Roadha Mihaaru
ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް!

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ކުންފުނިން ތުހުމަތުތަކަކާ އެކު ރައީސަށް ޝަކުވާ

03 ޖެނުއަރީ 2018

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދެވޭ މައްސަލައިގައި، އެ ހޮސްޕިޓަލުގެ ވެރިންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރައީސް އަބްދުﷲ ޔާމީނަށް ޝަކުވާ ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދެވޭ މައްސަލައިގައި، އެ ހޮސްޕިޓަލުގެ ވެރިންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރައީސް އަބްދުﷲ ޔާމީނަށް ޝަކުވާ ހުށަހަޅައިފި އެވެ.

ނިމްސް ހޮސްޕިޓަލް ހިންގާ، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ ޖޫން، 19، 2017ގަ އެވެ. މަލްޓި ސްޕެޝަލިޓީ، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދާތީ، މިދިޔަ މަހުގެ ތެރޭގައި ހެލްތު މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެފަ އެވެ.

މި މައްސަލައިގައި ޝަކުވާ ބޮޑުވެފައި ވަނިކޮށް، ނޫރުލް އިސްލާމް އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން ވަނީ އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ލަސްވާން ދިމާވި މައްސަލައިގެ "ހަގީގަތް" ހާމަކޮށް ރައީސް ޔާމީނަށް 14 ސޮފްހާގެ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި، ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގައި އެ ކުންފުންޏަށް ދިމާވެފައިވާ ބޮޑެތި ދަތިތަކުގެ ތަފްސީލް ވެސް ރައީސް ޔާމީނާ ހިއްސާ ކުރައްވާފައިވެ އެވެ.

އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން:

- އެކި ދާއިރާތަކުން ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ސުޕަސްޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް ދިނުން.

- ޑައިގްނޯސްޓިކް ހިދުމަތްތައް/ ލެބޯޓްރީ ހިދުމަތާއި ސީޓީ ސްކޭން އަދި އެމްއާރުއައި ސްކޭންގެ ހިދުމަތް ދިނުން.

- އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރާއި ހަތަރު މަސް ތެރޭގައި 50 އެނދުން 150 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން.

- މަލްޓި ސްޕެޝަލިޓީގެ އިތުރުން ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާ އަށް ހާއްސަކުރުން. އޭގެ ތެރޭގައި ތެލެސީމިއާގެ މައްސަލަތަކާއި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނުން.

ކުޅުދުއްފުށީ ހޮސްޕިޓަލް. އެތަން މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަނީ ހެލްތު މިނިސްޓްރީން. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށީ ހޮސްޕިޓަލް. އެތަން މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަނީ ހެލްތު މިނިސްޓްރީން. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ނިމްސް އަށް ކުރިމަތިވި ވަކިވަކި މައްސަލަތަކުގެ ތަފްސީލުު ސިޓީގައި ހިމަނާފައިވާ އިރު، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ތިއްބެވި ދިވެހިންނާ މެދު ފައިސާގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެ މައްސަލަތަކުގައި ފިޔަވަޅު އަޅައިދޭން ވެސް އެދިފައިވެ އެވެ.

އެ ސިޓީގައިވާ ގޮތުން، ރާއްޖޭގައި އެ ކުންފުނީގެ ބޭންކް އެކައުންޓެއް ހުޅުވުން ލަސްވެ، ފައިސާ ޓްރާންސްފާ ކުރަން ޖެހެނީ ޑައިރެކްޓަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ދިވެހިންގެ އެކައުންޓްތަކަށެވެ. ވޭތުވެދިޔަ ހަ މަސް ތެރޭގައި އެކި ފަހަރު މަތިން 130،000 ޑޮލަރު (ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ) އެ އެކައުންޓްތަކަށް ފޮނުވާފައިވާއިރު އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.

ހޮސްޕިޓަލަށް ފޮނުވާ އަގު ބޮޑު މެޝިންތައް ކަސްޓަމުން ނެރުމުގައި ވެސް ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލަށް ނޮވެމްބަރު، 12، 2017 ގައި އަގު ބޮޑު ސިޓީ ސްކޭން މެޝިނެއް ފޮނުވާފައިވާ އިރު، ހުއްދަތަކެއް ނުލިބިގެން ކަމަށް ބުނެ ކަސްޓަމްގައި އެ މެޝިން "ތާށިވެފައި" ހުންނަތާ ދެ މަސް ވެދާނެ އެވެ. ސީޓީ ސްކޭނާއި އެހެން ވެސް އަގު ބޮޑު މެޝިންތައް ނުނެރެ ލަސްކުރަނީ ގަސްތުގައި ކަމަށް ވެސް އެ ކުންފުނިން ޝައްކުކުރެ އެވެ.

ހޮސްޕިޓަލަށް ފޮނުވާ މިފަދަ މެޝިންތައް ކަސްޓަމްގައި ގިނަ ދުވަސް ވުމަކީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް އެ ކުންފުންޏަށް ވެސް ކުރިމަތިވާނެ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ނޫރުލް އިސްލާމް ކުންފުނިން ބުނެފައި ވަނީ، ބޭސް އެތެރެ ކުރުމާއި އެ ނޫން ވެސް ސިއްހީ ޚިދުމަތްތަކާ ގުޅޭ އެކި ހުއްދަތައް ހޯދަން ވެސް ދަތިތަކެއް ކުރިމަތިކޮށްފައިވާ ކަމަށެވެ. ސިޓީގައި ބުނެފައިވާ ގޮތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން، ނޫރުލް އިސްލާމް ކުންފުންޏާއެކު ކުރަމުން އައި މުއާމަލާތްތައް މެދުކެނޑި ޑޮކްޓަރުން ހޯދައިި ރަޖިސްޓްރީ ކުރުމާއި އިމްޕޯޓް އެކްސްޕޯޓް ލައިސަންސް ލިބުން ލަސްވުމާއި އެތަނުން ކަނޑައަޅާ ޑޮކްޓަރުންނަށް ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވުން ފަދަ މައްސަލަތައް ހިމެނެ އެވެ.

ނޫރުލް އިސްލާމްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް: އެއްބަސްވުމާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ދޭން ލަސްވާ މައްސަލަތައް އޭނާ ވަނީ ރައީސް ޔާމީންގެ ސަމާލުކަމަށް ގެންނަވާފައި.  --ފޮޓޯ/މިހާރު

ނޫރުލް އިސްލާމްގެ މެނޭޖިން ޑިރެކްޓަރު ފައިޒަލް: އެއްބަސްވުމާ އެއްގޮތަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ދޭން ލަސްވާ މައްސަލަތައް އޭނާ ވަނީ ރައީސް ޔާމީންގެ ސަމާލުކަމަށް ގެންނަވާފައި. --ފޮޓޯ/މިހާރު

ނޫރުލް އިސްލާމް ކުންފުނީގެ ސިޓީގައި ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޚިދުމަތް ދިނުމާ ގުޅޭ ނިންމުންތައް ނިންމަން ޖެހެނީ އެއްބަސްވުމުގައިވާ ގޮތުން އެ ކުންފުނީގެ ހުއްދައާ އެކުގައި ކަމަށެވެ. ނަމަވެސް ބައެއް ކަންކަން، ލަފާ ވެސް ނުހޯދައި ދިވެހި ޑައިރެކްޓަރުން ނިންމާފައިވާ ކަން ކަންބޮޑުވުމާއެކު ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި، ޑައިރެކްޓަރުންގެ ނުފޫޒާއެކު ހޮސްޕިޓަލުގެ އެކި މަގާމްތަކަށް މީހުން އައްޔަންކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ނޫރުލް އިސްލާމް ކުންފުނިން ފޮނުވި މުވައްޒަފުންނާ މެދު ވަރަށް ބޭއަދަބީ އަދި އިހާނާތްތެރިކޮށް އަމަލުކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. މިއީ، ވެސް ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.

ނޫރުލް އިސްލާމް ކުންފުންޏަށް ދަތިތައް ކުރިމަތި ކުރަނީ، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގެ ގާބިލްކަން އެ ކުންފުނީގައި ނެތް ކަމަށް ދައްކައި، އެއްބަސްވުން ބާތިލްކުރަން ކަމަށް ވެސް އެ ކުންފުނިން ތުހުމަތުކޮށްފައިވެ އެވެ.

ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ހުރިހާ ޚަރަދެއް ވެސް ކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ނޫރުލް އިސްލާމް ކުންފުނިންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމާ ނިމްސް އިން ހަވާލުވި ފަހުން، އެ ތަނުގެ ހިދުމަތްތަކުގެ ފެންވަރު ދަށްވާ މައްސަލައިގައި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ހިނގަހިނގާ ހުރި ހޮސްޕިޓަލެއް ނިމްސްއާ ހަވާލުކުރުމުން އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް ކަމެއް ނުކުރެވުނު ތާނގައި އެތަން ހިންގަމުން ދިޔަ ފެންވަރުގައި ވެސް ހިންގާ ނުލެވުނު ކަމަށް ބުނެ އެއްބަސްވުން އުވާލަން އޭނާ ވަނީ ގޮވާލައްވައިފަ އެވެ.