަސް، ހުޅަނގުގެ ގައުމުތަކަށް ފޮނުވުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުޅަނގުގެ ހުރިހާ އުސޫލަކަށް "ލައްބައޭ" ނުބުނެވޭތީ އަންނަ ދައްޗެވެ. އެހެންވެ، އުފެއްދުންތައް އެހެން ބާޒާރުތަކަށް ހުޅުވެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޗައިނާއާ އެކީގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމު ކުރުމަކީ އެހެން ގައުމަކާ ދޭތެރޭގައި މައްސަލަ ޖެހޭ ކަމެއް ނޫން،" އުފަން ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.