Roadha Mihaaru
އުސައިދުގެ ބޮޑެތި ތުހުމަތުތަކެއް ނޫރުލް އިސްލާމަށް

އުސައިދުގެ ތުހުމަތުތަކެއް: "އޮތީ ކޮރަޕްޝަން، ގާބިލްކަމެއް، ނިޔަތެއް ވެސް ނެތް"

07 ޖެނުއަރީ 2018

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ހަވާލުވި ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް އެ ކުންފުނީގެ ދިވެހި ޑިރެކްޓަރު އަލީ އުސައިދު ތުހުމަތު ކުރައްވައި އެ މައްސަލަ ޕޮލިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ހަވާލުވި ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށް އެ ކުންފުނީގެ ދިވެހި ޑިރެކްޓަރު އަލީ އުސައިދު ތުހުމަތު ކުރައްވައި އެ މައްސަލަ ޕޮލިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވައިފި އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިޔުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ.

ވަކި މުއްދަތުތަކެއްގެ ތެރޭގައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން، އެއްބަސްވެފައިވީ ނަމަވެސް އެ ކުންފުނިން ހަވާލުވުމާ އެކު ހޮސްޕިޓަލުގެ ފެންވަރު ދަށްވީ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަން އެހެންވީ، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން ވިދާޅުވެފައިވާ ގޮތުގައި، ދިވެހި ޑިރެކްޓަރުންގެ މައްސަލަތަކާ ހެދި އެވެ. އެ ކުންފުނިން ހޮސްޕިޓަލް ހިންގަން ގަސްތުގައި ދަތިކޮށްފައިވާ ކަމަށް ވެސް ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި 14 ސޮފްހާގެ ސިޓީގައި ފައިޒަލް ވިދާޅުވެފައިވެ އެވެ.

ހޮސްޕިޓަލް ހިންގަން ފޮނުވި ފައިސާ ދިވެހި ޑިރެކްޓަރުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް، ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތު ވެސް އެ ސިޓީގައި ކޮށްފައިވެ އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ 20 ޕަސެންޓްގެ ހިއްސާ އޮންނަ، އުސައިދު "މިހާރު" އަށް ވިދާޅުވީ ރައީސަށް ފައިޒަލް ހުށަހެޅީ މުޅިން ވެސް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެ ކުންފުނިން ހަވާލުވީ ޓައިމްލައިނެއް ކަނޑައަޅައިގެން ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެއްވެސް ކަމެއް ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ނުދާ ކަމަށެވެ. އެންމެ ކުޑަމިނުން، ހޮސްޕިޓަލުން ދޭ ޚިދުމަތްތަކާ ގުޅޭ ސޮފްޓްވެއާ ވެސް މިހާތަނަށް ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށީ ހޮސްޕިޓަލް.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

އޭނާގެ އިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ދިވެހިންނަށް ތުހުމަތުތަކެއް ކުރީ، ނޫރުލް އިސްލާމުން ހިންގި ހިޔާނާތުގެ ބޮޑެތި އަމަލުތަކެއް ފަޅާއެރުމުން ކަމަށާއި ހެއްކާ އެކު އެ މައްސަލަތައް ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކޮށްދޭން އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އުސައިދު ތުހުމަތުކުރެއްވި ގޮތުގައި ނޫރުލް އިސްލާމުން ވަނީ އާސަންދަ ފައިސާ ނަހަމަ ގޮތުގައި ހޯދައިފަ އެވެ.

"ހޮސްޕިޓަލުން ހެދި އާސަންދަ ބިލްތަކުގައި އަގު އިންތިހާ އަށް ބޮޑުކޮށް ޖަހައިގެން މަކަރުހެދުމާއި އޮޅުވާލުން ހުރި ކަމަށް އަޑުއިވިގެން އެ މައްސަލަ ބެލުމުން ބޮޑުކަމަކަށް މިވީ. އެކަން ބެލިއިރު، އެ ތުހުމަތު ކުރެވޭނެ ޖާގަ އޮތް،" އެގޮތަށް އަގު އޮޅުވާލައިގެން ފުދޭވަރެއްގެ ބޮޑު އަދަދުތަކުން ފައިސާ ނަގާފައިވާކަން ފާހަގަކުރައްވައި، އުސައިދު ވިދާޅުވި އެވެ.

"ހަމައެކަނި ދައްކާ ވާހަކައެއް ނޫން މިއީ، [ކޮރަޕްޝަން ހިންގާފައިވާ ކަމަށް] އަޅުގަނޑުގެ އަތުގައި ޑޮކިއުމެންޓްސް އެބަހުރި."

އޭނާ ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ފޮނުވި ފައިސާ ދިވެހި ޑިރެކްޓަރުން ބޭނުންކުރި ކަމަށް ފައިޒަލް ކުރެއްވީ ވެސް ދޮގު ތުހުމަތެއް ކަމަށެވެ. އެއީ ތެދެއް ނަމަ ހެކި ދެއްކެވުމަށް އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑު ވަރަށް ސާބިތުކަމާ އެކު މި ދަންނަވަނީ ދިވެހި ޑިރެކްޓަރުންގެ އެކައުންޓަށް އެކި ފަހަރު މަތިން 130،000 ޑޮލަރު (ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ) ޖަމާކޮށްދީފައެއް ނުވޭ. ޖަމާކޮށްފައި އޮތިއްޔާ ރެމިޓަންސް ސްލިޕް ދައްކަވާ،" އުސައިދު ވިދާޅުވި އެވެ.

ޑޮކްޓަރުން ނުލިބިގެން ޚިދުމަތް ހުއްޓޭ ވާހަކަ ފައިޒަލް ޚާންގެ ސަމާލުކަމަށް ގެންނެވުމުން، ކައިރި ރަށްތަކުން ވަގުތީ ޑޮކްޓަރުން ހޯދަން އެދިވަޑައިގަތް ކަމަށް އުސައިދު ވިދާޅުވި އެވެ. އެކަމަކު އެއީ، އިންޑިއާގައި އޮންނަ އުސޫލުން ރާއްޖޭގައި ކަންކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް އެންގިޔަސް، އޭނާ ވިދާޅުވީ، ނޫރުލް އިސްލާމަށް އެކަމަށް ހައްލެއް ހޯދައިދެވިފައި ނުވާ ކަމަށެވެ.

ނޫރުލް އިސްލާމުން ތުހުމަތުކޮށްފައިވާ ގޮތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލަށް ނޮވެމްބަރު، 12، 2017 ގައި އަގު ބޮޑު ސިޓީ ސްކޭން މެޝިނެއް ފޮނުވާފައިވާ އިރު، ހުއްދަތަކެއް ނުލިބިގެން ކަމަށް ބުނެ ކަސްޓަމްސްގައި އެ މެޝިން "ތާށިވެފައި" ހުންނަތާ ދެ މަސް ވެދާނެ އެވެ. ސީޓީ ސްކޭނާއި އެހެން ވެސް އަގު ބޮޑު މެޝިންތައް ނުނެރެ ލަސްކުރަނީ ގަސްތުގައި ކަމަށް ވެސް އެ ކުންފުނިން ޝައްކުކުރެ އެވެ.

އެކަމަކު އުސައިދު ވިދާޅުވި ގޮތުގައި މެޝިން ނެރުމުގައި ލަސްވީ އެކަމަށް ދައްކަން ޖެހޭ 100،000ރ. އިންޑިއާ ކުންފުނިން ނުފޮނުވައިގެންނެވެ.

އޭނާ ވިދާޅުވީ ފަހުން އޭނާއަށް މައުލޫމާތުތައް ލިބިވަޑައިގެން އަދި ކަންކަން ބެއްލެވި އިރު ނޫރުލް އިސްލާމްގައި ހޮސްޕިޓަލް ހިންގުމުގެ ގާބިލްކަމެއް ވެސް އަދި ނިޔަތެއް ވެސް ނެތް ކަމަށެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލް އެ ކުންފުންޏަކަށް ނުހިންގޭނެ،" އުސައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޫރުލް އިސްލާމް އެޑިޔުކޭޝަނަލް ޓްރަސްޓަކީ އިންޑިއާގައި ދަަރުމައަށް މަސައްކަތް ކުރަން އުފައްދާފައިވާ ޓްރަސްޓެކެވެ. އެ ޓްރަސްޓުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގައި، ވިޔަފާރީގެ ފައިދާ ލިބޭ ގޮތަށް މަސައްކަތްކުރުން އިންޑިއާގެ ގާނޫނުތަކުން މަނާކުރާކަން ވެސް، ފަހުން އެނގިވަޑައިގެންނެވި ކަމަށް އުސައިދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނޫރުލް އިސްލާމުން ހަވާލުވި ފަހުން އެ ތަނުގެ ހިދުމަތްތަކުގެ ފެންވަރު ދަށްވެ ރައްޔިތުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

މި މައްސަލައިގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ހިނގަހިނގާ ހުރި ހޮސްޕިޓަލެއް އެފަދަ ކުންފުންޏަކާ ހަވާލުކުރުމުން އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް ކަމެއް ނުކުރެވުނު ތާނގައި އެތަން ކުރިން ހިންގަމުން ދިޔަ ފެންވަރުގައި ވެސް ހިންގާ ނުލެވުނު ކަމަށް ބުނެ އެއްބަސްވުން އުވާލަން އޭނާ ގޮވާލެއްވި އެވެ.