Roadha Mihaaru
މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެ ވަކިވެދާނެ

ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެ ވަކިވެދާނެ

20 ނޮވެމްބަރ 2018

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ރާއްޖޭން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ވަކިވެދާނެ ކަމުގެ އިޝާރާތެއް، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ރާއްޖޭން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ވަކިވެދާނެ ކަމުގެ އިޝާރާތެއް، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިފައި ކަމަށެވެ.

"މިނިވަން ވިޔަފާރީގެ އެއްބަސްވުން އޮތީ ވަރަށް ބޮޑަށް އެއް ފަރާތަކަށް ޖެހިފައި. އަދަދުތައް ދިމައެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސް ނުކުރާނެ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ މި ފަހަރުގެ ވާހަކަފުޅުތަކަށް ޗައިނާ އިން އަދި ރައްދެއް ނުދެ އެވެ. ނަމަވެސް މީގެ ކުރިން އެ މަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުތަކަށް އެ ގައުމުން ވަނީ ރައްދު ދީފަ އެވެ. އެގޮތުން ޗައިނާގެ ދަރަނީގެ މަޅިއަކަށް ރާއްޖެ ވެއްޓެމުންދާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދުދީ، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަނީ ވާހަކަ ދައްކަވާފަ އެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް ޔާމީން މިދިޔަ ޑިސެމްބަރު މަހު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ވަރަށް އަވަސް އަރުވާލައިގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗައިނާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެދާނެ ކަމަށް އެ ގައުމުން ކުރިއްސުރެ އައީ ލަފާ ކުރަމުންނެވެ. އެހެންވެ، އެ މަނިކުފާނު އިންތިހާބުވުމާ އެކު އެ ގައުމުން ވަނީ އެއްބަސްވުންތަކަށް އިހުތިރާމް ކުރަން ގޮވާލައިފަ އެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރަން އުޅުނު އިރު ވެސް ރައީސް ނަޝީދު ގެންދެވީ އެކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ. އެކަމާ ދެކޮޅު ހަދަން އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގޭގައި މިދިޔަ ޑިސެމްބަރު މަހު ބޭއްވި "އިހްތިޖާޖް ޖަލްސާ"ގައި ވީޑިއޯ މެދުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމަށް ވެސް އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް، މުދާ އެތެރެ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޗައިނާގައި އުފައްދާ މުދަލުން ޑިއުޓީ ނަގަން ނުޖެހޭނެތީ، އެ ގައުމުން ރާއްޖެ އެތުރެކުރާ މުދާ އިތުރުވެ، އެހެން ގައުމުތަކުގެ މުދާ ބާޒާރުން މަދުވާން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ވިސްނަވާ. މިނިވަން ވިޔަފާރީގެ އެގްރީމެންޓު އޮންނަ އިރު، ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުގެ ޑިއުޓީއެއް ނުނެގޭޭނެ. އެހެންވީމާ އުސޫލެއްގެ ގޮތުން ރާއްޖޭގައި އެ މުދަލުގެ އަގު ހެޔޮވާން ޖެހޭނެ. ވިޔަފާރީގެ ހަމަތަކުން ބަލާނަމަ މުދާ އަގު ހެޔޮ ވީމައި، އެހެން ގައުމުތަކުގެ މުދާ ވިކޭވަރު މަދުވާނެ،" އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.