Roadha Mihaaru
ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު: ރައީސް

ރައީސް، ސަފީރުންނަށް: ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު

27 ޖުލައި 2020

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އަދިވެސް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ރާއްޖެއަށް ލިބުން މުހިއްމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އަދިވެސް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ރާއްޖެއަށް ލިބުން މުހިއްމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުން ފާހަގަކުރަން، ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ޑިޕްލޮމެޓުންނަށް ހާއްސަކޮށްގެން ފޮރިން މިނިސްޓްރީން ވާޗުއަލްކޮށް ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން އިޖުތިމާއީ އަދި އިގުތިސާދީ ކަންކަމަށް ބުރޫއަރައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ކަމަށެވެ. އެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމެވެ. މާލެ ސަރަހައްދު، އޭޕްރީލް 15 އިން ފެށިގެން ލޮކްޑައުން ކުރުމަކީ ވެސް އުނދަގޫ ނިންމުމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑާ ދެކޮޅަށް ކުރިމަތިލައި، އެ ބަލި ކޮންޓްރޯލްކުރަން ސަރުކާރުން ދުރާލައި އަޅަމުންދިޔަ ފިޔަވަޅުތަކުގެ ސަބަބުން އެ ބައްޔަށް ފަހު އަލުން އާ އާއްމު ހާލަތަށް ގައުމުގެ ކަންކަން ރުޖޫއަވަމުން އަންނަކަމަށެވެ. އެ މަސައްކަތުގައި އަދިވެސް ބޭރުގެ ފަރާތްތަކުގެ އެހީ އާއި އެއްބާރުލުން ރާއްޖެއަށް ލިބުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އާއި ފޮރިން މިނިސްޓަރު ޝާހިދު (ވ) އަދި ފޮރިންގެ ސްޓޭޓް މިނިސްޓަރު ހަލީލް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އާއި ފޮރިން މިނިސްޓަރު ޝާހިދު (ވ) އަދި ފޮރިންގެ ސްޓޭޓް މިނިސްޓަރު ހަލީލް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަގުފަހިކުރުމުގެ މުހިއްމުު ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ކަންކަން އިންތިޒާމުވެފައިވާ ގޮތްތަކާއި އަދި އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކުރައްވާފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ބައިނަލްއަގުވާމީ މުޖުތަމައުއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ސަބަބުން ދުނިޔޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންގެން އަންނަ މަސައްކަތްތަކާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދަން ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދު ވެސް އެއްބާރުލުން ދެމުން ގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމަށް، މިހާރު ވެސް ބޭރުގެ އެކި ގައުމުތަކާއި ޖަމިއްޔާތަކުން އެހީތެރިކަން އަންނަނީ ދެމުންނެވެ. އެކުވެރި ގައުމުތަކުގެ އިތުރުން މާލީ އިދާރާތަކުން ވެސް އަންނަނީ އެހީތެރިވަމުންނެވެ.