Roadha Mihaaru
ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުރިއެރުމަކީ ކޮބާ؟

ނިމްސް އިން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ކުރިއެރުމަކީ ކޮބާ؟

12 ޑިސެމްބަރ 2017

މި ފަހުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބުނު އެންމެ އުފާވެރި އެއް ހަބަރަކީ، އުތުރުގެ ތިން އަތޮޅު ވެސް ސިއްހީ ދާއިރާ އިން ބަރޯސާވެފައި އޮންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރާ ވާހަކަ އެވެ. ހއ، ހދ އަދި ށ،. އަތޮޅުގެ ރަށްރަށުން ވެސް ކޮންމެ ދުވަހަކު އެ ރަށަށް ޑޮކްޓަރަށް ދައްކަން މީހުން ދާއިރު، ބޭރުގެ މަޝްހޫރު ހޮސްޕިޓަލަކާ ހަވާލުކޮށްގެން އެ ތަން ތަރައްގީ ކުރުންވީ އެންމެންނަށް ވެސް ލިބުނު ހިތް ހަމަޖެހުމަކަށެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ފަހުން ރާއްޖޭގެ އުތުރުގެ ރަށްތަކަށް ލިބުނު އެންމެ އުފާވެރި އެއް ހަބަރަކީ، އުތުރުގެ ތިން އަތޮޅު ވެސް ސިއްހީ ދާއިރާ އިން ބަރޯސާވެފައި އޮންނަ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރާ ވާހަކަ އެވެ. ހއ، ހދ އަދި ށ،. އަތޮޅުގެ ރަށްރަށުން ވެސް ކޮންމެ ދުވަހަކު އެ ރަށަށް ޑޮކްޓަރަށް ދައްކަން މީހުން ދާއިރު، ބޭރުގެ މަޝްހޫރު ހޮސްޕިޓަލަކާ ހަވާލުކޮށްގެން އެ ތަން ތަރައްގީ ކުރުންވީ އެންމެންނަށް ވެސް ލިބުނު ހިތް ހަމަޖެހުމަކަށެވެ.

ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ މޮޅު ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ހޮސްޕިޓަލްއާ ހަވާލުކުރިތާ ފަސް މަސް ވީއިރު ވެސް މާ ބޮޑު ކުރިއެރުމެއް އެ ތަނަށް އައިސްފައެއް ނުވެ އެވެ. މިއީ މިހާރު ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ ބޮޑެތި ތަރައްގީތައް ގެނައުމަށް އެއްބަސްވެގެން 50 އަހަރުގެ މުއްދަތަށެވެ. މިދިޔަ ޖޫން 21ގައި ސޮއިކުރި އެ އެއްބަސްވުމުގައި ވާ ގޮތުން އެއް އަހަރާއި ހަތަރު މަހުގެ ތެރޭގައި އެތަން މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ޖެހެ އެވެ.

އެއްބަސްވުމުގައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އެކި ދާއިރާތަކުން ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓު ޑޮކްޓަރުން ހޯދުމާއި ސީޓީ ސްކޭނާއި އެމްއާރުއައި ސްކޭންގެ އިތުރުން ލެބޯރެޓަރީގެ ހިދުމަތްތައް ގާއިމުކޮށް ފުޅާކުރުމާއި ތެލެސީމިއާގެ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުން ހިމެނެ އެވެ. އަދި އެހެން ރަށެއްގެ ހޮސްޕިޓަލެއްގައި ގާއިމު ނުކުރާ، ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާ އަށް ވެސް އެ ހޮސްޕިޓަލް ހާއްސަ ކުރާ ގޮތަށް ވަނީ ނިންމާފަ އެވެ.

އެކަމަކު މީގެ ތެރެއިން އެއްވެސް ހިދުމަތެއް މިހާތަނަށް ވެސް ނުފެށޭ އިރު، ކުރިން ތިބި ޑޮކްޓަރުންގެ އަދަދު މަދުވެ، ހިދުމަތްތައް މެދުކެނޑުން ވެގެން ދިޔައީ ގިނަ ބަޔަކު ޝަކުވާކުރަން ފެށި ކަމަކަށެވެ.

"ހޮސްޕިޓަލުގައި ސްކޭން ޑޮކްޓަރެއް ނެތްކަން އެނގުނީ މިތަނަށް އައުމުން. މީގެ ކުރިން ގަވައިދުން މިތަނަށް ސްކޭން ހައްދަން އައި އިރު ވެސް މިހެން ދިމައެއް ނުވޭ. އެހެންވެ، ސްކޭން ނުކޮށް އެނބުރި ދާން ޖެހޭތީ ވަރަށް ކަންބޮޑުވެފައި މިހިރީ،" ހދ. ކުރިނބީން ޑޮކްޓަރަށް ދައްކަން ދިޔަ މާބަނޑު އަންހެނަކު ބުންޏެވެ.

ސްކޭން ޑޮކްޓަރުގެ އިތުރުން ކުޑަކުދިންގެ ޑޮކްޓަރެއް ވެސް މިހާރު އެ ހޮސްޕިޓަލަކު ނުހުރެ އެވެ. އެހެންވެ، ސްކޭން ކުރުން ފަދަ ބައެއް ހިދުމަތްތައް މި ވަގުތަށް އޮތީ މެދުކެނޑިފަ އެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ ހޮސްޕިޓަލުން ޑޮކްޓަރުން ވަރަށް މަދުވެފައިވާ ކަމަށާއި ސްޕެޝަލިސްޓުންގެ އިތުރުން އާދައިގެ ޑޮކްޓަރުން ވެސް އެ ތަނުގައި ހަމައަށް ނުތިބޭ ކަމަށެވެ. އަދި އޯޕީޑީގައި އެއްވެސް ޑޮކްޓަރަކު ނުހުންނަ ވަގުތުތައް ދާކަމަށް ވެސް އޭނާ ބުންޏެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: އެތަނުގައި ޑޮކްޓަރުން މިހާރު މަދު

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް: އެތަނުގައި ޑޮކްޓަރުން މިހާރު މަދު

ކުޅުދުއްފުށީ މީހުން ބުނާ ގޮތުން ނޫރުލް އިސްލާމް އިންޓަނޭޝަނަލުން ހޮސްޕިޓަލާ ހަވާލުވުމަށް ފަހު، އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތްތައް ފެށި އެވެ. އެކަމަކު ވަކި ހިސާބަކުން އެ ކަންކަން ވެސް ހުއްޓިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ކަނޑައަޅާފައިވާ މުއްދަތާ އެއްގޮތަށް، މަސައްކަތްތައް ހިނގަމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީން ވެސް އެއްބަސްވެ އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބު މިއަދު ވިދާޅުވީ ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ، އެކަން ހައްލު ކުރުމަށް، ނިމްސް އާއި ކަމާ ބެހޭ އެހެން ފަރާތްތަކާއެކު މިހާރު ވެސް މަަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން ނޫރުލް އިސްލާމް އިންޓަނޭޝަނަލް އިން ބުނީ ހޮސްޕިޓަލަށް ތަރައްގީ ގެނައުމުގައި މާލީ ގޮތުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުންޏާއެކު ޖޮއިންޓް ވެންޗާ އުސޫލުން ހިންގަމުން އަންނަ، އިންޑިއާގެ ނޫރުލް އިސްލާމިކް އެޑިއުކޭޝަން ޓްރަސްޓުން ހޮސްޕިޓަލް ތަރައްގީ ކުރުމަށް މާ ބޮޑު އެހީތެރިކަމެއް ނުލިބޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑޮކްޓަރުންގެ ދަތިކަން އެހާ ބޮޑަށް ކުރިމަތިވެފައިވަނީ ވެސް، ބައެއް ޑޮކްޓަރުން ޗުއްޓީ އަށް ދިޔުމުން ދުރާލައި އިތުރު ޑޮކްޓަރުން ހޯދަން ނޫޅެވުމުން ކަމަށް ބުނެފައި ވެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ހަވާލުކުރުމަށް ސޮއިކުރެއްވުމަށް ފަހު ހެލްތު މިނިސްޓަރު ނާޒިމާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ހާން އެއްބަސްވުން ބަދަލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

ކުޅުދުއްފުށީ ހޮސްޕިޓަލް، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ހަވާލުކުރުމަށް ސޮއިކުރެއްވުމަށް ފަހު ހެލްތު މިނިސްޓަރު ނާޒިމާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ހާން އެއްބަސްވުން ބަދަލު ކުރައްވަނީ-- މިހާރު ފޮޓޯ: ހުސެން ވަހީދު

ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުން ޗުއްޓީ އަށް ގޮސްފައިވާ އިރު އެހެން ޑޮކްޓަރުންނަށް ހެލްތު ކައުންސިލުން ދިން ޓެސްޓުން ފާސްނުވުމުން، އެ މީހުން އަނބުރާ ގައުމަށް ވަނީ ފޮނުވާލައިފަ އެވެ. އެއްބަސްވުން އާ ކުރުމުގެ ކުރިން ހަދަންޖެހޭ އެ ޓެސްޓުން ފާސް ނުވެގެން ހަތަރު ޑޮކްޓަރަކު ފޮނުވާލާފައިވާކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.

ޓްރަސްޓް ފަންޑުން އެހީތެރިކަމެއް ނުލިބޭތީ، ހޮސްޕިޓަލް ހިންގުމަށް ދަތިވާކަމަށް، ނޫރުލް އިސްލާމް ކުންފުނިން ބުނެފައިވާ އިރު، އާސަންދައިގެ ދަށުން ލިބެން ޖެހޭ ފައިސާ ވެސް ނުލިބޭ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ. އެހެންވެ، ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިމާވެފައިވާ މި މައްސަލަތައް ހައްލުކޮށް، އިތުރަށް ތަރައްގީ ކުރެވޭނީ އެ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން ކަމަށް ނޫރުލް އިސްލާމް އިން ބުނެފައި ވެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް އެ ކުންފުންޏާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން، ނިމްސް ހޮސްޕިޓަލާ ހަވާލުކުރީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ރައީސް އަބްދުﷲ ޔާމީން ގެންނަވާ ބަދަލުތަކުގެ ތެރޭންނެވެ. ދިގު މުއްދަތަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން އެ ކުންފުންޏާ ހަވާލުކުރީ، އެ ތަނުން ހުށަހެޅި ޕްރޮޕޯސަލް އަށް ސޯޝަލް ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. "ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރާނީ އެއްބަސްވުމުގައިވާ ގޮތަށް އެކި ފިޔަވަހިތަކަކަށް ބަހާލައި ތަފާތު ޚިދުމަތްތައް ތައާރަފްކުރެވިގެންދާ އުސޫލެއްގެ މަތިން. އަހަރެއްހާ ދުވަހުގެ ތެރޭގައި މި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ،" ނާޒިމް ވިދާޅުވެފައި ވެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ ގިނަ ބައެއްގެ އުއްމީދާ ގުޅިފައިވާ ތަނެކެވެ. ކުއްލިއަކަށް އެތަނުގައި ޑޮކްޓަރުން މަދުވެ، ބައެއް ހިދުމަތްތައް މެދުކެނޑުމަކީ އެތަނުން ފަރުވާ ހޯދަން، ކަނޑު ހުރަސްކޮށްފައި ދާ މީހުންނަށް ބޮޑު ތަކުލީފަކަށް ވާނެ ކަމެކެވެ. އެހެންވެ، މިހާރު އުތުރުގެ ރައްޔިތުން އަނެއްކާ ވެސް އެ ތިބީ، ސަރުކާރުން އެކަމަށް ހައްލެއް ހޯދައިދޭނެ ކަމުގެ އިންތިޒާރުގަ އެވެ.