Roadha Mihaaru
އިނގިރޭސި ސިފައިން ވަނީ ޖެނީވާ މުއާހަދާއާ ޚިލާފުވެފަ

އިނގިރޭސި ސިފައިން ވަނީ ޖެނީވާ މުއާހަދާއާ ޚިލާފުވެފައި: ހައި ކޯޓް

17 ޑިސެމްބަރ 2017

އިރާގުގެ ރައީސް ސައްދާމް ހުސައިން ވެރިކަމުން ދުރު ކުރުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން ކުރި ހަނގުރާމައިގައި އިރާގު ހިފުމަށް ފަހު، އިނގިރޭސި ވިލާތުގެ ސިފައިން ވަނީ އިރާގުގެ އާންމުންނާ ދެކޮޅަށް ވަރަށް އަނިޔާވެރި ލާއިންސާނީ އަމަލުތަކެއް ހިންގާފައި ކަމަށް އިނގިރޭސި ވިލާތުގެ ހައި ކޯޓުން ކަނޑައަޅައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އިރާގުގެ ރައީސް ސައްދާމް ހުސައިން ވެރިކަމުން ދުރު ކުރުމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން ކުރި ހަނގުރާމައިގައި އިރާގު ހިފުމަށް ފަހު، އިނގިރޭސި ވިލާތުގެ ސިފައިން ވަނީ އިރާގުގެ އާންމުންނާ ދެކޮޅަށް ވަރަށް އަނިޔާވެރި ލާއިންސާނީ އަމަލުތަކެއް ހިންގާފައި ކަމަށް އިނގިރޭސި ވިލާތުގެ ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި އިނގިރޭސި ސިފައިން އިރާގުގެ އާންމުންގެ ބައެއް މީހުން ހައްޔަރު ކުރުމަށް ފަހު އެ މީހުން ބިޑިއަޅުވައި ކަނު ބަނދެ ބަންޑުން ބެއިތިއްބުމަށް ފަހު އެމީހުންގެ ބުރަކަށި މަތީ ހިނގާ ހަދާފައިވެ އެވެ. އަދި އިނގިރޭސި ސިފައިންގެ އަތްދަށުވާ އިރާގުގެ އާންމުންނާ މެދު މުއާމަލާތު ކޮށްފައިވަނީ ވަރަށް ވަހުޝީ ގޮތެއްގައި ކަމަށް ވެސް އެ ކޯޓުގެ ހުކުމްގައިވެ އެވެ.

އިނގިރޭސި ހައި ކޯޓުން މި މައްސަލަ ބެލީ، ގާނޫނާ ޚިލާފަށް ހައްޔަރުކޮށް ލާއިންސާނީ ގޮތަކަށް މުއާމަލާތު ކުރި ކަމަށް ބުނެ އިރާގުގެ އާންމުންގެ ހަތަރު މީހަކު އިނގިރޭސި ސިފައިންގެ ދެ މީހަކާ ދެކޮޅަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. އެ ހުކުމްގައި ބުނެފައިވާ ގޮތުގައި އިނގިރޭސި ވިލާތުގެ ސިފައިން ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ދިން ކަމަށް ބުނާ އިރާގުގެ ހަތަރު މީހުންނަކީ، އިރާގުގެ ސަލާމަތާއި ރައްކާތެރި ކަމަށް އެއްވެސް ނުރައްކަލެއް ކުރިމަތި ކުރުވި ބައެއް ނޫން ކަމަށާއި އަދި އެއީ ޓެރަރިސްޓުން ނޫން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި އިނގިރޭސި ދިފާއީ ވުޒާރާ ވެސް ކުށްވެރިވާ ކަމަށް ބުނެފައިވެ އެވެ. އެއީ އިރާގު ހިފުމަށް ފަހު، އިރާގުގެ އާންމުން ހައްޔަރުކޮށްފައިވާތީ އެވެ. އެއީ އިނގިރޭސި ވިލާތް ބައިވެރިވެފައިވާ ޖެނީވާ މުއާހަދާ އާއި އިންސާނީ ހައްގުތަކާ ބެހޭ ޗާޓަރާ ވެސް ޚިލާފު ކަމެއް ކަމަށް އެ ހުކުމްގައި ބުނެފައިވެ އެވެ.

އިނގިރޭސި ސިފައިން އިރާގުގައި ލާއިންސާނީ ޖަރީމާތަކެއް ހިންގާފައިވާ ކަމަށް އިނގިރޭސި ހައި ކޯޓުން މި ނިންމީ، އިނގިރޭސި ސިފައިން ހަނގުރާމައިގެ ޖަރީމާތަކެއް ހިންގުމުގައި ގަބޫލުކުރެވޭ ފަދަ ކަންތައްތަކެއް ހުރި ކަމަށް ބުނެ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހުކުމް ކުރިތާ 10 ދުވަސް ފަހުންނެވެ.

ޖެނީވާ މުއާހަދާގައި ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ހާލަތުގައި ވެސް އިންސާނީ އަސާސީ ހައްގުތައް ހިމާޔަތް ކުރަންޖެހޭނެ އެވެ. އަދި ބަލި މީހުންނާއި ހަނގުރާމައިގައި އަނިޔާ ލިބޭ މީހުންނަށާއި ހަނގުރާމައިގެ އަސީރުންނަށް ފަރުވާ ކޮށްދޭންޖެހޭނެ އެވެ. އަދި ހަނގުރާމަ ހިނގާ ސަރަހައްދުގަ އާއި ހިފާފައިވާ ބިމެއްގައި ނަމަ އެ ތަނުގައި ދިރިއުޅޭ އާންމުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭނެ އެވެ.

އިނގިރޭސި ވިލާތުގެ ހައި ކޯޓުގެ މި ހުކުމާ ގުޅިގެން، އެ ދައުވާ ކުރި އިރާގުގެ ހަތަރު މީހުންނަށް ބަދަލުގެ ގޮތުގައި 113،200 ޑޮލަރު ލިބޭނެ އެވެ.