Roadha Mihaaru
ކޭއާރުއެޗްގެ މައްސަލަ ހައްލުކުރަން 10 ދުވަސް ދީފި

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މައްސަލަ 10 ދުވަސް ތެރޭގައި ހައްލު ނުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅަނީ

09 ޖެނުއަރީ 2018

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ހިންގުމުގައި ކުރިމަތިވެފައިވާ މައްސަލަ 10 ދުވަސް ތެރޭގައި ހައްލު ނުވެއްޖެ ނަމަ، އެއްބަސްވުން ބާތިލްކޮށްގެން ވިޔަސް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ހިންގުމުގައި ކުރިމަތިވެފައިވާ މައްސަލަ 10 ދުވަސް ތެރޭގައި ހައްލު ނުވެއްޖެ ނަމަ، އެއްބަސްވުން ބާތިލްކޮށްގެން ވިޔަސް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައިއާ) ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެ ކުންފުނީގެ ދެ ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުމުން، ހެލްތު މިނިސްޓްރީން ވަނީ ވަގުތީ ގޮތުން ހަވާލުވެފަ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ހިއްސާދާރުންގެ މެދުގައި އުފެދުނު މައްސަލަތަކާ ހެދި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ފެންވަރު ދަށްވެ، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ، ހޮސްޕިޓަލާ ވަގުތީ ގޮތުން މިނިސްޓްރީން ހަވާލުވުމަށް ފަހު، އެންއައިއައި އަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގައި ދިމާވެފައިވާ މައްސަލަތަކާ މެދު ރައްޔިތުން ކަންބޮޑު ނުވުމަށް އެދިވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގެ ކަންކަން ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. ހެލްތު މިނިސްޓްރީ އާއި އެންއައިއައިއާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައި އޮތުމުން، ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މަރުހަލާތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

"ވަކި ފަރާތަކަށް ބުރަ ނުވެ މިތިބީ، ގާނޫނީ ހުރިހާ މަރުހަލާތައް ފުރިހަމަވުމުން އެގްރިމެންޓް ބާތިލްކުރަން ޖެހިއްޖެ ނަމަ އެކަން ނުވަތަ ދެން ހުރި ކަމެއް ކުރަން ވެއްޖެ ނަމަ އެކަން ވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން، ދިވެހި ރައްޔިތުންނާއި ކުޅުދުއްފުށީގެ ރައްޔިތުންނަށް ޔަގީންކަން ދޭން ބޭނުންވަނީ އެ މައްސަލަ ހައްލުކޮށްދީ، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ހުރިހާ ކަމެއް ހައްލުކޮށްދޭނެ ކަމަށް."

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ނޫރުލް އިސްލާމް ކުންފުނިން ހަވާލުވުމުން، އެތަނުގެ ފެންވަރު ދަށްވެ ހިދުމަތްތަކަށް ބޫރުއެރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލްތު މިނިސްޓްރީން ހޮސްޕިޓަލާ ހަވާލުވެ އަށް މެޑިކަލް އޮފިސަރުންނާއި 15 ސްޕެޝަލިސްޓު ޑޮކްޓަރުން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ހަވާލުވިއިރު، ލެބޯޓްރީގައި ހުސްވެފައިވާ ކެމިކަލް އާއި އެހެން ވެސް ސާމާނު މިހާރު ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

"ލެބޯޓްރީގެ ހިދުމަތް ވެސް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައި، ރާވައި މިއަދު ވެސް ބައެއް ސާމާނު ހޮސްޕިޓަލަށް ހަމަކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެއްބަސްވުމުގައިވާ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން މި މަހުން ފެށިގެން އެންއައިއައިގެ ދަށަށް ބަދަލުވާނެ އެވެ. އެ މައްސަލާގައި އެ މުވައްޒަފުންގެ އޮތް ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެ މައްސަލާގައި ވެސް ސަރުކާރުން ހައްލުތަކެއް ހޯދައިދޭނެ ކަމަށެވެ.

"އެއްވެސް މުވައްޒަފެއްގެ މުސާރަ އަށް އެލަވަންސަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުގެ ފަރާތުން އަރުވަން،" ނާޒިމް ވިދާޅުވި އެވެ.

މައްސަލަ ހައްލު ނުވެއްޖެ ނަމަ ދެން އޮންނާނެ ގޮތަކީ އެއްބަސްވުން ބާތިލްކުރުން ކަން ފާހަގަކުރައްވަމުން ވިދާޅުވީ "ނިމްސް ދިއުމަކީ، ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހަދަން ހުރި ހުރިހާ ދޮރުތަކެއް ބަންދުވުމެއް ނޫން" ކަމަށެވެ.