Roadha Mihaaru
ކައުންސިލަރުންގެ އަމަލުގެ ސަބަބުން ގުޅުމަށް ބުރޫއަރާފާނެ

ކައުންސިލަރުން ޑިޕްލޮމެޓުންނާ ބައްދަލުކުރާ ނަމަ ގުޅުންތަކަށް ބުރޫއަރާފާނެ: މިނިސްޓަރު

16 ޑިސެމްބަރ 2017

ލޯކަލް ކައުންސިލަރުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވާ ނަމަ، ރާއްޖޭން ބޭރުގެ އެކި ގައުމުތަކާ އެކު ދިވެހި ސަރުކާރުން ބާއްވާ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލޯކަލް ކައުންސިލަރުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވާ ނަމަ، ރާއްޖޭން ބޭރުގެ އެކި ގައުމުތަކާ އެކު ދިވެހި ސަރުކާރުން ބާއްވާ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަޒްލީން މިހެން ވިދާޅުވިއިރު، ޚާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މަނާކޮށްފަ އެވެ. އަދި ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރައްވާފައިވާތީ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން މަހަށް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެލްޖީއޭ އިން އެ ފިޔަވަޅު އެޅީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ގއ. އަތޮޅު ކައުންސިލުން ބައްދަލު ކޮށްފައި ވަނިކޮށެވެ.

މި ނިންމުމާ ދެކޮޅު ހަދަމުން ގއ. އަތޮޅު ކައުންސިލުން ބުނެފައި ވަނީ ސަފީރާ އެ ބޭފުޅުން ބައްދަލު ކުރެއްވީ ސާކިއުލާ ނެރުމުގެ ކުރިން ކަމަށެވެ.

މި މައްސަލާގައި އަޒްލީން ވިދާޅުވީ ޚާއްސަ ހުއްދައަކާ ނުލައި، ކައުންސިލަރުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރުން މަނާ ކުރީ ރާއްޖޭގެ ސިޔާދަތާއި ދާޚިލީ މިިނިވަންކަން ކަށަވަރު ކުރުމަށް ކަމަށެވެ.

އެލްޖީއޭގެ ރައީސް ކަމުގައި ވެސް ހުންނަވާ އަޒްލީން ވިދާޅުވީ ވަކި ފިކުރަކަށް ބުރަވެ ތިބެ، ކައުންސިލްތަކުން ރާއްޖޭގެ ޚާރިޖީ އަދި ދާހިލީ ސިޔާސަތުތައް ބޭރުގެ ފަރާތްތަކާ ހިއްސާ ކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށެވެ. އަދި މި ފަދަ ފިޔަވަޅެއް އެޅުމުގެ އެއް ބޭނުމަކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ފޯރުވިޔަ ނުދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި އެކި ކަންކަމާ ގުޅޭގޮތުން ރާއްޖޭން ދެކޭގޮތް ނުވަތަ ސިޔާސަތުތައް ރަސްމީކޮށް ބޭރުގެ ފަރާތްތަކާ ހިއްސާ ކުރާނީ ސަރުކާރުންނެވެ. އެކަން ކައުންސިލަރުން ކުރަންވެއްޖެ ވެއްޖެ ނަމަ، ބޭރުގެ ގައުމުތަކާ އެކު ރާއްޖޭން ބާއްވާން ގުޅުންތަކަށް ބުރޫއަރާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް އެއް ހަމައަކުން، ފުށުނާރާ ގޮތަށް އަދި އެތެރޭގެ ކަންތައްތަކަށް ލޮޅުން ނާރާ ފަދަ ގޮތަކަށް ކުރިއަށް ގެންދެވޭނީ، ސަރުކާރުން މިކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރޭން ކުރުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކައުންސިލްތަކަކީ ސަރުކާރުން ދޭ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހެދިފައި އޮންނަ ފަށަލައެއް. އެއީ އެއްގޮތަކަށް ވެސް މުތުލަގު ބާރު ލިބިގެންވާ އިދާރާތަކެއް ނޫން. އަދި ކައުންސިލްތަކަކީ ވަކި ސަރުކާރެއްގެ ގޮތަށް ވަކި އަމިއްލަ އުސޫލުތަކެއްގައި މަސައްކަތްކުރާ ބައެއް ނޫން،" އަޒްލީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލްޖީއޭގޭ މި ނިންމުމަކީ ވަކި ގައުމެއްގެ ޑިޕްލޮމެޓުންނަށް ޚާއްސަކޮށްގެން އެންގި އެންގުމެއް ނޫން ކަމަށާއި އަދި މީގެ ސަބަބުން ބޭރުގެ ގައުމުތަކާ ރާއްޖޭން އޮންނަ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިންޑިއާގެ ސަފީރުގެ އިތުރުން އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ވަނީ މިދިޔަ ހަފުތާގައި ގދ. ތިނަދު އަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލު ކުރައްވައިފަ އެވެ. ޚާއްސަ ހުއްދައަކާ އެކު ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، އެލްޖީއޭއިން މަނާކުރީ ތިނަދޫގެ ކައުންސިލަރުންނާ އެކު ޑޯރިސް ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ.